އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިންނާއެކު، 154 ކުދިން އެންސްޕާގެ އެހީ ދޭ ދަފުތަރުން އުނިކޮށްފި

ކުޑަކުދިންތަކެއް: އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިއަކު ވަނީ އެހީ ޕްރޮގްރާމުތަކުގެ ދަފުތަރުން އުނިކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެކަނި ދަރިން ބަލަހައްޓާ 84 ބެލެނިވެރިއަކު، އެހީ ޕްރޮގްރާމުތަކުގެ ދަފުތަރުން މިދިޔަ މަހު އުނިކޮށްފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާއިން ވަނީ ނިމުނު ސެޕްޓެމްބަރު މަހު އިޖުތިމާއީ ރައްކާތެރިކަމުގެ އެހީ ޕްރޮގްރާމުން އެކިއެކި ސަބަބުތަކާހުރެ އުނިކޮށްފައިވާ މީހުންގެ ތަފުސީލު އާންމުކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ މަހު، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ދަފުތަރުން 84 ބެލެނެވެރިންނާއެކު، 154 ކުދިން ވަނީ ވަކިކޮށްފައެވެ. އެއީ މިދިޔަ އޯގަސްޓު މަހާ އަޅައިބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން އެ މަހު ދަފުތަރުން އުނިކޮށްފައިވަނީ 39 ބެލެނެވެރިންނާއި 80 ކުދިންނެވެ.

މީގެ އިތުރުން މިދިޔަ މަހު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ފޯރުކޮށްދޭ ދަފުތަރުން 22 އަންހެނަކާއި 27 ފިރިހެނަކު އުނިކޮށްފައިވެއެވެ. އެ ދަފުތަރުން އޮގަސްޓު މަހު އުނިކޮށްފައިވަނީ 14 އަންހެނުންނާއި 26 ފިރިހެނުންނެވެ.

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ކޮންމެ ބެލެނިވެރިއަކަށް މަހަކަށް ދެނީ، ކުއްޖަކަށް 1000 ރުފިޔާއެވެ. އަދި އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 36000 ރުފިޔާ ކަމަށް ގަވައިދުގައިވެއެވެ.

އެންސްޕާއިން އެކަނިވެރި ބެލެނިވެރިންނަށް ދޭ އެހީ ހުއްޓާލާ ސަބަބުތަކުގެ ތެރޭގައި، އެހީ ލިބޭ މީހާ ކައިވެނިކުރުމާއި ކުއްޖާއަށް 18 އަހަރު ފުރުން ހިމެނެއެވެ. އަދި އެހީ ދިނީ ކުއްޖާގެ ބައްޕަ ނުވަތަ މަންމަ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔުމުން ކަމަށްވާނަމަ، އެ މީހަކު ދޫކޮށްލުމުން ވެސް އެންސްޕާގެ ދަފުތަރުން އުނިކުރެވޭނެއެވެ.

ހަމައެއާއެކު، އެހީ މެދުކަނޑާލެވިދާނެ ހާލަތްތައް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެހީ ލިބޭ ކުއްޖާއާއެކު އާއިލާގެ ދިރިއުޅުން އެހެން ރަށަކަށް ބަދަލުވުމާއި، އެހީ ލިބެމުންދާ ބެލެނިވެރިޔާ ވަރިކުރި މީހަކާ އެއް ގޭބީސީއެއްގައި ދިރިއުޅެމުންދާ ނަމަވެސް އެހީ މެދުކަނޑާލެވިދާނެއެވެ.

comment ކޮމެންޓް