އެމެރިކާގެ ތާއީދު ގެއްލިއްޖެނަމަ ދެން އަހަރެން ވާނީ އިސްރާއީލުގެ ބޮޑުވަޒީރަކަށް: ޓްރަމްޕް

ވޮޝިންޓަން (3 ނޮވެމްބަރު 2026): އެމެރިކާގައި ބާއްވާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި އޭނާގެ ރިޕަބްލިކަން ޕާޓީއަށް ތާއީދު ގެއްލި، އެމެރިކާގެ ރައްޔިތުން އޭނާ މަތިން ފޫހިވާކަން ހާމަވެއްޖެނަމަ އިސްރާއީލަށް ހިޖުރަކޮށް އިސްރާއީލުގެ ބޮޑުވަޒީރަކަށް ވެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"ފޮކްސް ނިއުސް"އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އިސްރާއީލުގެ 99 އިންސައްތަ މީހުންގެ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ. އެމެރިކާގެ ރައީސުންގެ ތެރެއިން އިސްރާއީލަށް އެންމެ ބޮޑު ޚިދުމަތެއްކޮށްދިން ރައީސަކީ އޭނާކަން އިސްރާއީލުގެ އާންމުންގެ 99 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"އަހަރެން ބޭނުންނަމަ އިސްރާއީލަށް ގޮސް އިސްރާއީލުގެ ބޮޑުވަޒީރުކަން ހޯދިދާނެ، އެއްވެސް ކަމެއްނޫން" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގައި ބާއްވާ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގެ ވޯޓުލުން ފަށާފައިވާއިރު ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވާގޮތުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ ދެގޭގެ އަޣްލަބިއްޔަތުވެސް ގެއްލޭނެއެވެ. މި ހާލަތުގައި ރައީސްގެ ތަންފީޒީ ބާރުތައް ވަރަށް ބަލިކަށިވާނެއެވެ.

މި މައްސަލައިގައި ޓްރަމްޕް ހުންނެވީ ވަރަށް ކަންބޮޑުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓްރަމްޕް ގެންދަވަނީ މި މައްސަލާގައި ކަންބޮޑުވެވަޑައިގެން ވަރަށް ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. މިގޮތުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކޮންގްރެސްގެ އަޣްލަބިއްޔަތު ނަގައިފިނަމަ ކޮންގްރެސްއިން ފާސްކުރާ ހުރިހާ ބިލެއް ވީޓޯ ކުރާނެ ކަމަށާއި އޭރުން ކޮންގްރެސްގެ ބާރު ކަނޑުވާލެވިދާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އިންޒާރުތައް ދެއްވައިފައެވެ.

އެމެރިކާގެ ގާނޫނު ބުނާ ގޮތުން ކޮންގްރެސްއިން ފާސްކުރާ ބިލްތައް ތަސްދީގުނުކޮށް އަނބުރައި ފޮނުވާލުމުގެ ބާރު (ވީޓޯގެ ބާރު) ރައީސަށް ލިބިގެންވެއެވެ. ނަމަވެސް އަނބުރައި ފޮނުވާލާ ބިލް ކުރިޔަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން ދެވަނަ ފަހަރަށް ފާސްކޮށްފިނަމަ ރައީސަށް ދެން އިތުރު ޗޮއިސް އެއްނޯންނާނެއެވެ. މި ހާލަތުގައި ރައީސް އެ ބިލް ތަސްދީގު ނުކުރެއްވި ނަމަވެސް ރައީސް ބައިޕާސް ކުރުމަށްފަހު އޮޓަމެޓިކުން އެ ބިލް ތަސްދީގުވެ ގާނޫނަކަށް ވާނެއެވެ.

އެމެރިކާގައި ބާކީވެއްޖެނަމަ އިސްރާއީލުގެ ބޮޑުވަޒީރުކަން ބޭނުންވާކަމަށް ޓްރަމްޕް ވިދާޅުވުމަށްފަހު އޭނާވަނީ އަންނަ އަހަރުން ފެށިގެން އެމެރިކާއިން އިސްރާއީލަށް ދޭ ހިލޭ އެހީދިނުން ހުއްޓާލާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމެރިކާއިން އިސްރާއީލަށް ކޮންމެ އަހަރަކު ހަތަރު ބިލިޔަން ޑޮލަރުގެ ހިލޭ އެހީދެމުން ގެންދެއެވެ. މި އެހީގެ ބޮޑުބައެއް އިސްރާއީލުން ހޭދަކުރަނީ އެމެރިކާއިން ހަތިޔާރު ގަނެގެން ފަލަސްތީނުގެ ރައްޔިތުން މަރައި އިންސާނީ ހައްގުތަކަށް އަރައިގަތުމަށާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށެވެ.

https://sun.mv/230019

ޣައްޒާގެ އާންމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާތައް އިސްރާއީލުން ފުޅާ ދާއިރާއެއްގައި ހިންގަން ފެށުމާއެކު އިސްރާއީލާ އިދިކޮޅު ރޫހެއް އެމެރިކާގެ ޒުވާން ޖީލުގެ މެދުގައިވަނީ އުފެދިފައެވެ. މިއާއެކު އެމެރިކާގެ ގިނަ ބަޔަކު ވަނީ އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކަށް އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދުކުރަމުންދާ ކަމަށް ފާޅުގައި ބުނަން ފަށައިފައެވެ. މިއީ ކުރިން އެމެރިކާގެ އެއްވެސް ރައްޔިތަކަށް ދައްކަން ނުކުރޭ ވާހަކަ އެކެވެ. އެއީ އެފަދަ ފަރާތަކާ ދެކޮޅަށް އެންޓިސެމިޓިޒަމްގެ ތުހުމަތުކޮށް އެ ފަރާތެއް ބާކީކޮށް ބްލެކްލިސްޓްކުރާތީއެވެ.

އެމެރިކާގެ އާންމުންގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ބަދަލުވަމުންދާތީ އެމެރިކާގެ ސިޔާސީ މަސްރަހު ވެސް އިސްރާއީލާ ދެކޮޅަށް ބަދަލުވާން ފަށާފައިވާކަން އާންމު ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފައެވެ. މި ފަހަރުގެ އިންތިޚާބުގައި އިސްރާއީލާ އިދިކޮޅު ފަރާތްތަކެއް ކޮންގްރެސްގެ އިންތިޚާބު ކާމިޔާބުކުރާނެކަންވެސް ސާވޭތަކުންވަނީ ހާމަވެފައެވެ.

comment ކޮމެންޓް