ބައެއް އިމާރާތްތަކާއި އުޅަނދުތަކުގައި ހުޅު ޖަހަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލި މައްސަލައެއްގައި ހައްޔަރުކުރި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު އަލީ ޖުމާން (ޑެތު) އިތުރު 15 ދުވަހަށް ބަންދުކުރުމަށް އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އޭނާ ހައްޔަރުކުރީ، މިދިޔަ މަހު 22ގައެވެ. އޭގެ އެއް ދުވަސް ފަހުން، ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް އޭރު 12 ދުވަސް ޖެހިއެވެ.
އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ޖުމާންގެ މައްޗަށް އިތުރު 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ. އެ މުއްދަތު ހަމަވާނީ، މި މަހު 19 ވަނަ ދުވަހަށެވެ.
ކޯޓު އަމުރުން އެނގޭ ގޮތުގައި، އޭނާއަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ.
އެ މައްސަލައިގައި އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާއި ފުލުހުންގެ ބަޔާން ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އެކްސްގައި އޭނާ ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެން ކަމަށް ފާހަގަކޮށް، އެ ޕޯސްޓާ ގުޅޭ ރިޕޯޓެއް ވެސް ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން "ލޫޓުވައިފި ލޫޓުވައިފި"ގެ ނަމުގައި ބޭއްވި ބޮޑު މުޒާހަރާއިން ވެސް ޖުމާން ހައްޔަރުކޮށްފައިވެއެވެ.
ޖުމާންގެ ބަންދަށް އިތުރު ދުވަސް ޖެހިއިރު، މީގެ ދުވަސްކޮޅެއް ކުރިން 'އެކްސް' އެކައުންޓުގައި ކޮށްފައިވާ ޕޯސްޓު ވަނީ ޑިލީޓުކޮށްލައިފައެވެ.
އޭނާ ހައްޔަރުކުރުމުގެ ކުރިން މިފަދަ އިތުރު މައްސަލައެއްގައި ވެސް މީހަކު ހައްޔަރުކުރިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލުމުގެ ތުހުމަތުގައި މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ހައްޔަރުކޮށް އޭނާ ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.