އިންޓަނޭޝަނަލް އެމީ އެވޯޑްސް ޕްރެޒެންޓްކުރާ ދެކުނު އިންޑިއާގެ ފުރަތަމަ އެކްޓަރުގެ ޝަރަފު ވިޖޭއަށް

ދެކުނު އިންޑިއާގެ މަގުބޫލު އެކްޓަރު ވިޖޭ ސެތުޕަތީ-- ފޮޓޯ/ ބޮލީވުޑްހަންގާމާ

ބައިނަލްއަޤްވާމީ ޓެލެވިޜަން ދާއިރާގެ އެންމެ ޝަރަފުވެރި އެއް ހަފުލާ ކަމަށްވާ 54 ވަނަ އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި، އެވޯޑް ހަވާލުކޮށްދޭ ޕްރެޒެންޓަރެއްގެ ގޮތުގައި ތަމަޅަ ސިނަމާގެ މަޝްހޫރު ތަރި ވިޖޭ ސެތުޕަތީ ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރު ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވުނު މޮޅެތި އުފެއްދުންތަކުގެ އަގުވަޒަންކުރުމަށް ނިއުޔޯކް ސިޓީގެ މަންހަޓަންގައި ބާއްވާ މި ކުލަގަދަ ހަފުލާއިން އޭނާއަށް ލިބުނު މި ފުރުޞަތަކީ، އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ދުނިޔޭގެ ޕްލެޓްފޯމުގައި ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ދަ ހޮލީވުޑް ރިޕޯޓާ އިންޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި ބޮޑު ހަފުލާގެ ސްޓޭޖުން ވިޖޭ ސެތުޕަތީ ފެނިގެންދިޔުމުގެ ފަހަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެމީ އެވޯޑްސް އިންތިޒާމުކުރާ އިންޓަނޭޝަނަލް އެކަޑަމީ އޮފް ޓެލެވިޜަން އާޓްސް އެންޑް ސައިންސަސްގެ ބޯޑު މެންބަރު ކަވިތާ ގުޕްތާއެވެ. އޭނާއަކީ 2024 ވަނަ އަހަރު ބޭއްވި 52 ވަނަ އެމީ އެވޯޑްސް ހަފުލާ ހުށަހަޅައިދިން ފުރަތަމަ އިންޑިއާގެ ފަންނާނުގެ ގޮތުގައި މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ވީރު ދާސް ހަމަޖެއްސުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ފަރާތެވެ.

އެހެންކަމުން، މިއީ އިންޑިއާގެ ހުނަރުވެރިން ބައިނަލްއަޤްވާމީ ޕްލެޓްފޯމަށް ގެނައުމަށް އޭނާ ކުރަމުން ގެންދަވާ މަސައްކަތްތަކުގެ ކާމިޔާބު ކުރިއެރުމެކެވެ.

ވިޖޭ އަދި ބަތަލާ ކެޓްރީނާ ކައިފް ފިލްމު "މެރީ ކްރިސްމަސް"ގެ މަންޒަރެއްގައި-- ފޮޓޯ/ ބޮލީވުޑްހަންގާމާ

މި މަހުގެ 23ވާ ހޯމަ ދުވަހު އޮންނަ މި އެވޯޑް ހަފުލާގައި އިންޑިއާގެ ބައިވެރިވުން ހަމައެކަނި ޕްރެޒެންޓަރަކުން ނިމެނީއެއް ނޫނެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މުހިންމު ދެ ގިންތިއަކުން އިންޑިއާގެ ދެ އުފެއްދުމެއް ވަނީ ނޮމިނޭޓްވެ، ބޮޑު ކާމިޔާބީއަކާ ދިމާއަށް މިސްރާބު ޖަހާފައެވެ. އެގޮތުން މުހައްމަދު ޒީޝާން އައްޔޫބާއި މާނަވް ކޯލް މުހިންމު ރޯލުތަކުން ފެނިގެންދާ، އަދި މަހޭޝް މަތާއީ އާއި ރާޖޭޝް މަޕުސްކަރު ޑައިރެކްޓްކޮށްފައިވާ ސޮނީލިވްގެ ސްޕޯޓްސް ޑްރާމާ ސީރީޒް "ރިއަލް ކަޝްމީރު ފުޓްބޯލް ކްލަބް" ވަނީ އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑަށް ވާދަކުރަން ފުރުޞަތު ހޯދާފައެވެ.

މީގެއިތުރުން ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންގެ މަޤްބޫލުކަން ހޯދި ވީރު ދާސްގެ ކޮމެޑީ ސްޕެޝަލް "ފޫލް ވޮލިއުމް" އޮތީ އެންމެ މޮޅު ކޮމެޑީ ސީރީޒްގެ ކެޓަގަރީން ކުރި ހޯދުމުގެ ރޭހުގައެވެ.

މިއަހަރުގެ އެމީ އެވޯޑްސްގެ ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި 14 ނޮމިނޭޝަނާއެކު އިނގިރޭސިވިލާތް އޮތްއިރު، ދެވަނައިގައި ނުވަ ނޮމިނޭޝަނާއެކު އޮތީ ބްރެޒިލެވެ. އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑަށް އިންޑިއާގެ އުފެއްދުމާ ދެކޮޅަށް އިނގިރޭސިވިލާތުގެ "އަ ތައުޒަންޑް ބްލޯސް" އާއި ފްރާންސްގެ "ކަރޭމް" އަދި އާޖެންޓީނާގެ "މެނެމް" ވާދަކުރެއެވެ. ހަމައެއާއެކު، އެންމެ މޮޅު ކޮމެޑީ ސީރީޒްގެ ޓްރޮފީއަށް އިންޑިއާގެ ވާދަވެރިންގެ ގޮތުގައި ތިބީ އާޖެންޓީނާގެ "ޑިވިޝިއޮން ޕަލޭމޯ - ސީޒަން 2" އާއި އިނގިރޭސިވިލާތުގެ "މޭން ވާސަސް ބޭބީ" ގެ އިތުރުން ސްޕެއިންގެ "އޯލްޑް ޑޮގް، ނިއު ޓްރިކްސް" އެވެ.

ދުނިޔޭގެ ނަން މަޝްހޫރު ފަންނާނުންނާއި މޮޅެތި އުފެއްދުންތަކުގެ މެދުގައި އޮތް ފޯރިގަދަ ވާދަވެރިކަމުގެ ސަބަބުން، މިއަހަރުގެ އެމީ އެވޯޑްސް ވެގެންދާނީ މުޅި ދުނިޔޭގެ ސަމާލުކަން އެއްދިމާއަކަށް ހުއްޓުވާލާނެ ފޯރިގަދަ ހަފުލާއަކަށެވެ.

comment ކޮމެންޓް