އައްޑޫ ލިންކްރޯޑު: ދުއްވޭކަށް ނެތް، ނުދުއްވާ ވާކަށް ނެތް!

އައްޑޫ ލިންކް ރޯޑްގެ މިހާރުގެ ހާލަތު: އައްޑޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި މަގު ހަލާކުގެ ދަތުރުފަތުރަށް ބޮޑެތި ތަކުލީފު އުފުލަން ޖެހުން... ފޮޓޯ/ ދި ޓައިމްސް އޮފް އައްޑޫ

އައްޑޫ ސިޓީއަކީ ދިވެހިރާއްޖޭގެ އެންމެ ދެކުނަށް އޮންނަ، އަދި ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެވެ. ތިރީސް ހަތަރު ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ މި ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މައި ނާރެހަކީ އައްޑޫ ލިންކް ރޯޑެވެ. ނަމަވެސް މިއަދު މި މަގުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެ، ރައްޔިތުންގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އައްޑޫގެ ރަށްތައް ގުޅުވާލުމުގެ މައި ބިންގާގެ ގޮތުގައި ވެސް ބެލެވުފައިވާ ލިންކް ރޯޑެވެ. އައްޑޫ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަދި ގަން އެއްގަމު މަގުން ގުޅާލެވިފައިވަނީ މި މަގުންނެވެ.

އައްޑޫގެ ގިނަ ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ވެސް ދިރިއުޅުމާ ގުޅިފައިވާ މި ލިންކް ރޯޑުގެ ހާލަތާ މެދު ކަންބޮޑުނުވާ ރައްޔިތަކު ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ހާލަތު ގޯހުންގޯހަށް ގޮސް މި މަގުން ކުރިން 15 މިނެޓުން ކުރެވޭ ދަތުރުތަކަށް މިހާރު 30 މިނެޓަށްވުރެ ގިނަ ވަގުތު ހޭދަވެއެވެ. އެ ވެސް ތެޅެމުން ފޮޅެމުންނެވެ.

އައްޑޫ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް... ފޮޓޯ/ ޓައިމްސް އޮފް އައްޑޫ

"މިއީ މިހާރު އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން. ކުރިން 15 މިނެޓުން ދެވޭ ފޭދުއަށް ދާން މިހާރު 30 މިނެޓު އެބަ ނަގާ. އާންމުކޮށް ކޮންމެ ދުވަހަކު މި މަގުތައް ބޭނުންކުރާ އެތައް ހާސް ބަޔަކު އުޅޭއިރު، އެމްބިއުލަންސެއް ނުވަތަ ކުއްލި ހާލަތެއްގައި ދާންޖެހޭ އުޅަނދަކަށް މި މަގުތަކުން ދަތުރުކުރަން ޖެހޭނެ ހާލަތު ހިތަށް އަރުވާލަބަލަ." އައްޑޫ ލިންކް ރޯޑުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރި އާންމު ރައްޔިތަކު ބުންޏެވެ.

މަގުގެ އެކި ސަރަހައްދުތަކުގައި ހެދިފައިވާ ބޮޑެތި ވަޅުގަނޑުތަކުގެ ސަބަބުން ދުއްވާ އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތައް އަންނަނީ ލިބެމުންނެވެ. މިއީ ހަމައެކަނި އެ މަގުން ކުރާ ދަތުރު ދިގުވެ، ހޭދަވާ ވަގުތު ގެއްލުމެއް ނޫނެވެ. އެ މަގުން ދަތުރުކުރަން ބޭނުންކުރާ އާންމު ރައްޔިތުންގެ އުޅަނދުތައް މަރާމާތުކުރުމަށް ކުރަންޖެހޭ ހޭދަ ވެސް އިތުރުވެ، އެ ފަރާތްތަކުގެ އާއިލާތަކުގެ މާލީ ހާލަތަށް ވެސް ކުރިމަތިވާ ބޮޑު ތަކުލީފެކެވެ. މީގެ އިތުރުން، ވިޔަފާރި މުދާ އުފުލުމުގައި ދިމާވާ ލަސްތަކުގެ ސަބަބުން މުޅި ސިޓީގެ އިޤްތިޞާދަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި އަނެއްކޮޅުން މީހާގެ ހަށިގަނޑަށް ލިބޭ ގެއްލުންތައް މާ ގިނައެވެ.

"މީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ ކަމެއްނޫން ދަރިޔާ. މިއީ އެކެއް ނޫނީ ދެމީހަކަށް އުފުލަން ޖެހޭ ތަކުލީފެއްވެސް ނޫން. މިއީ އައްޑޫގެ ގިނަ ރައްޔިތުންގެ ވެސް އުފުލަން ޖެހިފައިވާ ތަކުލީފެއް. މިހާރު މި ރޯޑުގައި ދުއްވަން ބިރުވެސް ގަނޭ، ހީވަނީ އަޑިގަނޑަކަށް ވެއްޓިދާނެހެން، އެފެންވަރުގަ މިހާރު މަގު އޮތީ." އާއްމު ރައްޔިތަކު ބުންޏެވެ.

އިތުރު މީހަކު ކިޔައިދިން ގޮތުގައި މަގުގެ ހާލަތު ގޯސްވުމުގެ އެންމެ ނުރައްކާތެރި ނަތީޖާއަކީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދިމާވާ ދަތިތަކެވެ. ހިތަދޫގައި ހުންނަ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް އެހެން ރަށްރަށުން ބަލިމީހުން އުފުލުމުގައި އެމްބިއުލާންސްތަކަށް ކުރިމަތިވާ ލަސްވުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށް އޭނާ ބުންޏެވެ. ބަލިމީހަކު ގޮވައިގެން ބާރު ދުވެލީގައި ދަތުރުކުރާއިރު މަގުގެ އަޑިގުޑަންތަކުގެ ސަބަބުން ބަލިމީހާ އުފުލަން ޖެހޭ ތަކުލީފުތައް އެހާމެ ބޮޑެވެ.

އައްޑޫ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް... ފޮޓޯ/ ދި ޓައިމްސް އޮފް އައްޑު

"މިއީ ވަރަށް ކަންބޮޑުވާ ކަމެއް، ޚާއްސަކޮށް ރަށްރަށުން ބަލިމީހުން އުފުލުމުގައި އެމްބިއުލަންސްތަކަށް ކުރިމަތިވާ ލަސްވުމަކީ ފުރާނައަށް ނުރައްކާވެދާނެ ކަމެއް. އެއްވެސް ޔަގީންކަމެއް ނެތް، ނުރައްކާތެރިކަމެއް. މިކަން ހައްލުކޮށްދެވޭނީ ސަރުކާރަށް، އެހެން ނަމަވެސް ސަރުކާރުން ވެސް އަޅާނުލާ." އައްޑޫން ވާހަކަ ދެއްކި އިތުރު މީހަކު ބުންޏެވެ.

މީގެ އިތުރުން ވެސް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިއެވެ. އެގޮތުން އެކަކު ބުނެފައިވަނީ އެ މަގުން ދަތުރުކުރާ ބަލި މީހެއްގެ ހާލަތު ވާނީ އިތުރަށް ގޯސް ކަމަށެވެ.

"މި މަގުގައި ދުއްވާ ވަރަކަށް ލޮލުގެ މައްސަލައާއި، ބޮލުގެ މައްސަލައާއި، ބުރަކަށީގެ މައްސަލައާއި، ސިކުނޑީގެ މައްސަލަ ހުރިއްޔާ އެ މައްސަލައެއް އިތުރަށް ބޮޑުވާނެ. ދޮގުހަދާ ކުދިންނަށްވެސް ވާނީ އެހެން." ސޯޝަލް މީޑިއާގައި އައްޑޫ މީހަކު ލިޔެފައިވެއެވެ.

މިކަމާ ކަންބޮޑުވުން ފާޅުކޮށް އިތުރު މީހަކު ކުރި ޕޯސްޓެއްގައި ބުނީ ޗުއްޓީއަކަށް ގޮސް, އެނބުރި އައިއިރު މަގުތައް އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށެވެ. އެހެންކަމުން އޮފީހަށް ދެވެނީ 40 މިނެޓުފަހުން ކަމަށް އޭނާ ބުންޏެވެ. އަދި ކަންމިހެން އޮތްނަމަވެސް ވެރިން ޓީވީއަށް އަރައި އައްޑޫ ލިންކް ރޯޑުގެ މަރާމާތުގެ މަސައްކަތް ނިމި، ރިބަން ކަނޑާ ހިސާބަށް ގޮސްފައިވާ ކަމަށް ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

އައްޑޫ ލިންކް ރޯޑުގައި ހެދިފައިވާ ވަޅުގަނޑުތައް... ފޮޓޯ/ ދި ޓައިމްސް އޮފް އައްޑު

ޒިންމާ ނަގަނީ ކޮން ފަރާތަކުން؟

މަގުގެ ހާލަތު މިހާ ދަށަށް ގޮސްފައިވާއިރު، މިކަމުގެ ޒިންމާ ނަގާނެ ފަރާތެއް ނެތުމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު ޒިންމާ އުފުލުމުގައި އެކަށީގެންވާ ކޯޑިނޭޝަނެއް ނެތްކަން ފާހަގަކުރެވެއެވެ.

މަގު މަރާމާތުކުރުމުގެ މަޝްރޫޢުތައް އެކި ފަހަރު މަތިން އިއުލާނު ކުރެވުނު ނަމަވެސް، އަމަލީ ގޮތުން ދާއިމީ ހައްލެއް ލިބޭނެ މަސައްކަތެއް ކުރެވޭތަނެއް ނުފެނެއެވެ. މިއީ ހަމައެކަނި ސިޔާސީ ވައުދަކަށް ވެފައި އޮތުމަކީ ހިތާމަހުރި ކަމެކެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގެ ތެރެއިން މޭޔަރު ނިޒާރު ވާހަކަދައްކަވަނީ.. ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

މި މައްސަލައާ ގުޅިގެން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ، ލިންކްރޯޑަކީ މިހާރު ކުޑަކޮށް މަރާމާތުކޮށްލައިގެން ހައްލުކުރެވޭނެ ފެންވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ މަގެއް ކަމަށެވެ. އެ މަގު އޮތީ މުޅިން އަލުން ހަދަންޖެހޭ ފެންވަރަށް ގޮސްފައި ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު ނިޒާރު ވަނީ ސަރުކާރުން އައްޑޫގެ ތަރައްގީގެ މަޝްރޫޢުތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭ ކަމަށްވިދާޅުވެ ފާޑުވިދާޅުވެފައެވެ. މަޝްރޫޢުތަކުގެ ކޮންޓްރެކްޓްތަކުގައި ސޮއިކޮށް ހަވާލުކުރި ނަމަވެސް، އަމަލީ މަސައްކަތް ނުފެށި ދިގުލައިގެން ދިއުމަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާންޖެހުނު މައިގަނޑު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުން ކައުންސިލްތަކުގެ އިދާރީ ހިންގުމަށް ހުރަސްއެޅުމުގެ ބަދަލުގައި، ރައްޔިތުންނާ ގުޅިފައިވާ އަސާސީ މަޝްރޫޢުތައް އަވަސްކޮށްދިނުމަށް މޭޔަރު ވަނީ ގޮވާލައްވާފައެވެ.

މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު: --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވީ، އައްޑޫ ލިންކްރޯޑް އަލުން ތަރައްގީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން އައްޑޫގައި ހިންގާ އެންމެ އިސްކަންދޭ މަޝްރޫޢު ކަމަށެވެ. އަދި މުޅި މަޝްރޫޢު ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފައި ކަމަށް ވިދާޅުވިއެވެ.

އަމަލީ މަސައްކަތް ފެށުން ލަސްވި ސަބަބާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މަޝްރޫޢަށް ބޭނުންވާ ޚާއްސަ މެޝިނަރީތައް ހޯދުމަށް ވަގުތު ނެގި ކަމަށެވެ. ނަމަވެސް އެ މެޝިނަރީތައް މިހާރު ރާއްޖެ ގެނެވިފައިވާ ކަމަށާއި، އެތަކެތި އައްޑޫއަށް ގެންދެވުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެ އިތުރުން، މިނިސްޓަރު މުއްތަލިބު ވަނީ ކައުންސިލުގެ ދައުރާމެދު ސުވާލުު އުފައްދަވާފައެވެ. މަގުތައް ބެލެހެއްޓުމަކީ ޤާނޫނީގޮތުން ކައުންސިލްތަކުގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެ، ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ބޮޑު މާލީ އެހީތެރިކަމެއް ދެމުންދާއިރު، މަގުގައި ހުރި ކުދި ވަޅުގަނޑުތައްވެސް ހަމަޖައްސާނެ އިންތިޒާމެއް ކައުންސިލުން ހަމަނުޖެއްސުމަކީ ހިންގުން ރަނގަޅު ނޫން ކަމުގެ ހެއްކެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވެވިއެވެ.

އައްޑޫ ލިންކް ރޯޑަކީ އެ ސިޓީގެ ދިިރިއުޅުމުގެ މައިބަދައެވެ. މި މަގުގެ ހާލަތު ރަނގަޅުކުރުމަކީ ހަމައެކަނި ދަތުރުފަތުރަށް ލިބޭ ފަސޭހައެއް ނޫނެވެ. އެއީ ރައްޔިތުންގެ ސަލާމަތާއި، އިގްތިސާދީ ދިރުމާއި، އަދި އަސާސީ ޚިދުމަތްތައް ހޯދުމަށް އޮތް އެންމެ މުހިންމު މަގެވެ. އެހެންކަމުން، ކަމާބެހޭ ފަރާތްތަކުން އެކަކު އަނެކަކަށް އިނގިލި ދިއްކުރުން ހުއްޓާލައި، މިކަމަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދައިދިނުމަކީ މިއަދު އައްޑޫ ރައްޔިތުން ކުރަމުންދާ އެންމެ ބޮޑު އުންމީދެވެ.

comment ކޮމެންޓް