ބޮލީވުޑްގެ މަގުބޫލު ތަރި ޝާހްރުކް ޚާންގެ 61 ވަނަ އުފަންދުވަހާ ދިމާކޮށް އާންމުކުރި އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ފުރަތަމަ ލަވަ "ތޫ މިލް ޖާއޭ" ރިލީޒްކުރިތާ 24 ގަޑިއިރުތެރޭ އެ ލަވައަށް 60 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ރެކޯޑު ޢަދަދާ އެކު އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ބެލުންތެރިން ބެލި އިންޑިއާ ފިލްމު ލަވައިގެ ޝަރަފު މި ލަވަ ވަނީ ކަށަވަރުކޮށްފައެވެ. މި ކާމިޔާބީއާއެކު މުގުރާލެވިގެން ދިޔައީ، 2023 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ޖަވާން"ގެ ލަވަ "ޒިންދާ ބަންދާ"އަށް ފުރަތަމަ 24 ގަޑިއިރު ތެރޭގައި ލިބުނު 34.6 މިލިއަން ވިއުސްގެ ރެކޯޑެވެ. އެހެންކަމުން މިއީ އެ ރެކޯޑު މީގެ ކުރިންވެސް އޮތް ޝާހްރުކް، އަމިއްލަ ރެކޯޑު އައުކުރި ފަހަރެކެވެ.
ފިލްމީ ލަވަތަކުގެ ތާރީޚުގައި މި ލަވައިން ކުރި ހޯދި ނަމަވެސް، ޔޫޓިއުބުގައި ވަކިން ނެރޭ ސިންގަލް މިއުޒިކް ވީޑިއޯތަކުގެ ތެރެއިން އެއްވަނަ އަދިވެސް އޮތީ ބާދުޝާހުގެ މަޝްހޫރު ލަވަ "ޕާގަލް" އަށެވެ. އެ ލަވައަށް ފުރަތަމަ ދުވަހު 75 މިލިއަން ވިއުސް ލިބިފައިވެއެވެ. ޝާހްރުކާއި ދީޕިކާ ޕަދުކޯންގެ މަޤުބޫލު ޖޯޑު އަނެއްކާ ވެސް ސްކްރީނުން އެކުގައި ފެނިގެންދާ "ތޫ މިލް ޖާއޭ" އަކީ އަރިޖީތު ސިންގާއި މަދޫބަންތީ ބަގްޗީގެ ޖާދުވީ އަޑުން ވިދާލާފައިވާ ލަވައެކެވެ. މީގެއިތުރުން ބައިނަލްއަގުވާމީ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ހިތްގައިމު ރެޕް އަޑުއެޅުމެއް ހިމެނިފައިވުމަކީ މި ލަވައަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ.
ފިލްމު "ކިންގް"ގެ ފުރަތަމަ ލަވަ "ތޫ މިލް ޖާއޭ"ގެ މަންޒަރެއް-- ފޮޓޯ/ ބޮލީވުޑްހަންގާމާމި ލަވަޔަށް ބޮޑު މަޤުބޫލުކަމެއް ލިބެމުން އައި ނަމަވެސް، މީސްމީޑިއާގައި ބެލުންތެރިންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން ލަވައިގެ މަންޒަރުތަކާއި ވިޝުއަލް ސްޓައިލް، ޝާހްރުކްގެ ކުރީގެ ބޮޑެތި ފިލްމުތައް ކަމަށްވާ "ޕަތާން" އަދި "ޖަވާން"އާ މާބޮޑަށް އެއްގޮތްކަމަށް ބުނެ ބައެއް ބެލުންތެރިން ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.
މީގެ ތިން އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "ޕަތާން" އަށްފަހު ޑައިރެކްޓަރު ސިދާތު އާނަންދާއި ޝާހްރުކް އަލުން ގުޅިގެން ގެނެސްދޭ މި ފިލްމުން، ޝާހްރުކްގެ އިތުރުން އޭނާގެ ދަރިފުޅު ސުހާނާ ޚާން އަދި އަބީޝެކް ބައްޗަން ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި ރާނީ މުކަރްޖީ، ރަގަވް ޖުޔާލް، އަރްޝަދު ވާރްސީ އަދި ޖައިދީޕް އަހްލާވަތު ފަދަ ކުޅަދާނަ އެކްޓަރުންގެ ބައިވެރިވުން ވެސް މި ފިލްމުގައި ހިމެނެއެވެ.
މި ފިލްމު ބޮޑު ސްކްރީނަށް ގެނައުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.