ރާއްޖެއަށް ގިނަ އަދަދެއްގެ ކޮކޭން އެތެރެކުރުމަށް އެހީތެރިވެދިނުމާއި، ކެނެބިސް ޕެޑްލްކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހިމެނޭހެން މަސްތުވާތަކެތީގެ ހަތަރު ދައުވާއެއް ސާބިތުވި މީހަކު 26 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ހަތަރު މައްސަލައަކީ ވެސް ކްރިމިނަލް ކޯޓުގެ ގާޟީ ޢަލީ ނަދީމް ބައްލަވައި، މިދިޔަ އާދިއްތަ ދުވަހު ހުކުމް އިއްވެވި މައްސަލަތަކެކެވެ. އެ މައްސަލައިގައި ދައުވާތައް އުފުލައިފައިވަނީ ކ. މާލެ، މ. އިދާލާ، ޢާލިފް ވަޙީދުގެ މައްޗަށެވެ.
އެއާޕޯޓުން ކޮކޭން އެތެރެކުރުމަށް އެހީތެރިވުމާއި އަތުން ކޮކޭން ފެނުނު މައްސަލަ
ޢާލިފްގެ މައްޗަށް އެންމެ ބޮޑު ކުށަކަށް ސާބިތުވެފައިވަނީ ނައިޖީރިއާގެ ރައްޔިތެއް ކަމަށްވާ އެމެނުއެލް ޖޯންޕޯލް އޮކޯންނާޗީ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެހީތެރިވެދިން މައްސަލައިގައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭޕްރީލް 3، 2024 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނުގައި، އޮކޯންނާޗީ ދިރުވާލައިގެން ރާއްޖެ އެތެރެކުރި 82 ބުލެޓުން ޖުމްލަ 1،257 ގްރާމް (1.2 ކިލޯއަށް ވުރެ ގިނަ) ކޮކޭން ވަނީ އަތުލައިގެންފައެވެ.
ފުލުހުންގެ ހެކިބަހުންނާއި ލިޔެކިޔުންތަކުން ސާބިތުވި ގޮތުގައި، އޮކޯންނާޗީ ރާއްޖެ އައުމުން ހުރުމަށްޓަކައި ޝެރަޓަން މޯލްޑިވްސް ރިސޯޓުންނާއި ކ. ގުރައިދޫ ޕާމް އިން ގެސްޓްހައުސްއިން ބުކިން ހަދައި، އެކަމަށް ޢާލިފްގެ އަމިއްލަ އެކައުންޓުން ވަނީ ފައިސާ ދައްކާފައެވެ. އަދި އޮކޯންނާޗީ ރާއްޖެ އައި ވަގުތު އެއާޕޯޓަށް ގޮސް، އޭނާއަށް ފާރަލައި ހަރަކާތްތައް މޮނިޓާކޮށް އެހީތެރިވެދީފައިވަނީ ޢާލިފެވެ. އެހެންކަމުން، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ މާއްދީ އަދި މައުނަވީ ރުކުން ސާބިތުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މި މައްސަލައިގައި 18 އަހަރުގެ ހުކުމަކާއެކު 75،000 ރުފިޔާގެ ޖޫރިމަނާއެއް ކުރިއެވެ.
މީގެ އިތުރުން، އެ ދުވަހު އެއާޕޯޓުން ޢާލިފް ހުއްޓުވައި ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުގައި އޮތް ވޮލެޓު ތެރެއިން 0.3931 ގްރާމްގެ ކޮކޭން (ތިން ރަބަރު ޕެކެޓް) ވަނީ ފެނިފައެވެ. އެހެންކަމުން އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ނިންމައި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ތިން އަހަރު ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
ކޮޓަރިން ފެނުނު ކެނެބިހާއި ޔޫރިން ޕޮޒިޓިވްވި މައްސަލަ
ދެން ހިމެނެނީ އޭޕްރީލް 12، 2022 ގައި ޢާލިފް ދިރިއުޅޭ މ. އީޑަބްލިޔުޓީ ގޭގެ ކޮޓަރި ބަލައި ފާސްކުރިއިރު އަލަމާރި މަތިން ފެނުނު މަސްތުވާތަކެއްޗާ ގުޅިގެން ހިންގި ޝަރީއަތްތަކެވެ.
ކެނެބިސް ޕެޑްލްކުރުން: އެ ކޮޓަރީގައި ހުރި އަލަމާރި މަތިން 9.0499 ގްރާމްގެ ކެނެބިސް އަޅާފައި ހުރި ތިން ފިލްމު ދަޅު ފެނުނު މައްސަލައިގައި، ދައުލަތުން އޭނާގެ މައްޗަށް ކުރީ ކެނެބިހުން މުއާމަލާތުކުރުމުގެ ދައުވާއެވެ. ނަމަވެސް، ޢާލިފަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއް ކަމަށާއި، އެ ތަކެއްޗަކީ އޭނާ އަމިއްލައަށް ބޭނުންކުރަން ގެންގުޅުނު އެއްޗެއް ކަމަށް އޭނާ އިއުތިރާފުވުމުން، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޯޓުން ވަނީ އެ ކުށް "ކެނެބިސް ޕެޑްލްކުރުމުގެ ކުށް" ކަމަށް ބަދަލުކޮށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
މި ކުށުގެ އަދަބެއްގެ ގޮތުން ޢާލިފް ފަސް އަހަރަށް ޖަލަށްލުމާއެކު 15،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކުރިއެވެ. އަދި ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމަށްފަހު، މި މައްސަލައިގައި އޭނާ ތަންފީޒުކުރަން ޖެހެނީ ހަތަރު އަހަރާއި ފަސް މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ކުޑަކަމުދާތަކެތި ޕޮޒިޓިވްވުން: ހަމަ އެ ދުވަހު އޭނާ ހައްޔަރުކޮށްގެން ކުޑަކަމުދާތަކެތި ތަހުލީލުކުރިއިރު ކޮކޭންއަށް ޕޮޒިޓިވްވެފައިވާތީ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދައުވާ ސާބިތުވެ، އިތުރު ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
ދިފާއީ ނުކުތާތައް ބަލައިނުގަތް ސަބަބު
މި މައްސަލަތަކުގައި ދިފާއުން ވަނީ ހެކީންގެ ހެކިބަހުގައި ވަގުތުތަކުގެ ފުށުއެރުންތަކެއް ހުރި ކަމަށާއި، ފުލުހުންގެ ހެކިބަހަކީ އިވުމުގެ މައްޗަށް ބިނާވެފައިވާ ހެކި ކަމަށް ބުނެފައެވެ. އަދި ތަހުލީލު ސާމްޕަލްތަކުގެ ޗެއިން އޮފް ކަސްޓަޑީއާ މެދުވެސް ސުވާލު އުފެއްދިއެވެ.
ނަމަވެސް ގާޟީގެ ހުކުމުގައި ފާހަގަކުރައްވާފައިވަނީ، ހެކިންގެ ބަހުގައި ހުރި ކުދި ފުށުއެރުންތަކަކީ މައްސަލައިގެ އަސްލަށް ނުވަތަ ޖައުހަރަށް އަސަރުކުރާ ފަދަ ކަންކަން ނޫން ކަމަށެވެ. އަދި ފުލުހުންގެ ހެކިބަހުގެ އިތުރުން ފޯނުގެ ފޮރެންސިކް ރިޕޯޓުތަކާއި، ބޭންކް ޓްރާންސްފާ ސްލިޕްތަކާއި، ރިސޯޓު އަދި ގެސްޓްހައުސް އިންވޮއިސްތަކާއި ލެބޯޓަރީ ރިޕޯޓުތަކުން މައްސަލައިގެ ހުރިހާ ރުކުނެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކޯޓުގެ ނިންމެވުމުގައިވެއެވެ.
ދައުލަތުން މި މައްސަލަތަކުގައި ކުރި ހަތަރު ދައުވާ ސާބިތުވެ، ޖުމްލަ 26 އަހަރުގެ ހުކުމެއްވަނީ އިއްވާފައެވެ.