ނ. ފޮއްދޫގައި އުޅޭ ބުޅާތަކަށް އަނިޔާކުރާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް އެ ރަށު ކައުންސިލުން މިއަދު ދީފިއެވެ.
ފޮއްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، އެ ރަށުގައި އުޅޭ ބުޅާތަކަށް ބައެއް މީހުން އަނިޔާކޮށް، ފުރާނައަށް ގެއްލުންދޭ ކަމުގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ.
އެ ފަދަ އަމަލުތައް ކުރުމަކީ ގާނޫނީ ކުށެއްކަން ފާހަގަކުރަމުން ކައުންސިލުން ވަނީ، އެ ފަދަ އަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
މި ފަދަ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ބުނެ، ފޮއްދޫ ކައުންސިލުން ވަނީ އެ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން، އޮޅުކޮށްގެން ޖަނަވާރު ގެންގުޅޭ ފަރާތްތަކުން ވެސް އާންމު ރައްޔިތުންނަށް އުނދަގޫ ނުވާ ގޮތުގެ މަތީން ޖަނަވާރު ގެންގުޅުމަށް އެ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.
އެ ކައުންސިލުން ބުނީ، ޖަނަވާރަށް ކާންދޭން ބޭނުންވާ މީހުންނަށް އެ ކަން ކުރެވޭނީ ގްރީން ހައުސް ސަރަޙައްދު، ލޯކަލް ބީޗާ ކައިރިނުވާ ސަރަހައްދެއްގައި ކަމަށެވެ. އަދި، އާންމު އިޖުތިމާއީ ސަރަޙައްދުތަކާއި މީހުންގެ ގެވަޅުތަކާއި ފަޅުގޯތި ގޯއްޗަށް ކާން އެޅުމަކީ މަނާކަމެއް ކަމުގައި އެ ކައުންސިލުން ވަނީ ބުނެފައެވެ.
އެ ނޫން ސަރަޙައްދަކަށް ކާން އަޅާ ފަރާތްތަކާމެދު "ރަށުގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމާ ބެހޭ ޤަވާއިދު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކައުންސިލުން ދީފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި، ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 625 ވަނަ މާއްދާގެ ދަށުން ކަނޑައަޅައިފައިވާ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން، އެ ކުށަށް އަސާސީ މިންގަނޑުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ކުރެވިދާނެއެވެ. އެންމެ ގިނަވެގެން ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިދާނެއެވެ.