ސެމްސަންގުގެ ބިކްސްބީ އޭއައި އޭޖެންޓަކަށް ބަދަލުކުރަނީ

ބިކްސްބީން ކޮންމެ ދުވަހަކު ކުރި މަސައްކަތްތަކުގެ ތަފްސީލު ބަލައިލެވޭނެ އެކްޓިވިޓީ ލޮގެއްވެސް ހިމެނޭނެ ---

ސެމްސަންގުގެ ވޮއިސް އެސިސްޓެންޓް "ބިކްސްބީ" އަމިއްލައަށް މަސައްކަތްތައް ނިންމައިދޭ އޭއައި އޭޖެންޓަކަށް ބަދަލުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި ބަދަލު ފެނިގެންދާނީ ކުރިއަށް އޮތް ވަން ޔޫއައި 9.5 ސޮފްޓްވެއާ އަޕްޑޭޓާއެކުގައެވެ.

"ބިކްސްބީ ވޯކް" ގެ ނަމުގައި ސެމްސަންގުން އެތެރޭގައި ޓެސްޓު ކުރަމުންދާ މި ފީޗާގެ ސަބަބުން، ކުރިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ބެކްގްރައުންޑްގައި ތަފާތު މަސައްކަތްތައް އަމިއްލައަށް ނިންމުމުގެ ގާބިލުކަން ބިކްސްބީއަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންކަން ތަކުރާރުކޮށް ކުރުމާއި، ހޮޓާ ރޫމް ބުކްކުރުމާއި އަދި އެޕޮއިންޓްމަންޓްތައް ތާވަލުކުރުން ހިމެނެއެވެ.

މި ފީޗާ މަސައްކަތްކުރާ ގޮތުގެ މިސާލަކަށް ބަލާއިރު، ކޮންމެ ދުވަހަކު ހެނދުނު ފައިސާގެ މާރުކުރާ ރޭޓު ބުނެދިނުމަށް ބިކްސްބީއަށް އެންގުމުން، އެކަން ދެނެގަނެ އަމިއްލައަށް ތަކުރާރުވާ ޓާސްކެއްގެ ގޮތުގައި އެކަން ރޭވުމުގެ ގާބިލުކަން ލިބެއެވެ. ނަމަވެސް، މިފަދަ ކަންކަން ފެށުމުގެ ކުރިން ބޭނުންކުރާ ފަރާތުގެ ހުއްދަ ހޯދަންޖެހޭނެއެވެ.

https://sun.mv/216959

ޔޫޒަރު ހުއްދަ ދިނުމުން، އެ މަސައްކަތެއް ބިކްސްބީ އެޕްގެ "އެކްޝަންސް" ސެކްޝަނުގައި ރެކޯޑުވެގެންދާނެއެވެ. މި ސެކްޝަން މެދުވެރިކޮށް، އަމިއްލައަށް ހިންގާ މަސައްކަތްތައް ހުއްޓުވުމާއި، މުޅިން ކެންސަލްކުރުން ނުވަތަ ޕިންކޮށްފައި ބެހެއްޓުމުގެ އިޚްތިޔާރު ޔޫޒަރުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ބިކްސްބީން ކޮންމެ ދުވަހަކު ކުރި މަސައްކަތްތަކުގެ ތަފްސީލު ބަލައިލެވޭނެ އެކްޓިވިޓީ ލޮގެއްވެސް ހިމެނޭނެއެވެ. އަދި އެ މަސައްކަތެއް ފުރަތަމަ ހަވާލުކުރި ޗެޓް ކޮންވަސޭޝަނަށް އެނބުރި ގޮސް މައުލޫމާތު ސާފުކުރުމުގެ ފުރުސަތުވެސް ޔޫޒަރުންނަށް ލިބޭނެއެވެ.

މި އާ ފީޗާ ރަސްމީކޮށް އާންމުންނަށް ތައާރަފުކުރާނެ ތާރީޚެއް ސެމްސަންގުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ނެރޭ ގެލެކްސީ އެސް27 ސީރީޒްގެ ފޯނުތަކާއެކު ނެރޭ ވަން ޔޫއައި 9.5 ގައި މި ފީޗާ ހިމެނިގެންދާނެއެވެ.

comment ކޮމެންޓް