ކޮންމެ މުވައްޒަފަކަށް އައިފޯނެއް ދީގެން ދިއްލީގެ ކުންފުންޏަކުން ދެއްކި މިސާލަށް މީސްމީޑިއާގެ ތައުރީފު

ދިއްލީގެ ރޯހިނީ ސަރަހައްދުގައި ހިންގަމުން އަންނަ "ފައިނޭންސާސާބު"ގެ މުވައްޒަފުންތަކެއް-- ފޮޓޯ/ އެންޑީޓީވީ

އިންޑިއާގައި ގިނަ ބަޔަކު ފާހަގަކުރާ ދިވާލީ ފެސްޓިވަލްގެ މުނާސަބަތާ ގުޅުވައިގެން، ވެރިރަށް ދިއްލީގެ ކުންފުންޏަކުން އެތަނުގެ ހުރިހާ މުވައްޒަފުންނަށް އަގުބޮޑު އައިފޯނު ހަދިޔާކުރުމާ އެކު، އެ ޚަބަރު މީސްމީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދައި ވައިރަލްވެއްޖެއެވެ.

ދިއްލީގެ ރޯހިނީ ސަރަހައްދުގައި ހިންގަމުން އަންނަ މާލީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުނި "ފައިނޭންސާސާބު"އިން އިންސްޓަގްރާމުގައި ހިއްސާކުރި ވީޑިއޯއިން ފެންނަނީ، މުވައްޒަފުން އޮފީހަށް އައުމުގެ ކުރިން ކޮންމެ މޭޒެއްގެ މަތީގައި ވަރަށް ފުރިހަމައަށް ރިބަން އަޅައި ޒީނަތްތެރިކޮށްފައިވާ އައިފޯނު ފޮށިތައް ބަހައްޓާފައި ހުރި ހިތްގައިމު މަންޒަރެވެ.

ހަދިޔާއަކަށް އައިފޯން ލިބުމާ އެކު މުވައްޒަފުން އުފާފާޅުކުރަނީ-- ފޮޓޯ/ އެންޑީޓީވީ

މި ކުއްލި ހަދިޔާއާ އެކު އޮފީހަށް ވަދެގެން އައި މުވައްޒަފުންގެ މޫނުމަތިން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހައިރާންކަމާއި ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އެއަށްފަހު، އެ އުފާވެރި ވަގުތުކޮޅު ފާހަގަކުރުމުގެ ގޮތުން މުވައްޒަފުން ވަނީ އައު ފޯނުތައް އަތަށް ލައިގެން ތަފާތު ގޮތްގޮތަށް ހިނިތުންވުމާ އެކު ކެމެރާއަށް ޕޯޒްކޮށްފައެވެ.

"ދިވާލީ ހަދިޔާގެ ވާހަކަ ދައްކާނަމަ ފައިނޭންސާސާބަކީ އަސްލު މިސާލު،" ކަމަށް ބުނެ އެ ކުންފުނިން ޕޯސްޓުކުރި މި ވީޑިއޯގެ އިތުރުން، އުފާފާޅުކުރުމުގެ ފޯރިގަދަ މަންޒަރުތައް ދައްކުވައިދޭ ދެވަނަ ވީޑިއޯއެއް ވެސް އެ ކުންފުނިން ވަނީ އާންމުކޮށްފައެވެ.

މި ޕޯސްޓުތައް ފެނިފައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަޖާ ކޮމެންޓުތަކެއް ކޮށްފައިވާއިރު، އެ ކުންފުނިން ވަޒީފާ ހޯދަން ބޭނުންވެގެން އެދިފައިވާ މީހުން ވެސް މަދެއް ނޫނެވެ. އާންމުންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ މި ވީޑިއޯތަކަށް މިހާތަނަށް ވަނީ ތިން މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

comment ކޮމެންޓް