ރަސްމާލެ މަޝްރޫއާ ދެކޮޅަށް އާންމު ވޯޓަކަށް ގޮވައިލައި، ސީދާ ހަރަކާތަށް ނުކުންނަން އެމްޑީޕީ ގައުމީ މަޖިލީހަށް ގަރާރެއް

ގާނޫނީ ވަކީލް މަހްފޫޒް ސައީދު: އޭނާއަށް އިންޒާރުދިން މައްސަލައެއް ފުލުހުން ބަލަނީ -- ފޮޓޯ/ އެމްޑީޕީ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ނިންމާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި، އެކަމަށް ސަރުކާރުން އިޖާބަ ނުދީފި ނަމަ ސީދާ ހަރަކާތަށް ނުކުތުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދު ހުށަހަޅުއްވައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ތާއީދު ކުރައްވާފައިވާ މި ގަރާރުގައި ސަރުކާރަށް ގޮވާލާ ނުވަ ކަމެއް ވަނީ ހިމަނައިފައެވެ.

https://sun.mv/229811

އެގޮތުން ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް އެއްވެސް އެކުއިސިޝަން ކޮސްޓަކާ އަދި ކުއްޔަކާ ނުލައި ދިނުމަށް ވެފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުން އާންމުކުރުމަށާއި، މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ގޮވާލައިފައެވެ. އަދި އެ ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގެއް އެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް މުއާމަލާތެއް ނުކުރުމަށް ވެސް ޝަރުތުކޮށްފައިވެއެވެ.

އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީ

މީގެ އިތުރުން، މި މުއާމަލާތުގެ ނުރައްކާތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް އެމްޑީޕީ އިސްވެ ހިންގުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގަރާރުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ސަރުކާރުން އެކަންކަމަށް އިޖާބަ ނުދީފި ނަމަ އެހެން ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާ ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް ވެސް ގަރާރުގައި ވަނީ ބާރުއަޅައިފައެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން ހިއްކި ބިމަކުން އެއްވެސް އަގެއް ނުލިބޭ ގޮތަށް ބޭރުގެ ކުންފުންޏަކަށް ދިގު މުއްދަތަށް ބިން ދޫކޮށްލުމަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަމެކެވެ.

https://sun.mv/229900

މި ގަރާރާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ބަހުސްކުރުމަށް ތައްޔާރުވަމުންދާއިރު، އެ ޕާޓީގެ އިސް ސަފުގައި ވަނީ މި މައްސަލައިގައި ޚިޔާލު ތަފާތުވުން ބޮޑުވެފައެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އީގަލް ހިލްސްގެ މަޝްރޫއުއާ އިދިކޮޅުވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެ، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން މިހާރު ފެންނަނީ ބޭރު މީހުންނަށް ނަފުރަތު ކުރުމާއި ވަތަނީ ވިސްނުންތަކުން މީހުންގެ ލޭހޫނުކުރުން ފަދަ ކަންކަން ކަމަށާއި، އެއީ ޕާޓީގެ އަސާސްތަކާއި ސިޔާސީ އައިޑެންޓިޓީއާ ޚިލާފު ކަމެއް ކަމަށެވެ.

ކ. ފުށިދިއްގަރުފަޅުގައި ހިއްކާފައިވާ ރަސްމާލެ -- ފޮޓޯ: އެޗްޑީސީ

ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ބައެއް މެންބަރުން ވަނީ މި މަޝްރޫއަށް އެމްޑީޕީން ދީލާލައިގެން ނުވާނެ ކަމަށާއި، އެކަމާ ދެކޮޅަށް ޕާޓީން ނުކުންނަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ހަމައެއާއެކު، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ތަރައްގީގެ ބައިވެރިންނާއި އެކުވެރި ގައުމުތައް ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ދެމުމަކީ ގައުމީ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާއި، އެ ގުޅުންތައް ޕާޓީ ސިޔާސަތަށް ވުރެ މަތީގައި ބާއްވަންޖެހޭނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާއި ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކުރީ ސެޕްޓެމްބަރު މަހުގެ 21ގައެވެ.

comment ކޮމެންޓް