އެސް ޕެން ސަޕޯޓާއެކު ސެމްސަންގްގެ ގޫގުލްބުކްތަކެއް އަންނަނީ!

ސެމްސަންގުން މި ލެޕްޓޮޕްތަކާ ގުޅޭ އެއްވެސް ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވޭ ---

އެސް ޕެން ސަޕޯޓާއެކު ސެމްސަންގުން ތައްޔާރުކުރަމުންދާ އާ ގޫގުލްބުކް ލެޕްޓޮޕްތަކެއްގެ މައުލޫމާތު، ލީކުވެފައިވާ ވަން ޔޫއައި 9.5 ބީޓާ ކޯޑުން ފެނިއްޖެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ގޫގުލްބުކް ލޯންޗުކުރުމުގެ ހަފުލާގައި އޭސާ، އަސުސް، ލެނޯވޯ، ޑެލް އަދި އެޗްޕީ ފަދަ ލެޕްޓޮޕް އުފައްދާ ބޮޑެތި ކުންފުނިތަކުން އެ ކުންފުނިތަކުގެ ގޫގުލްބުކް މޮޑެލްތައް ތައާރަފުކުރި ނަމަވެސް ސެމްސަންގުން އެ ހަފުލާގައި ބައިވެރިވެފައެއް ނުވެއެވެ.

އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ލެޕްޓޮޕްތަކަކީ ކްރޯމް އޯއެސް ފަދަ ޑެސްކްޓޮޕް ތަޖުރިބާއެއް ލިބޭ، އަދި ޖެމިނައި އިންޓެލިޖެންސާއެކު އެންޑްރޮއިޑް ޓެކްނޮލޮޖީ ސްޓެކްއާ ގުޅިގެން މަސައްކަތްކުރާ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ.

އެންޑްރޮއިޑް އޮތޯރިޓީން ވަން ޔޫއައި 9.5 ބީޓާ ކޯޑު ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ސެމްސަންގުން ދަނީ "އޮރިޖިން 14 އައި ވައިފައި" އަދި "އޮރިޖިން 16 ވައިފައި" ގެ ނަމުގައި ދެ މޮޑެލްއެއް ތައްޔާރުކުރަމުންނެވެ.

މި ކޯޑުތަކުން ދޭހަވާ ގޮތުގައި މިއީ ހަމައެކަނި ވައި-ފައި ބޭނުންކުރެވޭ 14 އިންޗި އާއި 16 އިންޗީގެ ޑިސްޕްލޭ ހިމެނޭ ދެ ލެޕްޓޮޕެވެ.

މީގެ އިތުރުން، މި ކޯޑުތަކުގައި ކުއަލްކޮމްގެ ސްނެޕްޑްރެގަން އެކްސް އެލީޓް ޗިޕްސެޓަށް އިޝާރާތްކޮށްފައިވާއިރު، އެކްސްއީ 940 އަދި އެކްސްއީ 960 ގެ ނަމުގައި ދެ މޮޑެލް ނަންބަރެއްވެސް ވަނީ ފާހަގަކުރެވިފައެވެ.

ސެމްސަންގާއި އެކު ހަ ކުއްންފުޔަކުން މިހާރުވެސް ގޫގުލްބުކް އުފައްދާ ---

މި ހުރިހާ ހެކިތަކަކުން ސެމްސަންގުން ގޫގުލްބުކް އޯއެސް އަޅާފައިވާ ލެޕްޓޮޕްތަކެއް އުފައްދާކަން ޔަގީންވި ނަމަވެސް، ކޯޑުގައި 'ގޫގުލްބުކް' ނުވަތަ 'ގޫގުލްބުކް އޯއެސް' މި ނަންތައް ބޭނުންކޮށްފައި ނުވާތީ، ސެމްސަންގުން މި ލެޕްޓޮޕްތައް ބާޒާރަށް ނެރޭނީ މުޅިން އެހެން ބްރޭންޑް ނަމެއްގައި ކަމަށް ބެލެވެއެވެ.

އެހެން ކުންފުނިތަކުގެ ގޫގުލްބުކްތަކާ ހިލާފަށް ސެމްސަންގުގެ މި ލެޕްޓޮޕްތަކުގައި ހުންނާނެ އެންމެ ހާއްސަ އެއް ތަފާތަކީ، ގޫގުލްބުކް އޯއެސްގެ މަތިން ސެމްސަންގުގެ އަމިއްލަ ވަން ޔޫއައި އިންޓަފޭސް ބޭނުންކުރުމެވެ.

މިގޮތުން، ވަން ޔޫއައި ސިސްޓަމަށް 'އޮރިޖިން' ޑިވައިސްއެއް ދެނެގަނެވިއްޖެނަމަ އިތުރު ފީޗާތައް ލޯޑްކުރުމަށް ބީޓާ ބިލްޑްގައި ހާއްސަ އިރުޝާދުތަކެއް ހިމަނާފައިވާއިރު، ވަން ޔޫއައި 9.5 ބީޓާގައި ހިމެނޭ ސެމްސަންގް ވީޑިއޯ އެޑިޓަރުގެ ސޯސް ކޯޑުން ދައްކާ ގޮތުގައި 16 އިންޗީގެ "އޮރިޖިން 16 ވައިފައި" މޮޑެލްގައި ޓަޗްސްކްރީން އަދި އެސް ޕެން ސަޕޯޓްވެސް ހުންނާނެއެވެ.

ސެމްސަންގުން މި ލެޕްޓޮޕްތަކާ ގުޅޭ އެއްވެސް ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވާއިރު، ވަން ޔޫއައި 9.5 އާ މި ލެޕްޓޮޕްތަކާ ވަރަށް ބޮޑަށް ގުޅިފައިވާތީ، މި އުފެއްދުންތައް އެންމެ ފުރަތަމަ ފެންނާނެ ކަމަށް ބެލެވެނީ 2027 ވަނަ އަހަރުގެ ކުރީކޮޅު ވަން ޔޫއައި 9.5 ރިލީޒްކުރުމާ އެކުގައެވެ.

comment ކޮމެންޓް