ކެޕްޓަން ޖެކް ސްޕެރޯގެ ރޯލަށް ތައްޔާރު ކަމަށް ޖޮނީ ޑެޕް ބުނެފި

ހޮލީވުޑްގެ އެކްޓަރު ޖޮނީ ޑެޕް-- ފޮޓޯ/ ވެރައިޓީ

ހޮލީވުޑްގެ އެންމެ ނުފޫޒުގަދަ އަދި ކާމިޔާބު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ޕައިރޭޓްސް އޮފް ދަ ކެރީބިއަން"ގެ އައިކޮނިކް ކެރެކްޓާ "ކެޕްޓަން ޖެކް ސްޕެރޯ"ގެ ރޯލުން އަލުން ފެނިދާނެ ކަމުގެ ފެހި ސިގްނަލް އެކްޓަރު ޖޮނީ ޑެޕް ދީފިއެވެ.

މި ފްރެންޗައިޒްގެ އާ ފިލްމެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އަދިވެސް އެބައޮތް ކަމަށާއި، ޚާއްޞަކޮށް ފިލްމުގެ ޕްރޮޑިއުސަރު ޖެރީ ބްރަކްހައިމާއާ އެކު އަލުން ގުޅިގެން މަސައްކަތް ކުރުމަށް އޭނާ ހުރީ ކެތްމަދުވެފައި ކަމަށް ޖޮނީ ބުނެފައިވެއެވެ.

މި މަހުގެ 13 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ އޭނާގެ އާ ފިލްމު "އެބެނެޒާ" ޕްރޮމޯޓް ކުރުމުގެ ތެރެއިން 'އެންޓަޓެއިންމަންޓް ޓުނައިޓް'އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި ޑެޕް ބުނީ، މި ފްރެންޗައިޒަށް އޭނާ އެނބުރި އައުން ބިނާވެފައި ވަނީ ސިލްސިލާ ނިންމާލުމަށް ރޭވިފައިވާ ގޮތުގެ މައްޗަށް ކަމަށެވެ. އެގޮތުން ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ރޭވި، ވާހަކަ އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށްދާނަމަ، އޭނާގެ ހަމައެކަނި ބޭނުމަކީ ކެޕްޓަން ޖެކް ސްޕެރޯގެ ދަތުރު އުފާވެރި އަދި ޝަރަފުވެރި ވަދާއަކުން ނިންމާލުން ކަމަށް ޑެޕް ފާހަގަކުރިއެވެ. މީގެއިތުރުން، ޕްރޮޑިއުސަރު ބްރަކްހައިމާއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމަށް އަލިއަޅުވާލަމުން ޑެޕް ބުނީ، އޭނާއާ އެކު ކޮންމެ ފަދަ މަސައްކަތެއްގައި ވެސް ބައިވެރިވާން މާދަމާ ވެސް ތައްޔާރަށް ހުރި ކަމަށެވެ.

ޕައިރޭޓްސް އޮފް ދަ ކެރީބިއަން"ގެ އައިކޮނިކް ކެރެކްޓާ "ކެޕްޓަން ޖެކް ސްޕެރޯ"ގެ ގޮތުގައި ޖޮނީ ޑެޕް-- ފޮޓޯ/ވެރައިޓީ

ޑެޕް މިފަދަ އިޝާރާތެއް ދީފައިވާއިރު، މީގެ ކުރިން ޑީ23 އިވެންޓުގައި ވާހަކަދައްކަމުން ޕްރޮޑިއުސަރު ޖެރީ ބްރަކްހައިމާ ވަނީ މި ފްރެންޗައިޒްގެ އާ ފިލްމެއްގެ ސްކްރީންޕްލޭ ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި، މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޑެޕާ އެކު ރަސްމީ މަޝްވަރާތައް ހިނގަމުން އަންނަކަން ކަށަވަރުކޮށްދީފައެވެ. އިނގިރޭސި މަޝްހޫރު ތަރިން ކަމަށްވާ އިއާން މެކެލެން، ރޫޕަޓް ގްރިންޓް އަދި އެންޑްރިއާ ރައިޒްބަރޯ ފަދަ ފަންނާނުންނާއެކު ޑެޕް ފެނިގެންދާ "އެބެނެޒާ" ސިނަމާތަކަށް ގެނައުމަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި، ޖެކް ސްޕެރޯ އަލުން ސިނަމާއަށް އަތުވެދާނެ ކަމުގެ އަޑުތަކާއެކު ފިލްމީ ދުނިޔެ މިހާރު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ.

މީގެ ވިއްސަކަށް އަހަރު ކުރިން، 2003 ވަނަ އަހަރު ނެރުނު "ދަ ކާސް އޮފް ދަ ބްލެކް ޕާލް"އިން ފެށިގެން މިހާތަނަށް ގެނެސްދިން ފަސް ފިލްމުގައި ވެސް ޖެކް ސްޕެރޯގެ ރޯލު ކުޅެފައިވަނީ ޖޮނީ ޑެޕެވެ. ކަނޑުފޭރޭ މީހުންގެ ޖޯޝާއި، ކަނޑުއަޑީގެ އަޖައިބުތަކާއި، ސިހުރާއި އަދި ފޮރުވިފައިވާ ޚަޒާނާތަކުގެ ވަރުގަދަ ހަނގުރާމަތައް ދައްކުވައިދިން މި ސިލްސިލާއަކީ ބޮކްސް އޮފީހުގައި 4.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައި، ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ސިލްސިލާއެކެވެ.

މީގެ ތެރެއިން ދެ ފިލްމަކުން އެކަނިވެސް ބިލިއަން ޑޮލަރުގެ އާމްދަނީ ފަހަނައަޅައި ގޮސްފައިވާއިރު، ޖެކް ސްޕެރޯގެ ސިފަތައް ޑެޕް ދައްކުވައިދިން މޮޅު ހުނަރުވެރިކަމުގެ ސަބަބުން އޭނާއަށް ވަނީ އެކަޑަމީ އެވޯޑް (އޮސްކާ) ނޮމިނޭޝަނެއް ވެސް ލިބިގެން ގޮސްފައެވެ.

comment ކޮމެންޓް