'ދަ ހަންގާ ގޭމްސް'ގެ އާ ފިލްމުން ކެޓްނިސްގެ ރޯލަށް ޖެނިފާ ލޯރެންސް އެނބުރި އަންނަނީ

ހޮލީވުޑްގެ ބަތަލާ ޖެނިފާ ލޯރެންސް--ފޮޓޯ/ވެރައިޓީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "ދަ ހަންގާ ގޭމްސް" ފްރެންޗައިޒްގެ އާ ފިލްމު "ދަ ހަންގާ ގޭމްސް: ސަންރައިޒް އޮން ދަ ރީޕިންގް"އިން އަލުން ކެޓްނިސް އެވަޑީންގެ ރޯލުން ފެނިގެންދާނެކަން އޮސްކާ ކާމިޔާބުކޮށްފައިވާ ބަތަލާ ޖެނިފާ ލޯރެންސް ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ.

މިފެށޭ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރުވަމުންދާ މި ފިލްމުގައި އޭނާ އަލުން މި ރޯލު ކުޅެން ލިބުމަކީ ޤަބޫލުކުރަންވެސް ދަތި، އެހާމެ އަސަރުގަދަ އިހުސާސްތަކެއް ކުރުވި ކަމެއް ކަމަށް ބަތަލާ ވަނީ ހާމަކޮށްފައެވެ.

މަޝްހޫރު ޕޮޑްކާސްޓް "ކޯލް ހާ ޑެޑީ"ގައި ވާހަކަދައްކަމުން ލޯރެންސް ބުނީ، މި ފިލްމުގެ ސެޓުން ކުރީގެ އެކުވެރި ތަރިންނާއި ކްރޫ މެންބަރުންނާ އަލުން ބައްދަލުވުމަކީ ހިތަށް ބޮޑު އަސަރެއް ކުރުވި ކަމެއް ކަމަށެވެ. ޚާއްސަކޮށް ފިލްމުގެ މުހިންމު ރޯލުތަކުން ކުރިންވެސް ފެނިގެންދިޔަ ޖޯޝް ހަޗަސަން އަދި ވުޑީ ހަރެލްސަންއާއެކު އަލުން މަސައްކަތްކުރަން ލިބުމުން ކުރެވުނު އުފާވެރިކަން ފާހަގަކުރަމުން، ސެޓުގައި ޖޯޝްއާއެކު އޮތް ގާތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަން އޭނާ ހިއްސާކުރިއެވެ. މީގެއިތުރުން، އެތައް ފަހަރަކު އެކުގައި މަސައްކަތްކޮށްފައިވާ އެސިސްޓެންޓް ޑިރެކްޓަރާއި ކުރީގެ ޓީމު އެކުގައި ފެނުމުން މުޅި ސެޓު ސިފަވެގެންދިޔައީ އާއިލާއެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

ޖެނިފާ، "ދަ ހަންގާ ގޭމްސް:މޮކިންގްޖޭ-ޕާޓް 1"ގެ މަންޒަރެއްގައި--ފޮޓޯ/ވެރައިޓީ

ލިޔުންތެރިޔާ ސޫޒަން ކޮލިންސްގެ މަޝްހޫރު ވާހަކަފޮތުގެ މައްޗަށް ބިނާކޮށް އުފައްދާ މި ޕްރީކުއަލް ފިލްމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ 50 ވަނަ ހަންގާ ގޭމްސްގައި ޒުވާން ހޭމިޗް ވާދަކުރާ ގޮތުގެ މައްޗަށެވެ. މި ރޯލު ކުޅެނީ ޖޯސެފް ޒާދާއެވެ. ވާހަކަފޮތުގެ ނިންމުމުގައި މުސްތަޤުބަލުގެ މަންޒަރެއް ދައްކުވައިދީ، ކެޓްނިސް އާއި ޕީޓާ އަދި ހޭމިޗް އެކުގައި ފެނިގެންދާ ފަދައިން، މި ފިލްމު މެދުވެރިކޮށްވެސް މި އަސްލު ކެރެކްޓާތައް ބެލުންތެރިންގެ ކުރިމައްޗަށް އަލުން އަންނާނެކަން މިހާރު މިވަނީ ޔަޤީންވެފައެވެ.

މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ޤަބޫލުކުރިއިރު އަމިއްލަ ނަފުސަށް ކުރިމަތިވި ބިރުވެރިކަމާއި ޖެހިލުންވުންތަކަމަށް ބަލައިލަމުން ލޯރެންސް ބުނީ، އެފަދަ ބިޔަ ޕްރޮޖެކްޓެއްގެ ސަބަބުން އެކްޓިން ކެރިއަރަށާއި އަމިއްލަ މިނިވަން ދިރިއުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ އޭރު ނުހަނު ކަންބޮޑުވި ކަމަށެވެ. ޒުވާން ޢުމުރުގައި އާއިލާއެއް ބިނާކުރުމުގެ ހުވަފެން ދެކެމުން އައިއިރު، އޭރު ދުނިޔޭގެ ސަމާލުކަން ހޯދި "ޓްވައިލައިޓް" ފަދަ ފިލްމުތަކުގެ ސަބަބުން ތަރިންގެ ޒާތީ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތައް ފެނުމުން، އެފަދަ މަޝްހޫރުކަމަކުން އަމިއްލަ ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެ ގޮތަކާމެދު ސުވާލު އުފެދުނު ކަމަށް އޭނާ ކިޔައިދިނެވެ.

ދެހާސް ބާރައިން ފެށިގެން 2015ގެ ނިޔަލަށް ނެރުނު "ދަ ހަންގާ ގޭމްސް"ގެ ހަތަރު ފިލްމުގައި ކެޓްނިސްގެ ރޯލު ކުޅެ، ލޯރެންސް ވަނީ ބެލުންތެރިންގެ ހިތްތަކުން ޚާއްސަ ޖާގައެއް ހޯދާފައެވެ. ރޭޗަލް ޒެގްލާ ލީޑް ރޯލު ކުޅުނު 2023ގެ ޕްރީކުއަލްއާއެކު، މުޅި މި ފްރެންޗައިޒް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި ގާތްގަނޑަކަށް 3.3 ބިލިއަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދައި، ހޮލީވުޑްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް ސީރީޒްގެ ގޮތުގައި ފާހަގަކުރެވިފައެވެ.

comment ކޮމެންޓް