ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުން: ފުލުހުން މައްސަލަ ތަހުގީގުކުރަން ފަށައިފި

ޑައިވިނަށް ގޮސް އުޅުނު ބޭރުގެ ޑައިވަރުންތަކެއްގެ ދެމެދު ހިނގި ހަމަނުޖެހުމެއް: ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގުކުރަމުން

ރާއްޖޭގެ މަޝްހޫރު ޑައިވިން ޕޮއިންޓެއް ކަމަށްވާ އދ. އަތޮޅު "ކުޑަރަހަ ތިލަ" ކައިރީގައި، ކަނޑުގެ އަޑީގައި ބޭރުގެ ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވަނީ ހޯމަ ދުވަހު ގޮވާލައި، ފުލުހަށް ވެސް މައްސަލަ ހުށަހަޅާފައެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް "ސަން"އަށް ވިދާޅުވީ، ކަނޑުއަޑީގައި ހިނގި މި ހާދިސާގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިހާރު އެ މައްސަލަ ރަސްމީކޮށް ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

https://sun.mv/229925

މި ހާދިސާ ހިނގާފައިވަނީ ކަނޑުގެ 18 މީޓަރު އަޑީގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ބޭރުގެ ޑައިވަރަކު ވަނީ ޗައިނާގެ އިންސްޓްރަކްޓަރެއްގެ ގައިގައި ޖަހައި ކޮއްޕައި، އޭނާ އަޅައިގެން ހުރި އޮކްސިޖަން މާސްކު ދަމައިގަންނަން މަސައްކަތްކޮށްފައެވެ.

އެންބީއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ "މޯލްޑިވްސް ލެޖެންޑް" ލިވަބޯޑާއި "އިންފިނިޓީ އެކްސް" ގެ ޑައިވިން ޓީމުތަކާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި ހިނގި މި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މި މައްސަލައިގައި ވަކި ފަރާތަކަށް ނުޖެހި، ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީ އަދި ކަމާބެހޭ އެހެނިހެން މުއައްސަސާތައް ގުޅިގެން ފުރިހަމަ، އިންސާފުވެރި އަދި ދެފުށް ފެންނަ ސީރިއަސް ތަހުގީގެއް ހިންގުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، ހާދިސާ ހިނގައިދިޔަ ގޮތް ސާފުނުވަނީސް އަވަސް އަރުވާލައިގެން ނިންމުންތައް ނުނިންމުމަށާއި، ވަކި ބައެއްގެ އަމަލުތަކެއްގެ ސަބަބުން މުޅި ރާއްޖޭގެ ބޯޓިން އަދި ޑައިވިން ސިނާއަތުގެ އަގުވެއްޓޭ ގޮތަށް ނުވަތަ ރާއްޖެއަކީ ޑައިވްކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދެއްކުމަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް ވެސް އެންބީއޭއެމްއިން އިލްތިމާސްކުރިއެވެ.

ހަމައެއާއެކު، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނިވަލުގައި، ދިވެހިންގެ އެކަށޭނެ މިލްކުވެރިކަމެއް ނުވަތަ ހިންގުމުގެ ހަގީގީ ދައުރެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޓޫރިޒަމް ހަރަކާތްތައް ހިންގާ ބޭރުގެ އުޅަނދުފަހަރު އުޅޭތީ އެކަމުގެ ކަންބޮޑުވުން ވެސް އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

https://sun.mv/229968

އެގޮތުން "އިންފިނިޓީ އެކްސް" އަކީ ކުރިން ބޭރުގެ އުޅަނދެއްގެ ގޮތުގައި އޮޕަރޭޓްކުރި އުޅަނދެއް ކަމަށާއި، ގަވާއިދަށް އައި ބަދަލާއެކު ރާއްޖޭގެ ކުންފުންޏެއްގެ އޮނިގަނޑަށް ބަދަލުކުރި ނަމަވެސް، ދިވެހިންގެ ހަގީގީ ބައިވެރިވުން އޮތް މިންވަރާމެދު ސުވާލު އުފެދޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ދަފްތަރާއި ބުކިން ވެބްސައިޓްތަކުގައި އެ އުޅަނދުގެ ޖާގައާ މެދު ހާމަކޮށްފައިވާ މައުލޫމާތުގައި ފުށުއެރުންތަކެއް ހުރިކަން ވެސް އެންބީއޭއެމްއިން ވަނީ ފާހަގަކޮށްފައެވެ.

ފާހަގަކުރެވޭގޮތުގައި ރާއްޖޭގެ މޫދު އަޑީގައި ޑައިވަރުންތަކެއްގެ މެދުގައި ހިނގައިފައިވާ ކަމަށް ބުނާ ހަމަނުޖެހުމެއްގެ މައްސަލައިގައި "މޯލްޑިވްސް ލެޖެންޑް" ޓުއާ އޭޖެންސީން ޑައިވަރަކު ވަނީ ސަސްޕެންޑުވެސް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް