އެންމެ ފަހުން ޕީއެސްޖީ އާއި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވެ، ޕްރެޝަރަށް ވެއްޓިފައި އޮވެ، ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު، 0-3 ގެ ނަތީޖާއިން އެ ޓީމުން ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޫގައި ކުޅުނު މި މެޗުގައި އެ ޓީމުން އެސްޓަން ވިލާގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ ހަތްވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ލަމީން ޔަމާލްއެވެ.
ބާސެލޯނާއިން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގައި އެސްޓަން ވިލާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މެޓީ ކޭޝް އާއި ވިކްޓާ ލިންޑެލޮފްގެ އިތުރުން ޔޯހަން މަންޒަމްބީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ވަނީ ހިފޭ ގޮތް ނުވެފައެވެ.
މި މެޗުގައި ބާސެލޯނާއިން ފަރަގު ބޮޑުކޮށްފައި ވަނީ މެޗުގެ 52 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކޮށްފައެވެ.
މި މެޗުން އެސްޓަން ވިލާ ބަލިވުމާއެކު މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. ބާސެލޯނާ އަށް ހަތަރު މެޗުން ލިބިފައިވާ ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތްއިރު އެސްޓަން ވިލާއަށް ލިބިފައިވާ ނުވަ ޕޮއިންޓާއެކު އެ ޓީމު އޮތީ ތިންވަނައިގައެވެ. ބާސާއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.