ރަސްމާލެ ހިއްކަން ޚަރަދުވާނީ 330 މިލިއަން ޑޮލަރު: މުއްތަލިބު

މިނިސްޓަރު މުއްތަލިބު އަހާ ފޯރަމުގައި ވާހަކަދައްކަވަނީ.. ފޮޓޯ/ ރައީސް އޮފީސް

މުޅި ރަސްމާލޭގެ 1،009 ހެކްޓަރުގެ ބިން އެއްކޮށް ހިއްކުމަށް ދައުލަތުން ޚަރަދުވާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމުގައި އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ފޯރަމުގައި އާންމު ފަރާތަކުން ސުވާލުކުރީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ތަފާތު އެކި އަދަދުތައް ދެކެވޭއިރު، އެތަން އެއްކޮށް ހިއްކައި ނިމޭއިރު ދައުލަތުގެ ބަޖެޓުންނާއި އެހެނިހެން ވަސީލަތްތަކުން ޖުމްލަ ހިނގާނީ ކިހާ ޚަރަދެއްތޯ ސާފުކުރުމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށި ދުވަސްވަރު 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވުނު ކަމަށެވެ. އަދި އޭރު އެ އަދަދު ހިސާބުކުރީ އޭރުގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ހިނގި ޚަރަދަށާއި މާކެޓް ރޭޓުތަކަށް ބަލައިގެން، ގޮނޑުދޮށް ހިމާޔަތްކުރުން (ޝޯ ޕްރޮޓެކްޝަން) ވެސް ހިމަނައިގެން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްގެން، ޑްރެޖަރު ޗާޓަރުކޮށްގެން ވީހާވެސް ޚަރަދު ކުޑަކުރުމަށް ކުރެވުނު މަސައްކަތުން އެ ޚަރަދު ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިއަހަރު ނިމެންވާއިރަށް މުޅި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވާއިރު، މުޅި 1،009 ހެކްޓަރު ހިއްކުމަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިން 500 ހެކްޓަރަށް ޚަރަދުވާނީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަހަރު ނިމެން ވާއިރަށް އަދި ކޮންމެވެސް ވަރަކަށް ނުހިއްކި އޮތް ކަމުގައި ވީ ނަމަވެސް ޓާގެޓަކީ މިއަހަރު ނިމެން ވާއިރަށް ރަސްމާލެ ހިއްކައި ނިންމުން. އެހާތަނަށް ދާއިރުގައި ގާތްގަނޑަކަށް ޚަރަދުވާނީ 330 މިލިއަނެއްހާ ޑޮލަރު. މާނައަކީ މުޅި ރަސްމާލޭގެ 1009 ހެކްޓަރު ހިއްކުމަށްޓަކައި ދައުލަތުން ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ އަދަދަކީ 330 މިލިއަން ޑޮލަރޭ." މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

މީގެއިތުރުން، އެ މަޝްރޫއަށް 700 މިލިއަން ނުވަތަ 1،000 މިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ބުނެ ދައްކަނީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ދައްކާ ވާހަކަތަކެއް ކަމަށް ޑރ. މުއްތަލިބު ވިދާޅުވިއެވެ. އަދި މި މަޝްރޫއަށް ޚަރަދުވާ 330 މިލިއަން ޑޮލަރުގެ ބޮޑު ބައެއް، ޑޮލަރުގެ ދަތިކަމަށް އަސަރު ނުކުރާނޭހެން ދިވެހި ރުފިޔާއިން ދައްކާފައިވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް