ފަގީރު ހާލުގައި އެކަނި ދަރިން ބަލާ މީހުންނަށް މިދިޔަ މަހު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން (އެންސްޕާއިން) 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ.
އެންސްޕާއިން މިއަދު އާންމުކޮށްފައިވާ، މިދިޔަ މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފަގީރު ހާލުގައި އެކަނި ދަރިން ބަލާ މައިންނާއި ބަފައިންގެ ތެރެއިން މާލީ އެހީ ލިބޭ މީހުންގެ އަދަދު 3310އަށް އަރައެވެ. އަދި 5،666 ކުދިންނަށް އެހީ ލިބެއެވެ.
އެ އެންމެންނަށް ޖުމްލަ 17،003،000 ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެންސްޕާގެ ތަފާސްހިސާބުގައިވަނީ، އެކަނި ދަރިން ބަލާ މައިންނާއި ބަފައިންގެ ރަޖިސްޓަރީއަށް މިދިޔަ މަހު 47 މީހުން އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. އެއާއެކު އެ ރަޖިސްޓަރީއަށް 90 ކުޑަކުދިން ވެސް އިތުރުވެފައިވެއެވެ.
އެންސްޕާގެ ތަފާސްހިސާބުގައި ވަނީ، އެ އެލެވެންސް ލިބޭ މީހުންގެ ތެރެއިން ތަފާތު ސަބަބުތަކާ ހުރެ ބައެއް މީހުންނާއި ކުދިން ރަޖިސްޓަރީން އުނިކޮށްފައިވާކަން ވެސް ހާމަކޮށްފައެވެ. އެގޮތުން 60 ބެލެނިވެރިންނާއި 107 ކުދިން އުނިކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.
އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ކޮންމެ ބެލެނިވެރިއަކަށް މަހަކަށް ދެނީ، ކުއްޖަކަށް 1000 ރުފިޔާއެވެ. އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 36000 ރުފިޔާ ކަމަށް ގަވައިދުގައިވެއެވެ.
އެންސްޕާއިން އެކަނިވެރި ބެލެނިވެރިންނަށް ދޭ އެހީ ހުއްޓާލާ ސަބަބުތަކުގެ ތެރޭގައި، އެހީ ލިބޭ މީހާ ކައިވެނިކުރުމާއި ކުއްޖާއަށް 18 އަހަރު ފުރުން ހިމެނެއެވެ. އަދި އެހީ ދިނީ ކުއްޖާގެ ބައްޕަ ނުވަތަ މަންމަ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔުމުން ކަމަށްވާނަމަ، އެ މީހަކު ދޫކޮށްލުމުން ވެސް އެންސްޕާގެ ދަފުތަރުން އުނިކުރެވޭނެއެވެ.
ހަމައެއާއެކު، އެހީ މެދުކަނޑާލެވިދާނެ ހާލަތްތައް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެހީ ލިބޭ ކުއްޖާއާއެކު އާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުމާއި، އެހީ ލިބެމުންދާ ބެލެނިވެރިޔާ ވަރިކުރި މީހަކާ އެއް ގޭބީސީއެއްގައި ދިރިއުޅެމުންދާ ނަމަވެސް އެހީ މެދުކަނޑާލެވިދާނެއެވެ.