އެމްޓީސީސީގައި ބާވެ ދުވަސްވެފައި ހުރި ބޭނުން ނުކުރާ ބަސްތަކެއް ނީލަން ކިޔަން އިއުލާނުކޮށްފިއެވެ.
އެމްޓީސީސީން ބޭނުންކޮށްފައިވާ ބާވެ ހަލާކުވެފައިވާ ބަސްތަކެއް ނީލަމުގައި ވިއްކާލަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ފުރަތަމަ އިއުލާނުކުރީ ނިމުނު އޮގަސްޓު މަހުގެ ދެވަނަ ދުވަހެވެ. އޭރު އެ ބަސްތަކުގެ ނީލަށް ފެށޭ އަގަކަށް އެ ކުންފުނިން ޖަހާފައިވަނީ 25،000 ރުފިޔާއެވެ. އަދި މަދުވެގެން އިތުރުކުރެވޭނެ އަގަކަށް ޖަހާފައިވަނީ 10،000 ރުފިޔާއެވެ.
އެއަށްފަހު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު، އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުނުކުރުމުން އެ ބަސްތަކުގެ ނީލަން ފެށޭ އަގު 15،000 ރުފިޔާއަށް އަދި އިތުރުކުރެވޭ އަގު މަދުވެގެން 2،000 ރިފިޔާއަށް ކުޑަކުރިއެވެ.
އެއަށްފަހު އިއްޔެ އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ބައެއް ބަސްތައް ގަތުމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، ބަސްތަކުގެ އަގު ދަށްކޮށް އަލުން ނީލަން ކިޔަން ނިންމާފައިވާ ކަމަށެެވެ.
މި ފަހަރު ނީލަން ފެށޭ އަގެއްގެ ގޮތުގައި އެ ކުންފުނިން ޖަހާފައިވަނީ 3،000 ރުފިޔާއެވެ. އަދި މަދުވެގެން އިތުރުކުރެވޭ އަގަކަށް ޖަހާފައިވަނީ 500 ރުފިޔާއެވެ.
ޖުމްލަ ހަތް ބަހެއް ނީލަމުގައި ވިއްކާލަން ޖަހާފައިވާއިރު އޭގެތެރޭގައި ހިމެނެނީ، ހުޅުމާލޭގައި އޮތް ހަތަރު ބަހަކާއި ލ. ގަމުގައި އޮތް ތިން ބަހެކެވެ. އެ ހުރިހާ ބަސްތަކަކީ ވެސް ހަލާކުވެފައިވާ ބަސްތަކެކެވެ.
އެ ކުންފުނިން ވަނީ އެ ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ސެކިއުރެޓީ ޑިޕޮސިޓްގެ ގޮތުގައި 2،000 ރުފިޔާ ޖަމާކުރަންޖެހޭ ކަމަށް ބުނެފައެވެ. އަދި ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު، އެ ދުވަހެއްގެ މެންދުރު 12:00 ގެ ފަހުން އެ ކުންފުނީގެ އޮކްޝަން ނޯޓިސް ބޯޑުން ފެންނަން ހުންނާނެ ކަަމަށާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެ ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ، އެ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ނީލަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.