ހުރިހާ މަސައްކަތެއް ނިމިފައިވާ ކޮޕީއާއެކު ނޫނީ ފިލްމުތައް ބަލައިނުގަންނަން އިންޑިއާގެ ސެންސަރު ބޯޑުން ނިންމައިފި

ހުރިހާ މަސައްކަތެއް ނިމިފައިވާ ކޮޕީއާއެކު ނޫނީ ފިލްމުތައް ބަލައިނުގަންނާނެކަން އިންޑިއާގެ ސެންސަރު ބޯޑުން ވަނީ އިއުލާނުކޮށްފައި--ފޮޓޯ/އެންޑީޓީވީ

ފިލްމުތައް ސެންސަރު ކުރުމަށް ހުށަހަޅާއިރު، ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި އެންމެ ފަހުގެ "ފައިނަލް ކަޓް"އާއެކު ހުށަނާޅާނަމަ އެއްވެސް އުފެއްދުމެއް ބަލައިނުގަންނާނެ ކަމަށް އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކޭޝަން (ސީބީއެފްސީ)އިން އަންގައިފިއެވެ.

މީގެއިތުރުން ފިލްމު އިސްތިހާރު ކުރުމަށް ބޭނުންކުރާ ނަންތަކާއި، ސިނަމާތަކަށް ގެންނަން އަމިއްލައަށް ކަނޑައަޅައި އިޢުލާނުކުރާ ތާރީޚުތަކަކީ ސެންސަރު ބޯޑަށް ބޯލަނބަންޖެހޭނެ ކަންކަން ނޫން ކަމަށްވެސް އެ ބޯޑުން ވަނީ ވަރަށް ސާފުކޮށް ހާމަކޮށްފައެވެ.

ސީބީއެފްސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ރާޖެންދުރަ ސިންގް ސޮއިކުރައްވައި ނެރުއްވި މި އެންގުމުގައި ފާހަގަކޮށްފައިވަނީ، ސެޓްފިކެޓް ހޯދުމަށް ފިލްމު ހުށަހަޅަންވާނީ ގްރެފިކްސް، ބެކްގްރައުންޑް މިއުޒިކް، އަޑު އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ އެކްސެސިބިލިޓީ ފީޗާތައް ހިމެނޭހެން ފަންނީ ހުރިހާ ބައިތަކެއް ފުރިހަމަކޮށްގެން ކަމަށެވެ.

އެހެންކަމުން މަސައްކަތް އެއްކޮށް ނުނިމޭ ޕްރިންޓްތަކާއި، ވަގުތީ ގްރެފިކްސް ނުވަތަ ބައެއް ބައިތައް އުނިކޮށް ހުންނަ ހުށަހެޅުންތައް ބެލެވޭނީ ޤަވާއިދާ ޚިލާފު ހުށަހެޅުންތަކެއްގެ ގޮތުގައެވެ. މިފަދަ ހުށަހެޅުންތަކުގެ ސަބަބުން ސެޓްފިކެޓް ދިނުން ލަސްވުމުގެ އިތުރުން މުޅި ހުށަހެޅުން ބާތިލުވުމުގެ ފުރުސަތު އޮތްއިރު، ރަސްމީކޮށް ފިލްމު ބަލައިގަތް ތާރީޚު ކަމުގައި ބަލާނީ ހުރިހާ ކަމެއް ފުރިހަމަވެގެން ފާސްކުރެވޭ ތާރީޚެވެ.

އިންޑިއާގެ ސެންސަރު ބޯޑުގައި ހިމެނޭ ފިލްމީ ދާއިރާއަށް ނިސްބަތްވާ ފަންނާނުން--ފޮޓޯ/އިންޑިއާޓުޑޭ

ހަމައެއާއެކު، ޕްރޮމޯޝަނަލް މެޓީރިއަލްތަކުގައި ބޭނުންކުރާ ނަމަކީ ނުވަތަ އެޕްލިކޭޝަންގައި ލިޔެފައިވާ ނަމަކީ އެންމެ ފަހުގެ ނަން ކަމުގައި ނުބެލެވޭނެ ކަމަށްވެސް ސީބީއެފްސީން ބުނެފައިވެއެވެ. އެގޮތުން ހުށަހަޅާ ކޮންމެ ނަމަކީވެސް އެގްޒެމިނިންގް ނުވަތަ ރިވައިޒިންގް ކޮމިޓީގެ ފުރިހަމަ ދިރާސާ އާއި ބެލުމުގެ ދަށުން ބަދަލު ގެނައުމުގެ އިޚްތިޔާރު ލިބިގެންވާ ނަންތަކެކެވެ. މިއީ 1952ގެ ސިނަމެޓޯގްރާފް ޤާނޫނުގެ ދަށުން އެކަށައަޅާފައިވާ އުސޫލުތަކާއި، 2024ގެ ސިނަމެޓޯގްރާފް ގަވާއިދުގެ 25 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން އަޅާފައިވާ ފިޔަވަޅެކެވެ.

ފިލްމު ސިނަމާތަކަށް ގެންނަން އިއުލާނުކުރާ ތާރީޚުތަކަކީ ސެންސަރު ކުރުމުގެ އެއްވެސް މަރުހަލާއަކަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫންކަން ފާހަގަކޮށް، ސެޓްފިކެޓް ދޫކުރުމުގެ މަސައްކަތް އަބަދުވެސް ކުރިއަށްދާނީ ޤާނޫނާއި ޤަވާއިދުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ކަމަށް ބޯޑުން ބުނެއެވެ. އެހެންކަމުން ފިލްމު އުފައްދާ ފަރާތްތަކުން އަމިއްލައަށް ކަނޑައަޅާ ތާރީޚުތަކުގެ ސަބަބުން ދިމާވާ އެއްވެސް ލަސްވުމަކަށް ސެންސަރު ބޯޑުން ޒިންމާ ނުވާނެ ކަމަށާއި، ބޯޑުން އިސްލާހުކުރަން އަންގާ ކަންކަމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން، ފިލްމު ރިލީޒްކުރަން ގަސްތުކުރާ ތާރީޚުގެ މާ ކުރިން ހުށަހެޅުންތައް ނިންމުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސީބީއެފްސީން މިފަދަ ހަރުކަށި އެންގުމެއް ނެރެފައި މިވަނީ، 2017 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ބޯޑު އަލުން އެކުލަވާލައި، އައު 18 މެންބަރަކު އައްޔަންކުރިތާ މަދު ހަފުތާތަކެއްގެ ތެރޭގައެވެ. މި ބޯޑަށް އަލަށް އައްޔަންކުރެވުނު މެންބަރުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޕްރީތީ ޒިންތާ، ޕަންކަޖް ތްރިޕާޓީ، ސުނިލް ޝެޓީ، ޕައްލަވީ ޖޯޝީ އަދި ޕްރޮސެންޖިތު ޗެޓަޖީގެ އިތުރުން މިއުޒިކް ކޮމްޕޯޒަ ރިކީ ކޭޖާއި ޕްރޮޑިއުސަރު ސުޕްރިޔާ ޔާރްލަގައްޑާ ހިމެނެއެވެ.

comment ކޮމެންޓް