ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން، އޭނާގެ ކުރިއަށް އޮތް ފިލްމު 'މާތުރޫބޫމީ'އަށް އަމިއްލަ އަޑުން ލަވައެއް ރެކޯޑު ކުރުމަށްފަހު އެ ލަވަ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ކުޅަދާނަ ބަތަލާ ޗިތުރަންގަދާ ސިންގްއާ އެކު ސަލްމާން ފެނިގެންދާ މި ލަވައަކީ ސަޖިދު ޚާން ޅެން ހަދައި، މިއުޒިކް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި ލަވައިގައި ސަލްމާންގެ އިތުރުން މަޤުބޫލު ލަވަކިޔުންތެރިޔާ މުސްކާންގެ އަޑު ވެސް އިވިގެންދެއެވެ.
މިދިޔަ ބުދަ ދުވަހު އާންމުކުރި ތިން މިނެޓާއި ހަތް ސިކުންތުގެ މި ވީޑިއޯއިން ފިލްމުގެ ބައެއް މަންޒަރުތައް ދައްކުވައިދޭއިރު އޭގެ އިތުރުން، ސްޓޫޑިއޯގައި ސަލްމާން މި ލަވަ ރެކޯޑުކުރާ މަންޒަރުތައް ވެސް މި ކްލިޕްގައި ވަނީ ހިމަނާފައެވެ. ލަވަ ރިލީޒްކުރުމަށްފަހު އިންސްޓަގްރާމްގައި ހިއްސާކުރި މަޖާ ޕޯސްޓެއްގައި ސަލްމާން ބުނެފައިވަނީ، ފުރާ ގަޑިއަކީ ފަތިހު 5:12 ކަމަށާއި، މުޅިން އާ ލަވައަކާ އެކު އޭނާގެ ދަތުރު ފަށައިފި ކަމަށެވެ. އަދި ދެން މަޑުކުރާނީ ކޮން މަންޒިލަކަށް ކަމެއް ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށް އެ ޕޯސްޓުގައި ލިޔެފައިވެއެވެ.
ފިލްމު 'މާތުރޫބޫމީ'ގެ މަންޒަރެއްގައި ސަލްމާން ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާޑައިރެކްޓަރު އަޕޫރުވާ ލަކިއާގެ މި ފިލްމަކީ 2020 ވަނަ އަހަރު އިންޑިއާ އާއި ޗައިނާގެ ސަރަހައްދީ ރޮނގުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ހިނގައިދިޔަ ނުރައްކާތެރި ކުރިމަތިލުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާހަގަކުރި ސަލްމާންގެ 60 ވަނަ އުފަންދުވަހާ ދިމާކޮށް ދައްކައިލި ފުރަތަމަ ޓީޒާގައި ވާ ގޮތުން، މި ފިލްމުގެ މައިގަނޑު ބިނާވެފައިވަނީ ކަނޑުގެ ސަތަހައިން 15،000 ފޫޓު އުހުގައި ހިނގި ވަރުގަދަ އަސްކަރީ ހަނގުރާމައެއްގެ މައްޗަށެވެ.
ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި އެނބުރެނީ މޭ 2020ގައި އިރުމަތީ ލަދާކްގައި އުފެދުނު އަސްކަރީ ނުތަނަވަސްކަމާއި، އޭގެ ފަހުން ޖޫން މަހު ގަލްވާން ވާދީގައި ހިނގި ލޭއޮހޮރުވުން ބޮޑު ކުރިމަތިލުމުގެ ހާދިސާތަކުގެ ވަށައިގެންނެވެ. އެ ކުރިމަތިލުމުގައި 16 ވަނަ ބިހާރު ރެޖިމެންޓުގެ ކާނަލް ބާބޫއާއެކު އިތުރު 19 ސިފައިން ވަނީ ޤައުމަށްޓަކައި ފުރާނައިން ޤުރުބާންވެފައެވެ. އެ މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، އިންޑިއާގައި ހަނގުރާމައިގެ މައިދާނުގައި ދޭ ދެވަނައަށް އެންމެ މަތީ ޝަރަފު ކަމަށްވާ 'މަހާ ވީރު ޗަކްރާ' ވަނީ ކާނަލް ބާބޫގެ ހަނދާނުގައި އަރުވާފައެވެ.
ފުރަތަމަ ރޭވިފައި އޮތީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މި ފިލްމު ސިނަމާތަކަށް ގެނައުމަށެވެ. ނަމަވެސް، ފިލްމު ރިލީޒްކުރުމުގެ ތާވަލަށް ބަދަލު ގެނެސް، ފިލްމު ރިލީޒްކުރުން މިހާރު ވަނީ ފަސްކޮށްފައެވެ.