އެންމެ ބޮޑު ހަދިޔާއަކީ މިނިވަންކަން، އެކަން ދިފާއުކުރުމަކީ ވާޖިބެއް: ސިޔާމް

ސިޔާމް: ވިދާޅުވީ، އެންމެ ބޮޑު ހަދިޔާއަކީ މިނިވަންކަން، އެކަން ދިފާއުކުރުމަކީ ވާޖިބެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރާއްޖެއަށް ލިބިފައި އޮތް އެންމެ ބޮޑު ހަދިޔާއަކީ މިނިވަންކަން ކަމަށާއި އެކަން ދިފާއުކުރުމަކީ އެންމެންގެ ވާޖިބެއް ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި، ޚިތާބުގައި ވަނީ ދުވަހުގެ ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ ދިފާއުގައި ގުރުބާންވި، އަބުޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުން އެދި އެ މަނިކުފާނު ވަނީ ދުއާ ދަންނަވަފާއެވެ.

ސިޔާމް ވިދާޅުވީ، ޝަހީދުންގެ ދުވަހު އާކުރެވެނީ މާލެއަށް ޕޯޗުގީޒުން އަރައި އަލިރަސްގެފާނު ޝަހީދުކުރި 'ހިތާމަވެރި' ޒިކުރާ ކަމަށެވެ.

ސިޔާމް: ވިދާޅުވީ، އެންމެ ބޮޑު ހަދިޔާއަކީ މިނިވަންކަން، އެކަން ދިފާއުކުރުމަކީ ވާޖިބެއް ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

އޭގެ އިތުރަށް، ނުވަވަނަ ހަސަން ރަސްގެފާނު ދިވެހީންގެ ދީން ދޫކޮށްލައްވައި ނަޞާރާދީނުގެ ޒުވާން އަަންހެން ކުއްޖަކާ ހިތްޕުޅާވެ، ގައުމަށް ވެވަޑައިގަތް ބޮޑު ޚިޔާނާތުގެ ހިތްދަތި ނަތީޖާގެ އިބުރަތްތެރި ފިލާވަޅުތައް އާވާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ސިޔާމް ޚިތާބުގައި ވިދާޅުވީ، ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ހަދިޔާއަކީ ޒަމާންތަކެއް ވަންދެން މިނިވަން ގައުމެއް ގޮތުގައި ދެމި އޮތުން ކަމަށެވެ. އެ މިނިވަން ކަމަށް ހުރިހާ އެންމެން ރައްކާތެރިވެ، މިނިވަން ކަމަށް އަންނަ ކޮންމެ ލޮޅުމަކުން ގައުމު ސަލަމާތް ކުރުމަކީ އެންމެންގެ ވާޖިބެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ޝަހީދުންގެ ދުވަހެއް ފާހަގަކުރާއިރު، ރާއްޖޭގެ ސިޔާސަތުތައް އެކަށައަޅަންވާނީ، ގައުމު މި ހަލަބޮލި ކަނޑުގައި ފުރޮޅުނަ ނުދީ ބޭއްވުމަށް ގައުމީ އަބްޠާލުން ކުރެއްވި ޖިހާދުގެ އަލީގައި ސަލާމަތް މުސްތަގުބަލެއް ލިބިފައި އޮންނާނެ ގޮތެއް ހެދުމަށް ޓަކައި،މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު

ގައުމާ މެދު ފަޚުރުވެރިވާ ދަރިންތަކެއް އުފައްދަން ޖެހޭ ކަމަށް ސިޔާމް ވަނީ ވިދާޅުވިއެވެ.

އެ މަނިކުފާނު ޚިތާބު ނިންމަވާލެއްވީ އެންމެން އެކުގައި ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ދިވެހި ގައުމާއި ރައްޔިތުންނަށް ބާއްޖަވެރި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ދުއާކުރައްވަމުންނެވެ.

ރާއްޖޭގައި ޝަހީދުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1400 ވަނަ އަހަރުގެ ޝަޢުބާންމަހުގެ އެއްވަނަ ދުވަހެވެ. އެއީ، މީލާދީން 14 ޖޫން 1980 ގައެވެ. ޝަހީދުންގެ ދުވަހަކީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމަށް ޢަލިރަސްގެފާނު ކުރެއްވި ޖިހާދުގެ ހަނދާން އާކުރާ ދުވަހެކެވެ.

comment ކޮމެންޓް