ޖެހިޖެހިގެން ނުވަ މެޗުން މޮޅެއް ނުލިބި އޮތުމަށްފަހު ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އޭއެސް ރޯމާއާ ދެކޮޅަށް ކުޅުނު މެޗު، މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗުން އެ ޓީމު މޮޅުވެފައިވަނީ 2-3 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ދެ ލަނޑު ވެސް ކާމިޔާބުކޮށްފައި ވަނީ ރޯމާއިންނެވެ. އެގޮތުން އެ ޓީމުން ލީޑު ނަގާފައި ވަނީ މެޗުގެ 11 ވަނަ މިނެޓުގައި މެޓާޔަސް ސޫލޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭގެ ހަތް މިނެޓު ފަހުން، ލިބުނު ޕެނަލްޓީއަކުން ރޯމާގެ ލީޑު ފުޅާކޮށްދީފައި ވަނީ ޑޮންޔެލް މަލެންއެވެ.
ފުރަތަމަ ހާފު ނިމުނުއިރު ދެ ލަނޑު ފަހަތުގައި އޮތްނަމަވެސް ދެވަނަ ހާފުގައި ޔުނައިޓެޑުގެ ފަރާތުން ފެނިފައި ވަނީ މުޅިން ތަފާތު، މޮޅު ކުޅުމެކެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި އޭއެސް ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން--ނަތީޖާއެއްގެ ގޮތުން މެޗުގެ 58 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ކެޕްޓަން، ބްރޫނޯ ފެނަންޑޭޒްއެވެ.
ޔުނައިޓެޑްގެ ފަހު ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދީފައި ވަނީ މެޓިއަސް ކުންޔާއެވެ. އޭނާގެ ފުރަތަމަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، އޭގެ އެންމެ ތިން މިނެޓު ފަހުން ދެވަނަ ލަނޑެއް ޖަހައި، ޔުނައިޓެޑް މޮޅުކޮށްދިނެވެ.
ނަމަވެސް، ދެވަނަ ލަނޑަށްފަހު އުފާފާޅުކުރުމަށް ޖާޒީ ބޭލުމާއެކު އޭނާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. އަދި އޭގެ އެންމެ ހަތަރު މިނެޓު ފަހުން، ދެވަނަ ރީނދޫ ކާޑާއެކު ކުންޔާއަށް ރަތްކާޑެއް ދައްކައި، ދަނޑުން ފޮނުވާލިއެވެ.
މި މެޗުން މޮޅުވިކަމުގައިވީ ނަމަވެސް ޔުނައިޓެޑް އަދިވެސް އޮތީ ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގައެވެ. ރޯމާ އޮތީ 19 ވަނައިގައެވެ.
މި މެޗުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ނުވަ މެޗުން ވެސް މޮޅެއް ލިބިފައި ނެތުމުގެ އިތުރުން މި ސީޒަނުގައި އެ ޓީމުން ދައްކަމުން އަންނަ ދަށް ކުޅުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ޓީމު އޯނަރުންގެ އިތުރުން މެނޭޖަރު، ކެރިކް ވެސް ޓީމު ދޫކޮށްލަން ގޮވާލަމުންނެވެ. އަދި މި މެޗުން ބަލިވިނަމަ، މި މެޗު ވީހީ ކެރިކްގެ ފަހު މެޗަށް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.