ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓް (ކޭއޭއެފްޑީ) ގައި ހުންނަ ތެޔޮ ކުންފުނި ސައޫދީ އަރާމްކޯގެ އިދާރީ އިމާރާތަކަށް އަމާޒުކޮށް ހޫތީން ދިން ހަމަލާއެއްގައި އެ އިމާރާތަށް އިއްޔެ ގެއްލުންވެއްޖެއެވެ.
ސައޫދީގެ ހަކަތައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، އެ އިމާރާތަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާއެއްގެ ބައިތައް ވެއްޓި އިމާރާތުގެ އެކި ފަންގިފިލާތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ކުދިކުދި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ހޫތީން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.
ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ބުނީ، ރިޔާޟްގެ މަތިންނާއި ތެލުގެ މުއްސަނދިކަން ބޮޑު އީސްޓަން ޕްރޮވިންސްގެ މަތިން ހޫތީން ފޮނުވާލި މިސައިލްތަކެއް ވައިގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކުގައި ބޭނުންކުރި، ޔަމަނުގެ ސައަދާ އާއި ސަނާއާގައި ހުރި ބެލިސްޓިކް މިސައިލް ލޯންޗަރުތައް ވައިގެ ހަމަލާތަކެއްގައި ނައްތާލާފައިވާ ކަމަށްވެސް އެ ކޯލިޝަނުން ނެރުނު ދެ ބަޔާނެއްގައި ބުންޏެވެ.
މިދިޔަ ސެޕްޓެންބަރު މަހު ބާބުލް މަންދަބު ކަނޑުއޮޅިއާ ދިމާއަށް ހޫތީން ކުރިއަށް ޖެހުމާ ގުޅިގެން ހަމަލާތައް ވަނީ އިތުރުވެފައެވެ. ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނީ ރިޔާޟްގެ ބައިނަލްއަގުވާމީ ވައިގެބަނދަރަށްވެސް އަމާޒުކުރި ކަމަށެވެ. ނަމަވެސް ސައޫދީގެ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިދިޔަ އޮކްޓޫބަރު މަހު އެ ވައިގެބަނދަރަށް ދިން ހަމަލާއެއްގައި 13 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ. އަނެއްކޮޅުން، ސަނާއާ ކައިރިއަށް ސައޫދީން ދިން ވައިގެ ހަމަލާތަކެއްގައި މަދުވެގެން 40 މީހުން މަރުވި ކަމަށް ހޫތީންގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ. ސައޫދީގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެކަން ތަހުގީގުކުރަމުންދާ ކަމަށެވެ.
މި ހަމަނުޖެހުންތަކުގެ ތެރެއިން، މައްކާ ދިފާއީ އެއްބަސްވުމުގައި ހިމެނޭ ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާންގެ އިސް އޮފިޝަލުން ވަނީ އޮކްޓޫބަރު 26 ގައި އީރާންގެ ތެހެރާންގައި އެ ގައުމުގެ އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަރަހައްދީ ސުލްހައާއި ރައްކާތެރިކަމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެ ހަތަރު ގައުމުން ވަނީ އެއްބަސްވެފައެވެ. އަދި ބޭރުގެ އަސްކަރީ ބައިވެރިވުން ނުހިމެނޭ ގޮތަށް ސަރަހައްދީ ސަލާމަތީ އާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރިޔާޟްއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށް ތެހެރާންއިން ފަހުން ބުންޏެވެ.