މާލޭގައި، ހިސާބުގަނޑު މީހުންނަށް އާންމު އުނދަގޫކުރާ މައްސަލައެއް ފުލުހަށް ހުށަހަޅައި ގިނަ ދުވަސްތަކެއްވީ ނަމަވެސް ހައްލުނުވެ އޮތުމުން، ދިވެއްސަކު ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރި އަޙްމަދު ފައިރިޝް ބަންދުން ފިލައިފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
އާންމު އުނދަގޫކުރާ މީހެއްގެ މައްސަލައެއް ދޮޅު އަހަރުވީއިރު ވެސް ހައްލުނުވާ ކަމުގެ ކަންބޮޑުވުމާއެކު، ޒިންމާދާރު މަގާމެއް ފުރުއްވާ މުޙައްމަދު ސަޢީދުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ހައްޔަރުކުރީ ބަންދުގެ ރެކޯޑެއް އޮތް، އުމުރުން 43 އަހަރުގެ ފައިރިޝްއެވެ.
އެ މައްސަލައިގައި ފައިރިޝް ހައްޔަރުކޮށްފައިވަނީ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ. މި ހިނގާ އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހު ކޯޓުން ވަނީ ފައިރިޝް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ ފައިރިޝް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ފަރުވާއަށް ކ. ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގު އޭޖެންސީ (އެންޑީއޭ)އަށް ބަދަލުކޮށްފައި ކަމަށެވެ. އެ ތަނަށް ބަދަލުކޮށްފައިވަނިކޮށް މެންދުރުފަހުގެ ވަގުތެއްގައި އޭނާ ފިލައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މީގެ ކުރިން ބުނީ ފައިރިޝަކީ ވަރަށް ފަހުން ވެސް ބަންދުގައި ބެހެއްޓި މީހެއް ކަމަށާއި ނަމަވެސް ބަންދުން ދޫކޮށްލި އިރަށް މީހުންނަށް އުނދަގޫކުރަން އޭނާ ފެށީ ކަމަށެވެ.
އެހެން ނަމަވެސް އަބަދު ފުލުހުންގެ ބެލުމުގެ ދަށުގައި މީހަކު ނުބެހެއްޓޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.