ސެމްސަންގުގެ ފުރަތަމަ ސްމާޓް އައިނަށް ޕްރީ-އޯޑަރުކުރެވޭނެ ތާރީޚު އިޢުލާންކޮށްފި

ނޮވެމްބަރު 12 ގައި ޕްރީ-އޯޑަރަށް ހުޅުވާލުމާއެކު، އައިނުގެ ތަފާތު ޑިޒައިންތަކާއި، ކުލަތަކާއި އަދި ލެންސްގެ ބާވަތްތަކުގެ ތަފްޞީލުތައް ޢާންމުކުރާނެ ---

ސެމްސަންގު ކުންފުނިން އެންމެ ފުރަތަމަ ބާޒާރަށް ނެރުމަށް ތައްޔާރުވާ "ސްމާޓް އައިނު" ނުވަތަ އިންޓެލިޖެންޓް އައިވިއާއަށް ޕްރީ-އޯޑަރު ކުރުމުގެ ފުރުޞަތު ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު ހުޅުވާލާނެކަން ހާމަކޮށްފިއެވެ.

ސެމްސަންގާއެކު މި އައިނު ފަރުމާކުރުމުގައި ބައިވެރިވާ ވާބީ ޕާކާ ކުންފުނީގެ ކޯ-ސީއީއޯ ޑޭވް ގިލްބޯ ހާމަކުރެއްވި ގޮތުގައި، ނޮވެމްބަރު 12 ގައި ޕްރީ-އޯޑަރަށް ހުޅުވާލުމާއެކު، އައިނުގެ ތަފާތު ޑިޒައިންތަކާއި، ކުލަތަކާއި އަދި ލެންސްގެ ބާވަތްތަކުގެ ތަފްޞީލުތައް ޢާންމުކުރާނެއެވެ. އަދި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި މި އައިނު ރަސްމީކޮށް ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ސެމްސަންގާއި ގޫގުލް ގުޅިގެން އުފައްދާ މި ސްމާޓް އައިނު އެންމެ ފުރަތަމަ އިޢުލާންކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. އަދި އޭގެ ފަހުން ޖުލައި މަހުގެ ފަހުކޮޅު ވަނީ މި އައިނުގެ ޑިޒައިންތައް ރަސްމީކޮށް ދައްކާލާފައެވެ.

https://sun.mv/229853

މި ސްމާޓް އައިނު ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާއިރު، މިފަދަ ޓެކްނޮލޮޖީގެ ސަބަބުން ޕްރައިވެސީއަށް ކުރާ އަސަރުތަކާމެދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ޔޫރަޕްގެ ބައެއް ޤައުމުތަކުގައި، އޭގެ ތެރޭގައި ނޯވޭ އަދި ޖަރުމަނުވިލާތުގެ ހަމްބާގް ފަދަ ސިޓީތަކުގައި ސްމާޓް އައިނު ބޭނުންކުރުން މަނާކުރުމަށް ފިޔަވަޅުތައް އަޅަމުންދެއެވެ.

މީގެ އިތުރުން އެމެރިކާގެ ސެނެޓަރުންވެސް ވަނީ މެޓާގެ ސީއީއޯ މާކް ޒަކަބާގަށް ސިޓީއެއް ފޮނުވައި، ސްމާޓް އައިނުތަކުން އެއްކުރާ މަޢުލޫމާތާއި އޭއައި ތަމްރީނުކުރުމަށް އެ މަޢުލޫމާތު ބޭނުންކުރާ ގޮތާމެދު ސުވާލު އުފައްދާފައެވެ. ނަމަވެސް ސެމްސަންގާއި ގޫގުލްގެ މި އުފެއްދުމާއެކު ބާޒާރުގައި އޮތް ކަންބޮޑުވުންތަކުން ސަލާމަތްވެވޭނެކަން ނުވަތަ ނޫންކަން އެނގިގެންދާނީ ކުރިއަށް އޮތް ތަނުގައެވެ.

comment ކޮމެންޓް