ސާފް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރުމަށް ބަންގްލާދޭޝްގެ ޑާކާއަށް ދިޔަ އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމު ތިބޭނެ ހޮޓެލް ރޫމްތައް ހަމަނުޖެހި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހިއްޖެއެވެ.
ނޮވެމްބަރު 3 ވީ އަންގާރަ ދުވަހު އިންޑިއާ ޓީމު ބަންގްލާދޭޝްއަށް ދިޔައީ ސާފް މުބާރާތުގެ ފުރަތަމަ މެޗަށް 48 ގަޑިއިރަށްވުރެ ކުޑަތަންވެފައި ވަނިކޮށެވެ.
ނަމަވެސް ޑާކާގެ ގުލްޝާން އެވެނިއުގައި ހުރި ހޮޓަލަށް ޓީމު ދިޔައިރު، ކުޅުންތެރިންނަށް ކޮޓަރި ހަމަޖެހިފައި ނެތުމުން އިންޑިއާ ގަޑިން ހަވީރު 5:00 އާ ހަމައަށްވެސް ކުޅުންތެރިން ތިބީ ތިބޭނެ ވަގުތީ ތަނެއްވެސް ނުލިބި ދާންދެން މަގުމަތިވެފައެވެ.
މިފަހަރުގެ ސާފް މުބާރާތަށް އިންޑިއާއިން ފޮނުވާފައިވަނީ 23 އަހަރުން ދަށުގެ ކޯޗު ނައުޝާދު މޫސާގެ އިރުޝާދުގެ ދަށުން ކުޅޭ ދެވަނަ ސްކޮޑެކެވެ. ސަބަބަކީ ނޮވެމްބަރު މަހު އިންޑިއާގެ މައި ޓީމު ނިއުޒިލެންޑާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވުމާއި، ސާފް މުބާރާތް ފީފާ އިންޓަނޭޝަނަލް ވިންޑޯއިން ބޭރުގައި އޮތުމުން ގިނަ ކުލަބުތަކުން މުހިންމު ކުޅުންތެރިން ދޫކޮށްފައި ނުވުމެވެ.
މުބާރާތުގެ ގްރޫޕް ބީގައި އިންޑިއާއާއެކު ވާދަކުރަނީ ދިވެހިރާއްޖެއާއި ޕާކިސްތާނެވެ. އިންޑިއާގެ ފުރަތަމަ މެޗުގައި ނޮވެމްބަރު 5 ވާ ބުރާސްފަތި ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.
ގްރޫޕު އޭގައި ހިމެނެނީ މުބާރާތް ބާއްވާ ބަންގްލާދޭޝްގެ އިތުރުން ސްރީލަންކާއާއި ބޫޓާނެވެ. ކޮންމެ ގްރޫޕަކުން އެންމެ މަތިން ނިންމާ ދެ ޓީމު ސެމީ ފައިނަލަށް ދާއިރު، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރު 17 ގައެވެ.