ތާޑް-ޕާޓީ އެޕް ސްޓޯރުތަކަށް ގޫގުލްގެ "ރެޖިސްޓާޑް" ޕްރޮގްރާމްގައި ބައިވެރިވެވޭގޮތް ހަދައިފި

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ޑިވެލޮޕަރުން އަހަރީ ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ---

އެންޑްރޮއިޑް ފޯނުތަކަށް ތާޑް-ޕާޓީ އެޕް މާކެޓްޕްލޭސްތަކުން އެޕްލިކޭޝަންތައް އިންސްޓޯލްކުރުން ފަސޭހަކޮށްދިނުމުގެ ގޮތުން، ގޫގުލްއިން އެކުންފުނީގެ "ރެޖިސްޓާޑް އެޕް ސްޓޯސް" ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އިނިޝިއޭޓިވްގެ ދަށުން ޝަރުތުހަމަވާ އެޕް ސްޓޯރުތަކުން އެޕްތައް ޑައުންލޯޑްކުރާއިރު "ވަން-ޓެޕް" އިންސްޓޯލްގެ ހިދުމަތް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ރެޖިސްޓާވާ ތާޑް-ޕާޓީ އެޕް ސްޓޯރުތަކަށް، ސިސްޓަމްގެ އިތުރު ކޮންފާމޭޝަން ސްކްރީންތަކަކާ ނުލައި ސީދާ އެޕްތައް އިންސްޓޯލްކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެއިތުރުން އޮޓޯމެޓިކް އަޕްޑޭޓްތަކާއި، ޑައުންލޯޑް ވަމުންދާ މިންވަރު އަންގައިދޭ އިންޑިކޭޓަރުތައް ދެއްކުމުގެ ގާބިލުކަންވެސް މި ސްޓޯރުތަކަށް ލިބިގެންދާނެއެވެ.

ގޫގުލްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެންޑްރޮއިޑް 17 ކިއު.ޕީ.އާރު2 އަދި އެއަށްވުރެ މަތީ ވަރުޝަންތަކުގައި ހިންގާ ޑިވައިސްތަކަށް މި ހިދުމަތް ލިބެން ހުންނައިރު، ޑިސެމްބަރު 1، 2026 އިން ފެށިގެން މި ޕްރޮގްރާމް ރަސްމީކޮށް ފެށިގެންދާނެއެވެ.

https://sun.mv/229712

މި "ރެޖިސްޓާޑް އެޕް ސްޓޯސް" ޕްރޮގްރާމް ގޫގުލްއިން އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ މާޗް މަހުގެ ތެރޭގައެވެ. މިއީ އެންޑްރޮއިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބުރޫނާރާ ގޮތަށް، ތާޑް-ޕާޓީ އެޕްތައް އިންސްޓޯލްކުރުމުގެ މަރުހަލާ ފަސޭހަކޮށްދިނުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެކެވެ. އެމެރިކާ ފިޔަވައި އެހެން ގައުމުތަކުގައި ހިންގާ، ޝަރުތުހަމަވާ އެޕް މާކެޓްޕްލޭސްތަކަށް މިހާރު މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހެޅޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ޑިވެލޮޕަރުން އަހަރީ ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. އަދި ބައިވެރިވުމުގެ މަރުހަލާގައި ޝައުގުވެރިކަން ފާޅުކުރާ ފޯމު ހުށަހެޅުމާއި، ގޫގުލްގެ ޕްރީ-ކޮލިފިކޭޝަން ޗެކްތައް ފުރިހަމަކުރުމާއި، ފީ ދެއްކުމުގެ އިތުރުން ޓެކްނިކަލް އިވެލުއޭޝަނަކުން ފާސްވާންޖެހެއެވެ.

މީގެއިތުރުން، އެޕް ސްޓޯރުތަކުގައި މެލްވެއާ (ނުރައްކާތެރި ސޮފްޓްވެއާ) ހުރެގެންނުވާނެކަން ކަށަވަރުކުރުމަށްޓަކައި، ސްޓޯރުގެ އޭ.ޕީ.ކޭ ގޫގުލްއަށް ސުޕަވައިޒްކޮށް ސްކޭންކުރުމަށް ދޭންޖެހެއެވެ. އަދި މަޖުބޫރު ޕޮލިސީ ޔޫ.އާރު.އެލްތައް ހާމަކުރުމާއެކު، އެޕް ސްޓޯރުގައި ހުރި އެޕްލިކޭޝަންތަކުގެ ފުރިހަމަ ކެޓަލޮގާއި އަލަށް އަންނަ އަޕްޑޭޓްތައް މެލްވެއާ ރިވިއުއަށްޓަކައި މެދުކެނޑުމެއްނެތި ގޫގުލްއާ ހިއްސާކުރަންޖެހެއެވެ.

މި މަރުހަލާތަކުން ފާސްވުމުން އެ ސްޓޯރަކަށް "ރެޖިސްޓާޑް އެޕް ސްޓޯރ"ގެ މަގާމު ލިބި، ޕްރޮގްރާމްގެ ފީޗަރުތައް ބޭނުންކުރުމުގެ ހުއްދަ އެކްޓިވޭޓްވެގެންދާނެއެވެ.

comment ކޮމެންޓް