ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމަކާ މެދު އެ ކޯޓުން ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.
މި މައްސަލައަކީ ކްރިމިނަލް ކޯޓުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމެއް އިސްތިއުނާފުކުރުމަށް އެދި، މިދިޔަ ހަފްތާގެ ބުދަ ދުވަހު ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ، ދަށު ކޯޓުން ނިންމި ނިންމުމުގައި އެއްކިބާކުރުމަށް އެދިފައިވާ ހެކި މިޒާންކޮށް ވަޒަންހަމަކޮށްފައިވާ ގޮތް ބަޔާންކޮށްފައި ނުވާތީ، މައްސަލައިގައި ޢަދުލުއިންސާފު އެއްކޮށް ގެއްލިފައިވާ ކަމަށެވެ.
މި މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި، ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ މުހިންމު ޤަޟިއްޔާތަކަކަށް ވަނީ ރިޢާޔަތްކުރައްވާފައެވެ. އެގޮތުން ފާހަގަކުރައްވާފައިވާ ކަންކަމުގެ ތެރޭގައި ޝަރީޢަތަށް ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުންތަކަކީ ޝަރީޢަތުގެ މަރުޙަލާގައި ވެސް އިތުރަށް ބަހުސްކުރެވި ގޮތް ނިންމޭ ކަންކަން ކަމުގައިވުމާއި، މައްސަލައިގެ ޝަރީޢަތުގައި އެކަންކަން ހުށަހެޅުމުގެ ބަދަލުގައި، ވަކިން އިސްތިއުނާފަށް ހުށަހެޅުމަކީ ދަށު ކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖެހި، ޝަރީޢަތް ދިގުލައިގެން ދިއުމަށް މެދުވެރިވާނެ ސަބަބަކަށް ވުން ހިމެނެއެވެ.
ހަމައެއާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އިސްތިއުނާފު ކުރުމަށް ފުރުޞަތު އޮންނަނީ، ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުޞަތު ނެތް ކަންކަމުގައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވުމުގެ އިތުރުން މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހެއްކެއް އެއްކިބާކޮށްފައި ނުވާކަމަށާއި، އަދި ހެކި އެއްކިބާނުކުރި ސަބަބު ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން ރަޖިސްޓްރާރގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ބަލައިނުގަނެވޭނެ ހެއްކެއް ބަލައިގަތުމަށްވުރެ ގެއްލުން ބޮޑުވާނީ ބަލައިގަނެވޭ ހެއްކެއް އެއްކިބާކުރުމުން ކަމަށާއި، ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން ޝަރީޢަތުގެ މަރުޙަލާގައި އިތުރަށް ވާހަކަދެއްކުމުގެ ފުރުޞަތު އަދިވެސް އޮތް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޙަވާލާދީ، މިއަދު ރަޖިސްޓްރާ ވަނީ މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމަވާފައެވެ.