އެފްއޭއެމް ޓާފް 1 ގެ މަސައްކަތް މި މަހު ކުރީކޮޅު ނިމޭނެ ކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ބުނެފިއެވެ.
ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ އިތުރުން މާލެ ސަރަހައްދުގެ ފުޓުބޯޅަ އެކަޑަމީތައް އަދި އާންމުން ބޭނުންކުރާ މި ދަނޑުގެ ޓާފް ހަލާކުވެ، ދަނޑު ބޭނުންކުރަން އުނދަގޫވުމުގެ ޝަކުވާ މި އެންމެންވެސް ކުރާތާ އަހަރުތަކެއް ވީއިރު، އެންމެ ފަހުން މި ދަނޑުގެ ޓާފް ބަދަލުކޮށްފައިވަނީ މީގެ 12 އަހަރު ކުރިން 2014 ވަނަ އަހަރުގައެވެ.
މި ދަނޑަށް ބޭނުންވާ ޓާފް ފޯރުކޮށްދީފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިންނެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުން އެފްއޭއެމް ޓާފް ދަނޑުގެ ޓާފް އާކުރުމުގެ މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިމިފައެވެ. އަދި މި މަސައްކަތް މި މަހު ކުރީކޮޅު އެއްކޮށް ނިންމާ ދަނޑު ބޭނުން ކުރެވޭނެ ކަމަށް ވުޒާރާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
https://x.com/MoYSF_mv/status/2116513364884983951
އެފްއޭއެމުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ދެ ޓާފް ދަނޑުގެވެސް މަރާމާތުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ ޓާފް ދެ ދަނޑުގެ އިތުރުން ކުރީގެ މިނީ ޓާފް ސަރަހައްދުގައި އިތުރު ދެ ޓާފް ދަނޑު އެޅުމަށް ނިންމާފައިވާ ކަމަށްވެސް އެފްއޭއެމުން ހާމަކޮށްފައިވެއެވެ.
ޓާފް ދޭއްގެ އިތުރުން އަލަށް ހަދަން ނިންމާފައިވާ ދެ ޓާފް ދަނޑުގެ މަސައްކަތް ކުރާނީ އޭއެފްސީގެ އެހީތެރިކަމާއެކުއެވެ.
އެފްއޭއެމް ޓާފް ދަނޑުތަކުގެ މައްސަލަ ހައްލުވެގެން ދިޔުމަކީ ފުރަތަމަ ޑިވިޝަނުގެ ކުޅުންތެރިންނާއި ކޯޗުން އަދި އެ ދަނޑުތައް ބޭނުންކުރާ އެކަޑަމީތަކާ އާންމުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.