ބޮޑެތި ވަޅުގަނޑުތައް ހެދި ވަރަށް ބޮޑަށް ގެއްލުންވެފައިވާ، އައްޑޫ ސިޓީގެ ލިންކުރޯޑު ހެދުމުގެ މަސައްކަތްތައް ކުރިއަށްގެންދަން އެދި އެ ސިޓީގެ ރައްޔިތުންތަކެއް މިއަދު އިހުތިޖާޖެއް ފަށައިފިއެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ލިންކުރޯޑު ތަރައްގީކުރުމުގެ މަސައްކަތް މިދިޔަ އަހަރު ސަރުކާރުގެ ކުންފުނި އާރުޑީސީއާ ހަވާލުކުރިއެވެ. ނަމަވެސް މިދިޔަ މަހު ސަރުކާރުން ވަނީ އެ މަސައްކަތް އަވަސްކުރުމަށް، އާރްޑީސީ އަތުން ނަގައި ޗައިނާގެ ރޮޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފައެވެ.
'ސަން' އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޝުއާއު ވިދާޅުވީ ލިންކުރޯޑުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާތީ އެ ސިޓީގެ ޒުވާނުން އިސްނަގައިގެން އިހުތިޖާޖުކުރަމުންދާ ކަމަށެވެ.
އެ އިހުތިޖާޖުގައި ލިންކުރޯޑުގެ އަމަލީ މަސައްކަތް ވީހާ ވެސް އަވަހަށް ފަށައިދިނުމަށް ޒުވާނުން ގޮވާލަމުންދާ ކަމަށާއި، ޒިންމާ އަދާނުކުރެވޭނަމަ ރައީސާއި ދާއިރާގެ ޕީއެންސީ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮޮވާލަމުންދާ ކަމަށްވެސް ޑެޕިއުޓީ މޭޔަރު ވަނީ ވިދާޅުވެފައެވެ.
އައްޑޫގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު ޝުއާއުސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިހުތިޖާޖުގެ ވީޑިއޯތަކުގައި، ލިންކްރޯޑުގައި ދުއްވުމުން އުނަގަނޑާއި މައިބަދަ "ބިނދިއްޖެ" ކަމަށާއި، އަގު ބޮޑު އުޅަނދުތައް ހަލާކުވެެއްޖެ ކަމަށް މީހުން ބުނަމުންދެއެވެ. އަދި ސަރުކާރުން އެ މީހުން ދައްްކާ ވާހަކަ އަޑުނާހާ ކަމަށާއި، ކޮންމެ އަހަރަކު ވެސް ލިންކްރޯޑު ހެދުމަށް ބަޖެޓުގައި ޖެހި ނަމަވެސް އެ މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
މީގެ އިތުރުން ލިންކްރޯޑަކީ އައްޑޫގެ އިގުތިސާދާ ގުޅިފައިވާ މަގެއްކަން ފާހަގަކޮށް، ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީން ދަތުރުކުރުމަށް އޮންނަ އެ ލިންކުރޯޑުގައި މިހާރު 20 ކިލޯމީޓަރަށްވުރެ ބާރަށް ނުދުއްވޭކަން ބައިވެރީން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ގަޑިއަށް ޑިއުޓީތަކަށް އަރަންޖެހޭ މީހުންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ވެސް އިހުތިޖާޖުގެ ބައިވެރީން ވަނީ އަޑުއުފުލާފައެވެ.
އައްޑޫގައި ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން --- ފޮޓޯ: މުޙައްމަދު ޝުއާއުއެހެންވެ، މިއަދުން މިއަދަށް ވެސް މަގު ހެދުމުގެ މަސައްކަތް ފެށުމަށް އިހުތިޖާޖުގެ ބައިވެރީން ވަނީ ގޮވާލާފައެވެ.
އައްޑޫ ލިންކްރޯޑަކީ އެ ސިޓީގެ ގުޅިގައިވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ އެއްގަމު މަގުން ގުޅުވައިދޭ ހައިވޭއެވެ. ގާތްގަނޑަކަށް 16 ވަރަކަށް ކިލޯމީޓަރުގެ އެ ލިންކުރޯޑު ތަރައްގީކުރުމަށް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމުމަށެވެ.
އައްޑޫ ލިންކްރޯޑުގެ ހާލަތާ ގުޅޭ ގޮތުން އެ ސިޓީގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ ދިގު މުއްދަތެއް ވަނީ ވެފައެވެ.