ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކަށް 24 އަހަރުގެ ޖަލު ހުކުމެއް

ފުލުހުން ޑުރަގު އައްޑާއެއްގައި: ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކަށް 24 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވި މީހަކު 24 އަހަރަށް ޖަލަށް ލާން އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ޝަޔާލް ބިން ރިޟްވާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ، މިދިޔަ އަހަރުގެ އޭޕްރިލް 26ގައި، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޕޮލިސް އޮފުސަރުންތަކެއް ގޮސް ބެލިބެލުމުން މަސްތުވާތަކެތި ފެނުމުންނެވެ. އެގޮތުން، ޝަޔާލްގެ އަތުގައި އޮތް ތަޅުދަނޑިއަކުން ސައިކަލެއްގެ މަޑިދަށް ހުޅުވައި، މަޑިދަށުގައި އޮތް ފޮތި ކޮތަޅެއް ހާވަނިކޮށް ފުލުހުންނަށް ފެނުނު ކަމަށް ހުކުމުގައިވެއެވެ.

ފުލުހުން ސައިކަލުގެ މަޑިދަށް ބެލިއިރު، ފޮތި ކޮތަޅެއްގެ ތެރެއިން ރަބަރު ޕެކެޓުތަކުން ޖުމުލަ 30 ގުރާމުގެ ޑައިމޯފިން ހުރި ކަމަށް އެ ތަކެތީގެ ތަހުލީލުން ދެއްކި ކަމަށް ހުކުމުގައިވެއެވެ. އެ މަޑިދަށުން ރަބަރު ޕެކެޓާއި ކައްޓާ ފަދަ، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ފަދަ ތަކެތި ވެސް ފެނިފައިވާ ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ޝަޔާލް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި މަސްތުވާތަކެތި ފެނުނު ސައިކަލަކީ އޭނާގެ ސައިކަލެއް ނޫން ކަމަށާއި އެ ސައިކަލުގެ ތަޅުދަނޑިއަކީ ވެސް އޭނާގެ އެއްޗެއް ނޫން ކަމަށްވަނީ ބުނެފައެވެ.

އެ މައްސަލައިގެ ހުކުމުގައި ވަނީ، ޝަޔާލް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ޕްރޮސިކިއުޝަނުން ޝަރީއަތަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ކަމަށެވެ.

އެހެންވެ، އޭނާ 24 އަހަރާއި 11 މަހަށް ޖަލަށްލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ.

comment ކޮމެންޓް