މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމުމަކީ ކައުންސިލުގެ ބާރުތައް ހަނިވެ، އާންމުންނަށް ފައިދާވާ މަޝްރޫއުތައް ހިންގަން ދަތިވެ، އަދި އެކަމުގެ އާންމުންނަށް ގެއްލުންވާނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ގަރާރުގައި ވަނީ، މާލެއާއި ވިލިމާލޭގެ ތަރައްގީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށާއި އިންފްރާސްޓްރަކްޗާގެ ޚިދުމަތްތައް ފޯރުކޮށްދީ އެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކެއް ކަމަށް ބުނެ، ކައުންސިލުގެ އިޚްތިޞާޞުން 14 ބިމެއް ދައުލަތަށް ނެގީ އެއްވެސް މަޝްވަރާއެއް ނެތި ކަމަށެވެ.
އެ 14 ބިމަކީ ކައުންސިލުގެ ބަޖެޓަށް މިހާރު ވެސް އާމްދަނީ ލިބޭ ގޮތަށް ކަނޑައެޅިފައިވާ ބިންތަކަކަށް ވެފައި، އެ ބިންތަކުން ލިބޭ އާމްދަނީއަކީ މިސްކިތްތައް ބެލެހެއްޓުމަށާއި ކައުންސިލުގެ އިދާރީ ހިންގުމުގެ ޚަރަދުތަކަށް ޚާއްސަކޮށްފައިވާ ފައިސާ ކަމަށާއި، އެ ބިންތައް އަތުލުމުން ކައުންސިލަށް ލިބޭ މާލީ މަންފާތައް ގެއްލޭނެ ކަމަށް ގަރާރުގައިވެއެވެ.
އެ ބިންތައް ނަގަން ހައުސިން މިނިސްޓްރީން ނިންމައިފައިވަނީ ޕާކިން އިމާރާތްތަކާއި ހިތްފަސޭހަ މައިޒާންތަކާއި ހުސް ޖާގަތައް ތަރައްގީކުރުން ފަދަ ރައްޔިތުންނަށް ފައިދާކުރާނެ މަޝްރޫއުތައް ކައުންސިލުން އެކުލަވައިލަނިކޮށް ކަމަށް ގަރާރުގައި ފާހަގަކޮށް، ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުން ވާނެ ކަމަށް ބުނެފައިވެއެވެ.
އެ ނިންމުމުގެ ސަބަބުން ކައުންސިލުގެ ގާނޫނީ ބާރުތައް ހަނިވެގެން ދާނެ ކަމަށް ވެސް، ގަރާރުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން، ދައުލަތަށް ނަގަން ނިންމީ މި މަހުގެ 15ވަނަ ދުވަހެވެ.
ހައުސިން މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގަނީ:
- ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
- މަސް މާރުކޭޓު
- މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
- ލޯކަލް މާރުކޭޓު
- މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
- ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
- ކާނިވާ ސަރަހައްދު
- އާޓިފިޝަލް ބީޗު
- މަސްވެރިންގެ މައިޒާން
- ތައިސޭ ކޮށި
- ކުލީ ފާޚާނާ ނަންބަރު 2
- ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
- ބޮނޑިބަތް ޕާކު
- ރަސްފަންނު
އެ މިނިސްޓްރީގެ ނިންމުމާ ގުޅިގެން ކައުންސިލުން ވަނީ ދައުލަތަށް ބިންތައް ނަގައިދިނުން ހުއްޓުވައިދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
މާލޭ ސިޓީ ކައުންސިލުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ޑެޕިއުޓީ މީކާއީލް މުޙައްމަދު ރިޔާޒް ވިދާޅުވީ، ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެފައިވާތީ، ތަފުސީލުތައް ހިއްސާކޮށްދިނުމަށް އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.
އެކަމަކު، އެ ކަމާ ގުޅޭ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރުމުގެ ކުރިން ޝައުވާއެއް ނުވަތަ ޚިޔާލެއް އެންގުމަށް އެދިފައިވީ ނަމަވެސް އެ ފަދަ ޝަކުވާއެއް ނުވަތަ ޚިޔާލެއް ހުށަހެޅޭނީ އެ ބިންތަކުގައި ކުރުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލީ މައުލޫމާތު އެނގިގެންކަން އިދާރާތަކަށް ފޮނުވި ސިޓީތަކުގައި ފާހަގަކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.