ބައްޕަގެ މުދަލުން 600 މިލިއަން ޑޮލަރު ޓްރަސްޓަށް ޖަމާކުރަން އެދި ޕެރިސް ޖެކްސަން ކޯޓަށް

ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން އަދި ދަރިފުޅު ޕެރިސް ޖެކްސަން--ފޮޓޯ/ޕީޕްލް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ދުނިޔެ ދޫކުރިތާ 17 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާގެ މުދަލުން އާއިލީ ޓްރަސްޓަށް 600 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ) ދޫކޮށްދިނުމުގެ އަމުރަކަށް އެދި ދަރިފުޅު ޕެރިސް ޖެކްސަން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ޕީޕަލް މަޖައްލާއިން ބަލާފައިވާ ކޯޓު ލިޔުންތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު މަހުގެ 29ގައި ލޮސް އެންޖެލިސްގެ ކޯޓަކަށް ޕެރިސް ހުށަހެޅި މި ޕެޓިޝަނުގައި އެދިފައިވަނީ، 2009ގައި އޭނާގެ ބައްޕަ މަރުވި ފަހުން އެސްޓޭޓުން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދަމުން ދިޔަ ނަމަވެސް، ކުދިންގެ މުސްތަޤުބަލަށް އުފެއްދި ޓްރަސްޓަށް ފައިސާ ޖަމާނުކޮށް ގިނަ ދުވަސްތަކެއް ވެފައިވާތީ މުދަލުގެ ބައެއް ނަމަވެސް ވަގުތުން ދޫކުރުމަށެވެ.

މައިކަލް ޖެކްސަން ފެމިލީ ޓްރަސްޓަކީ އޭނާގެ ތިން ކުދިން ކަމަށްވާ ޕްރިންސް، ޕެރިސް އަދި ބިގީއަށް މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެކުލަވާލި ޚާއްޞަ ޓްރަސްޓެކެވެ. އެ ޓްރަސްޓްގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ ކުއްޖަކަށް 21 އަހަރު ފުރުމުން އާމްދަނީގެ ބައެއް ލިބެން ފަށަންޖެހޭއިރު، އުމުރުން 30 އަހަރު ފުރުމުން ރައްކާކުރެވިފައިވާ ފައިސާގެ ހިއްސާއެއް އަދި 35 އަދި 40 އަހަރު ފުރުމުން އިތުރު ބައިތައް ލިބިދޭންޖެހެއެވެ.

ނަމަވެސް ޕްރިންސްގެ އުމުރުން މިހާރު 30 އަހަރު ފުރެން ކައިރިވެފައިވާއިރު، އަދި ޕެރިސްއަށް 29 އަދި ބިގީއަށް 25 އަހަރު ފުރެން ގާތްވެފައިވީ ނަމަވެސް، ބައްޕަގެ ވަސިއްޔަތާ އެއްގޮތަށް އެ އިންތިޒާމުތައް ހަމަޖެހިފައި ނުވާކަމަށް ޕެރިސް ތުހުމަތުކުރެއެވެ. އޭނާ ފާހަގަކުރި ގޮތުގައި ޓްރަސްޓަށް ފައިސާ ޖަމާނުކޮށް އޮތުމުގެ ސަބަބުން، ކުދިންނަށް ފައިސާ ލިބޭނެ މިންވަރާއި ވަގުތު ކަނޑައެޅުމުގައި އެސްޓޭޓްގެ ހަމައެކަނި ބެލެނިވެރިޔާ ޖޯން ބްރަންކާގެ ނިންމުންތަކަށް ބަރޯސާވާން ވަނީ މަޖުބޫރުވެފައެވެ.

މި މައްސަލައިގައި ޕެރިސްގެ ވަކީލުން ވަކާލާތު ކުރައްވާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ހިންގި ބޮޑެތި ވިޔަފާރި މުޢާމަލާތްތަކުން އެސްޓޭޓަށް ވަނީ ބޮޑެތި ޢަދަދުތަކުން ނަގުދު ފައިސާ ވަދެފައެވެ. އޭގެ ތެރޭގައި 2018 ވަނަ އަހަރު އީއެމްއައި މިއުޒިކް ޕަބްލިޝިންގްގެ ހިއްސާ 287.5 މިލިއަން ޑޮލަރަށް ވިއްކާލުމާއި، 2020ގައި ނެވަލޭންޑް ރާންޗް 22 މިލިއަން ޑޮލަރަށް ވިއްކާލުމުގެ އިތުރުން 2023ގައި ސޮނީ ކުންފުންޏާ އެކު ހެދި މިއުޒިކް އަދި ފިކުރީ މުދަލުގެ މުޢާމަލާތް ހިމެނެއެވެ.

މައިކަލްގެ ތިން ކުދިން ކަމަށްވާ ޕްރިންސް މައިކަލް ޖެކްސަން (ބިގީ)، ޕެރިސް މައިކަލް ކެތަރީން ޖެކްސަން (ޕެރިސް) އަދި މައިކަލް ޖޯސެފް ޖެކްސަން ޖޫނިއަ (ޕްރިންސް)--ފޮޓޯ/ޕީޕްލް

ޓެކުހާއި ޚަރަދުތައް ކެނޑުމުގެ ކުރިން މި މުޢާމަލާތްތަކުން އެކަނިވެސް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވާއިރު، އެސްޓޭޓްގެ ޖުމްލަ އަގު ދެ ބިލިއަނާއި ތިން ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ކުރިން ވަނީ އަންދާޒާކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރާ ހަމައަށް ހުރި މާލީ ހިސާބުތަކުން އެސްޓޭޓުގައި ނަގުދު ފައިސާގެ ގޮތުގައި 850 މިލިއަން ޑޮލަރު ހުރިކަން ހާމަވާތީ، ދައްކަންޖެހޭ ޒިންމާތަކަށް ބެލުމަށްފަހު ވެސް 600 މިލިއަން ޑޮލަރު ދޫކުރުމުގެ ފުރިހަމަ ޤާބިލުކަން އެސްޓޭޓުގައި އެބައޮތް ކަމަށް ޕެރިސް ބުނެއެވެ.

މި ތުހުމަތުތަކާ ގުޅިގެން މައިކަލް ޖެކްސަންގެ އެސްޓޭޓުން ބުނެފައިވަނީ، ޓްރަސްޓަށް ފުރިހަމައަށް ފައިސާ ޖަމާކުރެވެން ނެތީ އެމެރިކާގެ ޓެކްސް އިދާރާ (އައިއާރުއެސް) އާއެކު އޮތް 700 މިލިއަން ޑޮލަރުގެ ޓެކްސް މައްސަލަ ހިމެނޭހެން އަދިވެސް ހައްލުނުވެ ހުރި ޤާނޫނީ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ކޯޓު ހުކުމެއް މެދުވެރިކޮށް އެ ޢަދަދު ވަރަށް ބޮޑަށް ކުޑަކުރެވުނު ނަމަވެސް، މައްސަލަ މުޅިން ނިމުމަކަށް ނާންނަކަން ފާހަގަކުރަމުން އެސްޓޭޓުން ވަނީ ކުދިންނަށް ދޭ ފައިސާ އުނިކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. އެގޮތުން ކުދިންގެ ލާބައަށް މިހާތަނަށް 200 މިލިއަނަށް ވުރެ ގިނަ ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށާއި، ވަސިއްޔަތުގައި އޮންނަ ގޮތުން ކުދިންގެ އަމިއްލަ މިލްކިއްޔާތަށް ފައިސާ ދޫކުރަން ޖެހެނީ 30 އަހަރު ފުރުމުން ކަމަށް ވެސް އެސްޓޭޓުން ބުނެފައިވެއެވެ.

އެހެން ނަމަވެސް އެސްޓޭޓްގެ މި ވާހަކަތައް ދޮގުކުރަމުން ޕެރިސްގެ ތަރުޖަމާނު ބުނީ، މިއީ އެސްޓޭޓްގެ ބެލެނިވެރިންގެ ނާޤާބިލުކަން ފޮރުވުމަށް ދައްކާ ބަހަނާތަކެއް ކަމަށެވެ. އަދި ޓްރަސްޓަށް ފައިސާގެ ބައެއް ދޫކުރުމަކީ މާ ކުރިން ވެސް އެސްޓޭޓަށް ކުރެވެން އޮތް ކަމެއް ނަމަވެސް، ގަސްތުގައި ލަސްކުރަމުން ދިއުމުގެ ސަބަބުން ޕެރިސްއަށް ކޯޓަށް ދާން މަޖުބޫރުވީ ކަމަށް ތަރުޖަމާނު ބުންޏެވެ. މި އަހަރުގެ މެއި މަހު ވެސް ޕެރިސް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެސްޓޭޓުން ޤާނޫނީ ފާމްތަކަކަށް ބޯނަހުގެ ގޮތުގައި ދިން 625،000 ޑޮލަރު އަނބުރާ ހޯދަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. މައިކަލްގެ މުދާ ބަލަހައްޓަމުން އައި ޖޯން މެކްލެއިން މި އަހަރުގެ މެއި މަހު މަރުވުމާ ގުޅިގެން މިހާރު ހުރި ހަމައެކަނި ބެލެނިވެރިޔަކީ ބްރަންކާ އެކަންޏެވެ.

މި މައްސަލައިގައި 600 މިލިއަން ޑޮލަރު ނުވަތަ ކޯޓަށް ފެންނަ މިންވަރެއް އާއިލީ ޓްރަސްޓަށް ދޫކުރުމާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހަށެވެ.

comment ކޮމެންޓް