"ހޯމް އެލޯން"ގެ އާ ފިލްމާއެކު މެކޯލޭ ކަލްކިން އަލުން އެނބުރި އަންނަނީ

ފިލްމު "ހޯމް އެލޯން"ގައި ކެވިން މެކަލިސްޓާގެ ރޯލް ކުޅުނު ތަރި މެކޯލޭ ކަލްކިން--ފޮޓޯ/ޕީޕްލް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "ހޯމް އެލޯން" ފްރެންޗައިޒްގެ އާ ސީކުއެލްއެއް އުފެއްދުމުގެ އަމަލީ މަސައްކަތްތައް ވޯލްޓް ޑިޒްނީ ކުންފުނިން ފަށާފައިވާކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުބާރު ހުރި މަސްދަރުތަކުން ހާމަކޮށްފިއެވެ.

މަޝްހޫރު "ވެރައިޓީ" މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތާރީޚީ ޕްރޮޖެކްޓްގައި އަސްލު ފިލްމުގެ ލީޑް ތަރި މެކޯލޭ ކަލްކިން އަލުން އެނބުރި އަންނަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމު އުފެއްދުންތެރިން ކަމަށްވާ ސެތު ރޯގެން އަދި އީވާން ގޯލްޑްބާގާއެކުގައެވެ.

މި ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތުގައި ރޯގެން އަދި ގޯލްޑްބާގާއެކު ކަލްކިން އަމަލީގޮތުން ހިއްސާވަމުންދާއިރު، އެ ދެ މީހުންގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ "ޕޮއިންޓް ގްރޭ" މެދުވެރިކޮށް ފިލްމު ޕްރޮޑިއުސް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ފިލްމުގެ ވާހަކަ ބިނާވެފައިވާ ގޮތާއި ކާސްޓުންގެ ތަފްސީލުތައް އަދިވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. އަދި މި މަޝްރޫއާ ގުޅޭގޮތުން ޑިޒްނީން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ހާމަކޮށްފައެއް ނުވެއެވެ.

"ހޯމް އެލޯން"ގެ އާ ފިލްމުގެ މަސައްކަތަށް ފުރިހަމައަށް ހުސްވުމުގެ ކުރިން، ރޯގެން އަދި ގޯލްޑްބާގް ގެންދަނީ ޔުނިވާސަލް ޕިކްޗާސްއަށް އުފައްދާ އޮރިޖިނަލް ބިރުވެރި ކޮމެޑީ ފިލްމެއްގެ ތައްޔާރީތައް ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ. އެ ފިލްމުގެ ޑައިރެކްޝަންގައިވެސް އިސްކޮށް ހަރަކާތްތެރިވާނީ އެ ދެ ފަރާތުންނެވެ.

ފިލްމު "ހޯމް އެލޯން"ގައި ކެވިން މެކަލިސްޓާގެ ރޯލް ކުޅުނު ތަރި މެކޯލޭ ކަލްކިންގެ ފަހުގެ ފޮޓޯއެއް--ފޮޓޯ/ޕީޕްލް

މީގެ 36 އަހަރު ކުރިން ސިނަމާތަކަށް އައި އަސްލު "ހޯމް އެލޯން" ފިލްމުގައި، އޭރު ޢުމުރުން އެންމެ ނުވަ އަހަރުގެ ކަލްކިން ފެނިގެންދިޔައީ ކެވިން މެކަލިސްޓާގެ ރޯލުންނެވެ. ކްރިސްމަސް ޗުއްޓީއަކަށް އާއިލާ ފުރައިގެން ދާއިރު އޮޅުމަކުން ގޭގައި އެކަނި ބެހެއްޓޭ ކެވިން، ފުރަތަމަ ލިބުނު މިނިވަންކަމާމެދު އުފާކުރި ނަމަވެސް، ފަހުން ޖެހެނީ "ވެޓް ބޭންޑިޓްސް"ގެ ނަމުން މަޝްހޫރުވެފައިވާ ދެ ވަގުންގެ ކިބައިން ގެ ސަލާމަތްކުރުމަށް މަޖާ އަދި ވިސްނުންތެރި އުކުޅުތަކެއް ބޭނުންކުރާށެވެ. ޖޯ ޕެޝީ އަދި ޑެނިއަލް ސްޓާން އެ ދެ ވަގުންގެ ރޯލު ފުރިހަމަކޮށްދިންއިރު، ކްރިސް ކޮލަމްބަސް ޑައިރެކްޓްކޮށް ޖޯން ހިއުޒް ސްކްރީންޕްލޭ ލިޔުނު އެ ފިލްމުގައި ކެތަރިން އޯހާރާ، ޖޯން ހާޑް އަދި ރޮބަޓް ބްލޮސަމް ފަދަ ތަރިންގެ ކުޅަދާނަ އެކްޓިންގް ފެނިގެންދިޔައެވެ.

އެ ފިލްމަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއާއެކު 1992 ވަނަ އަހަރު ނެރުނު ދެވަނަ ބައި، "ހޯމް އެލޯން 2: ލޮސްޓް އިން ނިއުޔޯކް"ގައި ފެނިގެންދިޔައީ ނިއުޔޯކް ސިޓީގައި ކެވިން އެކަނިވެ، ކުރިން ދިމާވި ދެ ވަގުންނާ އަލުން ކުރިމަތިލާން ޖެހޭ ހިތްގައިމު މަންޒަރުތަކެވެ. އޭގެ ފަހުން 1997 ވަނަ އަހަރު ރާޖާ ގޮސްނެލް ޑައިރެކްޓްކޮށް، ޖޯން ހިއުޒް ސްކްރީންޕްލޭ ލިޔެގެން ނެރުނު ތިންވަނަ ފިލްމަކީ އަސްލު ފިލްމުގެ ރީބޫޓެއްގެ ގޮތުގައި، ކަލްކިންގެ ބަދަލުގައި އެލެކްސް ޑީ. ލިންޒް މައިގަނޑު ރޯލަށް ގެނެސްގެން އުފެއްދި ފިލްމެކެވެ. މީގެ އިތުރުން، މި ސިލްސިލާގެ ހަތަރުވަނަ އަދި ފަސްވަނަ ފިލްމު ޓީވީއަށް ޚާއްސަކޮށްގެން އުފެއްދިއިރު، ހަވަނަ ފިލްމު "ހޯމް ސްވީޓް ހޯމް އެލޯން" ވަނީ ޑިޒްނީ ޕްލަސް މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

"ހޯމް އެލޯން"ގެ އާ ބައެއް އުފެއްދުމުގެ އަޑުތައް މިފަހުން އެންމެ ބޮޑަށް ގަދަވެގެން ދިޔައީ، ކްރިސްމަސްއާ ގުޅުވައިގެން މެކްޑޮނަލްޑްސްއިން ގެނެސްދިން އިޝްތިހާރެއްގައި ބޮޑުވެފައިވާ ކެވިން މެކަލިސްޓާގެ ރޯލުން މެކޯލޭ ކަލްކިން އަލުން ފެނިގެންދިއުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދުނު ބޮޑު ޝައުގުވެރިކަމާއެކުގައެވެ.

comment ކޮމެންޓް