ވ. އަތޮޅަށް ޑައިވްކުރަން ގޮސް މަރުވި އިޓަލީގެ ދެމައިންގެ އަޅި "އެމީހުން އެންމެ ލޯބިވި ކަނޑުގެ ސަރަހައްދަށް" ދޫކޮށްލައިފި

މަރުވި އިޓަލީގެ މެރިން ބައޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން (ކ) އަދި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް (ވ) --

މިދިޔަ މެއި މަހު ދިވެހިރާއްޖޭގެ ވ. އަތޮޅު ފަޅުތެރޭގައި ހުރި ހޮހަޅައަކަށް ޑައިވްކުރަން އުޅުމުގެ ތެރޭގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި މަރުވި އިޓަލީގެ މެރިން ބައޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން އަދި އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލްގެ ހަށިގަނޑު އަންދާލުމަށްފަހު، އެ ދެމައިންގެ އަޅި އެމީހުން އެންމެ ލޯބިވި ކަނޑުގެ ސަރަހައްދަށް އަޅާލައިފިއެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ "ލްއުނިއޯން ސާޑާ" ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެމައިންގެ އަޅި ކަނޑަށް އަޅާލާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ އަޅި އެޅީ އެ ދެމައިން ޗުއްޓީ ހޭދަކުރުމަށް އެންމެ ގަޔާވި އަދި އެ މީހުންގެ މުޅި ހަޔާތުގައިވެސް އެންމެ ލޯބިވި "ކަޕޯ މަންނޫ" ކިޔާ ސަރަހައްދުގެ ކަނޑަށެވެ. މަރުވުމަށްފަހު އެ ސަރަހައްދުގެ ކަނޑުގެ ތެރޭގައި އަބަދުގެ އަބަދަށް ލެހެއްޓުމަކީ އެ ދެމައިންގެ އެންމެ ބޮޑު އެދުން ކަމަށް ވެއެވެ.

ޔުނިވާސިޓީ ޕްރޮފެސަރެއްގެ އިތުރުން ޑައިވިން ތަޖުރިބާކާރެއް އަދި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުހިންމު މަޝްރޫއުތަކެއްގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި މޮނިކާގެ އަޅި ކަނޑަށް އެޅުމަށް ޓަކައި ޑިންގީއެއްގައި މަންދްރިއޯލާ ޖެޓީން ފުރާފައިވަނީ އިއްޔެ ހެނދުނު 7:00 ގައެވެ. މި ދަތުރުގައި މޮނިކާގެ ފިރިމީހާ ކާލޯ ސޮމަކާލް އާއި ދަރިފުޅު މަޓެއޯގެ އިތުރުން އާއިލާގެ ބައެއް މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވިއެވެ.

https://sun.mv/228799

ސަރަހައްދީ ގަވާއިދުތައް ހަމަޖެހިފައިވާ ގޮތުން ކަނޑަށް އަޅި އެޅުމުގެ ހުއްދަ ލިބެންދެން ވަކި މުއްދަތަކަށް އިންތިޒާރުކުރަން ޖެހުނު ކަމަށް އާއިލާއިން ބުނެއެވެ.

މޮނިކާގެ ފިރިމީހާ ކާލޯ ބުނެފައިވަނީ، އެ މީހުން އެންމެ ލޯބިވި ކަނޑުގެ އޯގާތެރިކަމުގެ ތެރޭގައި ދެމައިން އަބަދަށް ރައްކާތެރިވާނެ ކަމަށެވެ. އަދި އާއިލާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ޖިއާނީ ލުޓްޒޫ އެ ވަގުތު ސިފަކުރަމުން ބުނީ މުޅި ދަތުރު ކުރިއަށްދިޔައީ ހިމޭންކަމާއެކު ކަމަށާއި، މިއީ ހިތާމަވެރި އިތުރު ޖަނާޒާއެއް ފަދަ އަސަރުގަދަ ވަގުތުކޮޅެއް ކަމަށެވެ.

comment ކޮމެންޓް