ތިމާވެށްޓާ ރައްޓެހި ގޮތަކަށް ދިވާލީ ފާހަގަކުރުމަށް ގޮވާލައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޔާ މިރުޒާ ބައިވެރިވި ހޭލުންތެރިކުރުމުގެ ކެމްޕޭން، އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ނުރުހުމާ ގުޅިގެން މުންބާއީ މުނިސިޕަލް ކޯޕަރޭޝަން (ބީއެމްސީ)ގެ ރަސްމީ މީޑިއާތަކުން ކުއްލި ގޮތަކަށް ނަގައިފިއެވެ.
ބީޖޭޕީގެ މުމްބާއީ ގޮފީގެ ވެރިޔާ އަމީތު ސަތަމްގެ ޝަކުވާއަކާ ގުޅިގެން މުންބާއީގެ މޭޔަރު ރީތޫ ތާވްޅޭ ވަނީ، ދިޔާ މިރުޒާގެ މެސެޖަކީ ހިންދޫ ދީނުގެ އަސާސްތަކާއި ފިކުރާ ދެކޮޅު ވިސްނުމެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް، މިއީ ހަމައެކަނި ދިޔާ މިރުޒާއަށް އަމާޒުވި ފުރަތަމަ ހަމަލާއެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި ސިޔާސީ، އިޖުތިމާއީ އަދި ދީނީ މައްސަލަތަކުގައި އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ސަބަބުން ބޮލީވުޑްގެ އެތައް ތަރިންނަކަށް ވަނީ ވެރިކަންކުރާ ޕާޓީގެ ހޫނު ފާޑުކިޔުންތަކާއި ނުފޫޒާ ކުރިމަތިލާން ޖެހިފައެވެ.
ނަސީރުއްދީން ޝާހު: ސިޔާސީ ނުފޫޒާ ދެކޮޅަށް ފަސްޖެހުމެއްނެތް ބަސްމަގެއް
ސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ތަކުރާރުކޮށް ފާޑުކިޔަމުން އަންނަ ތަޖުރިބާކާރު އެކްޓަރު ނަސީރުއްދީން ޝާހަކީ ބީޖޭޕީގެ ނުރުހުން އަބަދުވެސް އަމާޒުވާ ފަރާތެކެވެ. މުސްލިމުންނާ ދެކޮޅަށް އުފެދޭ ނަފުރަތުގެ ބޭނުން ސަރުކާރުން ނާޖާއިޒު ގޮތުގައި ހިފާކަމަށް ބުނެ އަޑުއުފުލުމުގެ އިތުރުން، އިހުތިޖާޖު ކުރި މީހުންނާ ދެކޮޅަށް ފުލުހުން ހިންގި އަމަލުތައް ކުށްވެރިކޮށް، އޭނާއަކީ މިނިވަން ފިކުރެއްގެ ގެންގުޅޭ މީހެއްކަން ސޯޝަލް މީޑިއާގައި ހާމަކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ ރައްދުވެފައެވެ. މަރުކަޒީ ވަޒީރު ކިރެން ރިޖީޖޫ ވަނީ ޝާހުގެ ހަގީގަތް އެނގުނީ މާ ފަހުން ކަމަށް ވިދާޅުވެ، އޭނާ ދައްކާ ވާހަކަތަކަކީ އިންޑިއާގެ ޑިމޮކްރަސީއަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އިމްރާން ޚާން، އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް މުމްބާއީގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވަނީ--ފޮޓޯ/ހިންދުންސްތާންޓައިމްސްޕްރަކާޝް ރާޖް: ވޯޓުލުމުގެ ހައްގާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހަރަކާތްތެރިއެއް
ބީޖޭޕީގެ ސިޔާސަތުތަކާ ދެކޮޅަށް އެންމެ ހަރުއަޑުން ވާހަކަދައްކާ އެއް ފަންނާނަކީ ދެކުނު އިންޑިއާގެ އެކްޓަރު ޕްރަކާޝް ރާޖެވެ. އިންތިޚާބީ ލިސްޓުތައް އިސްލާހުކުރުމުގެ މައްސަލައިގައި އޭނާ ބުނެފައިވަނީ، މިއީ ހަމައެކަނި ވޯޓުލުމުގެ ޙައްޤު ދިފާއުކުރުން ނޫން ކަމަށާއި، ބީޖޭޕީގެ ފިކުރުގައި ހިންގާ ސަރުކާރު ބަލިކަށިކޮށްލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
އިމްރާން ޚާން: މުޒާހަރާއަކުން ފެށުނު ގާނޫނީ ހަނގުރާމަ
އޯވަސީސް ސިޓިޒަން އޮފް އިންޑިއާ (އޯސީއައި) ކާޑު އޮންނަ އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން، އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް މުމްބާއީގައި ބޭއްވި މުޒާހަރާއެއްގައި ބައިވެރިވުމުން ސަރުކާރާއެކު ވަރުގަދަ ޤާނޫނީ ކޯޅުމެއް ވަނީ އުފެދިފައެވެ. އޭނާ މުޒާހަރާގައި ބައިވެރިވުމަކީ ވިސާގެ ޝަރުތުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ ބީޖޭޕީގެ ކުރީގެ މަޖިލިސް މެންބަރަކު މައްސަލަ ޖެއްސުމުން، ޤައުމުން ބޭރުވުމުގެ އަމުރެއް ނެރުނެވެ.
ދީޕިކާ ޕަދުކޯން: ފިލްމު ބޮއިކޮޓް ކުރުމާއި ސިޔާސީ ފިއްތުންތައް
ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ހިމެނޭ ދީޕިކާ ޕަދުކޯނަކީ އެކި ދަނޑިވަޅުތަކުގައި ބީޖޭޕީގެ ސީދާ އަމާޒުފަތްގަނޑަކަށް ވެފައިވާ ފަންނާނެކެވެ. 'ޕަދުމާވަތު' ފިލްމުގެ މައްސަލައިގައި އޭނާގެ ބޯ ކަނޑާލާ މީހަކަށް ބީޖޭޕީގެ ލީޑަރަކު ބޮޑު އިނާމެއް ހުށަހެޅި ހިސާބުން ފެށިގެން، ޖޭއެންޔޫ ޔުނިވަސިޓީގައި އަނިޔާ ލިބުނު ދަރިވަރުންނާ ބައްދަލުކުރުމުން އޭނާގެ ފިލްމުތައް ބޮއިކޮޓް ކުރުމަށް ގޮވާލި ގޮވާލުމަކީ ސިޔާސީ ގޮތުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކެކެވެ. އޭގެ ފަހުން 'ޕަތާން' ފިލްމުގެ ލަވައެއްގައި ބޭނުންކުރި ހެދުމެއްގެ ކުލައާ ގުޅުވައިގެން ސަޤާފަތަށް އަރައިގަތް ކަމަށް ބުނެ ދެއްކި ވާހަކަތަކަކީވެސް، ފަންނުވެރިންގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ހިންގި ސިޔާސީ ކެމްޕޭނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ފަންނާނުންގެ އަޑާއި ތިމާވެށީގެ އިޖުތިމާއީ މެސެޖުތައް ސިޔާސީ ކުލަވަރުގެ ތެރެއަށް ވައްދައި، ޤައުމާ ދެކޮޅު ފިކުރެއްގެ ގޮތުގައި ލޭބަލްކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށާއި ފަންނުވެރިކަމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ފުން ކަންބޮޑުވުމެކެވެ.