"ގެއްލުނު ކަނޑު" ހޯއްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތްނުކުރައްވާ ކަމަށް ވިދާޅުވެ، އެ މަސައްކަތްކުރުމަށް ރިޔާސީ އިތުރު ކޮމިޝަނެއް އުފެއްދެވީ ކީއްވެތޯ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ސުވާލު އުފައްދަވައިފިއެވެ.
ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ، މި ސަރުކާރަށް ތިން އަހަރުވީ އިރު "ގެއްލުނު ކަނޑު" ހޯދަން ކުރެވުނީ ކޮން ކަމެއްތޯ ސުވާލުކުރައްވައިފައެވެ.
ޔާމީން ވަނީ، އެއް ކޮމިޝަނަށް ނުކުރެވުނު ކަމެއް ދެވަނަ ކޮމިޝަނުން ކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.
ގެއްލުނު ކަމަށް ބުނާ ކަނޑު ހޯދުމަށް ރައީސް އެއްގޮތަކަށް ވެސް މަސައްކަތްނުކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
"ހަމަ ސީރިއަސް، އެކަން ކުރާކަށް ނޫޅުއްވާ، އެކަން ކުރަން ނުޅުއްވައޭ މި ދަންނަވާ ސަބަބަކީ ކޮބައިތޯ؟ ހަމަ ރައީސްގެ ގަރާރަކުން ފުރަތަމަ ކޮމިޝަން އުފެއްދެވީ، ބަލަހައްޓަން ހަވާލުކުރީ ބަންޑާރަނައިބާ، ދެން މިހާރު އެ ރައީސްގެ ގަރާރު ބާތިލުވީހެއްޔޭ؟ ނޫނީ މިހާރު އެހެން ރައީސެއް ހުރީ ހެއްޔޭ؟ ނޫނީ ޓާމްސް އޮފް ރިފަރެންސް ބަދަލުވީހެއްޔޭ؟ ކީއްވެގެންހޭ ދެވަނަ ރިޔާސީ ކޮމިޝަނެއް އުފައްދަންވީ؟" އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް މި ސަރުކާރުން ދެކޭތީ، އެ މައްސަލައިގައި ކުރީ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ޓަކައި ރައީސް ވަނީ މި މަހުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފައެވެ.
ހަމަ އެހެންމެ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، ރާއްޖޭގެ ސަރަހައްދުތަކާ ގުޅޭ ޚިލާފުތަކާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމަށް ޓަކައި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް"ގެ ނަމުގައި ވެސް ރައީސް ވަނީ އޭޕްރިލް މަހު އިދާރާއެއް އުފައްދަވައިފައެވެ. ބެލެވޭ ގޮތުގައި ފުރަތަމަ ރިޔާސީ ކޮމިޝަންކަމަށް ޔާމީން އިޝާރާތްކުރެއްވީ މި އިދާރާއަށެވެ.
ރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީހެއް ގާއިމްކުރައްވާނެކަން ރައީސް ހާމަކުރެއްވީ، މިދިޔަ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށް، އެމަނިކުފާނު މިދިޔަ އަހަރު ވިދާޅުވެފައިވެއެވެ.
އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ ތިންވަނަ ދުވަހު ބޭއްވި 14 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކަނޑުގެ ސަރަހައްދުން ދޫކޮށްލި ބައި ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވެސް ދެންނެވި ކަމަށެވެ. ނަމަވެސް އެ މަސައްކަތަކީ މިއަދާ ހަމައަށް އައިއިރު ވެސް ވަރަށް އުނދަގޫ، ކަވި މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް ބޭރުގެ މާހިރުންގެ އެހީއާއި ލަފާ ހޯދާފައި ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކުން މީގެ ކުރިން ގޮވާލައިފައިވެއެވެ. އަދި، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.
އެ ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.
އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ.