ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ކޯޓުން މިއަދު އިތުރު 14 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ ޒިހާންގެ ބަންދަށް ކުރިން ޖަހާފައިވާ 15 ދުވަހުގެ މުއްދަތު މިއަދު ހަމަވުމާ ގުޅިގެން، ތަހުގީގު ކުރިއަށްދާތީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުގައި އެދުނުކަމަށާއި، ކޯޓުން އެކަން ބަލައިގަނެ އިތުރު 14 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.
މި މައްސަލައިގައި ޒިހާން ހައްޔަރުކުރީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން، މިދިޔަ މަހުގެ ތެރޭގައެވެ. އެ ޕޯސްޓުގައި އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ބުނެފައިވީ ނަމަވެސް، ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން ޒިހާން ވަނީ އެ ޕޯސްޓު ފޭސްބުކުން ޑިލީޓްކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށްޓަކައި ޒިހާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ޖެހުނީ ކަމަށެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތަޢުލީމު ޙާޞިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން، މި ސަރުކާރުން ޒިހާނަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް އޭނާ ވަކިކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ، ދައުލަތުގެ މުހިންމު އިމާރާތްތަކަށް ގެއްލުންދިނުމަށާއި ނުރައްކާތެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހިންގާ މިފަދަ ކަންކަން އެ އިދާރާއިން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.