އޯޕަންއޭއައި އިން އެ ކުންފުނީގެ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް "ޖީޕީޓީ-6.1 ޓެރާ" އަންގާރަ ދުވަހު ތައާރަފުކޮށްފިއެވެ.
މިއީ އެ ކުންފުނީގެ ޖީޕީޓީ-6.1 ސީރީޒްގައި ހިމެނޭ ދެވަނަ މޮޑެލްއެވެ. މީގެ ކުރިން ނެރުނު ޖީޕީޓީ-6.1 ސޯލް އަށް ފަހު ނެރުނު މި މޮޑެލްއަކީ ކުރީގެ ޖީޕީޓީ-5.6 ޓެރާ މޮޑެލްގެ ކާމިޔާބީއަށް ފަހު، މުއާމަލާތް ކުރުމާއި ކޮމްޕިއުޓަރުން ކުރާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައިވާ މޮޑެލްއެކެވެ.
މި އާ މޮޑެލްއަކީ ޕްރޮޕޯޒަލްތައް އެކުލަވާލުމާއި، ޓެކްނިކަލް ކުރެހުންތައް މާނަކުރުމާއި، ފޯމުތައް ފުރައިދިނުމުގެ އިތުރުން ވީޑިއޯ އެޑިޓްކުރުމުގައިވެސް މާ ހުޝިޔާރު މޮޑެލްއެއް ކަމަށް އޯޕަންއޭއައި އިން ބުނެއެވެ. މީގެ އިތުރުން އެ ކުންފުނިން ކުރި އެތެރޭގެ ޓެސްޓުތަކުން ދައްކާ ގޮތުގައި، ނުރައްކާތެރި ނުވަތަ އެހެން މިސްރާބަކަށް އަނބުރާލަން މަސައްކަތްކުރާ އިރުޝާދުތަކާ (މެލިޝަސް ޕްރޮމްޕްޓްސް) ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލުކަން ޖީޕީޓީ-5.6 ޓެރާއަށް ވުރެ މި މޮޑެލްގައި ވަނީ ވަރުގަދަކޮށްފައެވެ.
މި މޮޑެލްގައި މައުލޫމާތު އޮޅުވާލުމާއި އަދި ކުށް މައުލޫމާތު ދިނުން މަދުވާނެ ---ޖީޕީޓީ-6.1 ޓެރާ މިހާރު ޗެޓްޖީޕީޓީގެ ޕްލަސް، ޕްރޯ، އެންޓަޕްރައިޒް އަދި އެޑިއު ބޭނުންކުރާ ފަރާތްތަކަށް ލިބެން ހުންނާނެއެވެ. ޗެޓްޖީޕީޓީ ވާކް އަދި ކޯޑެކްސް މެދުވެރިކޮށް މި މޮޑެލް ބޭނުންކުރެވޭނެއެވެ. އަދި އޯޕަންއޭއައި އޭޕީއައި މެދުވެރިކޮށް ޑިވެލޮޕަރުންނަށްވެސް މި މޮޑެލްގެ ހިދުމަތް މިހާރު ލިބޭނެއެވެ.
އޭޕީއައި އަގުތަކަށް ބަލާއިރު، ސްޓޭންޑަޑް އޭޕީއައިގެ އަގު އުޅެނީ އެއް މިލިއަން އިންޕުޓް ޓޯކަންއަށް އެއް ޑޮލަރު، އެއް މިލިއަން ކޭޝްޑް އިންޕުޓް ޓޯކަންއަށް 0.05 ޑޮލަރު އަދި އެއް މިލިއަން އައުޓްޕުޓް ޓޯކަންއަށް 5 ޑޮލަރު ގައެވެ. މިއީ ކުރީގެ ޖީޕީޓީ-5.6 ޓެރާ އަދި ޖީޕީޓީ-6.1 ސޯލްގެ އަގުތަކާ އަޅާބަލާއިރު 50 އިންސައްތަ ހެޔޮ އަގެކެވެ.
މި މޮޑެލްގެ ގާބިލުކަމުގެ ބެންޗްމާކް ޓެސްޓުތަކަށް ބަލާއިރު، ކޮމްޕިއުޓަރު ބޭނުންކުރުމުގެ ގާބިލުކަން ވަޒަންކުރާ "އޭޖެންޓްސް ޕާސްޓް އެގްޒޭމް" ބެންޗްމާކްގައި، މީޑިއަމް ރީޒަނިންގް ލެވެލްގައި ޖީޕީޓީ-6.1 ޓެރާ ވަނީ ކުރީގެ މޮޑެލްއަށް ވުރެ 15 ޕަސެންޓް މަތިން ސުކޯކޮށްފައެވެ. އަދި މިއީ ކުރީގެ މޮޑެލްއަށް ހޭދަވާ ހަރަދުގެ ތިންބައިކުޅައެއްބައި ކުޑަ ހަރަދެއްގައި ހާސިލުކުރެވުނު ނަތީޖާއެކެވެ.
އަދި މެކްސް ރީޒަނިންގް ލެވެލްގައި، ޖީޕީޓީ-6.1 ޓެރާ ވަނީ 60 ޕަސެންޓް ސުކޯކޮށް، 58.6 ޕަސެންޓް ސުކޯކުރި ޖީޕީޓީ-6.1 ސޯލްއަށް ވުރެ ކުރިހޯދާފައެވެ. މީގެ އިތުރުން ވިޝުއަލް ރީޒަނިން ބެންޗްމާކެއް ކަމަށްވާ "އެމްއެމްއެމްޔޫ-ޕްރޯ" ގައި ޖީޕީޓީ-5.6 އަށް ވުރެ ކުރިހޯދާފައިވާއިރު، އެކްސް-ހައި ރީޒަނިން ލެވެލްގައި ޖީޕީޓީ-6.1 ސޯލްއާ ދާދި ހަމަހަމަ ނަތީޖާއެއް ވަނީ ނެރެފައެވެ.
ޑެސްކްޓޮޕް އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގިނަ ފިޔަވަޅުތަކެއް އެކުލެވޭ މަސައްކަތްތައް ކުރާ މިންވަރު ބަލާ "އޯއެސްވޯލްޑް 2.1" ބެންޗްމާކްގައި، ލޯ ރީޒަނިން ލެވެލްގައި ޖީޕީޓީ-6.1 ޓެރާ ވަނީ 53.8 ޕަސެންޓް ސުކޯކޮށްފައެވެ. މިއީ ކުރީގެ މޮޑެލްއިން މެކްސް ރީޒަނިންގައި ބޮޑު ހަރަދެއްކޮށްގެން ނެރުނު ނަތީޖާއަށް ވުރެ މަތީ ނަތީޖާއެކެވެ.
މީގެ އިތުރުން މި މޮޑެލްގައި މައުލޫމާތު އޮޅުވާލުމާއި އަދި ކުށް މައުލޫމާތު ދިނުން މަދުވެ، މައްސަލަތައް ދެނެގަތުމުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށް އޯޕަންއޭއައި އިން ބުނެއެވެ.
ކޯޑިންގް އޭޖެންޓުންގެ ގާބިލުކަން ބަލާ "ޓާމިނވަލް ބެންޗް- 4.0" ޓެސްޓުގައި، މީޑިއަމް ރީޒަނިން ލެވެލްގައި މިއީ އެންތުރޯޕިކްގެ "ކްލޯޑް ސޮނެޓް 5.5" އާ ދާދި އެއްވަރެއްގެ ގާބިލުކަމެއް ދެއްކި މޮޑެލްއެކެވެ. އަދި މަސައްކަތުގެ އިމުގެ ތެރޭގައި ހިފެހެއްޓުމާއި، އަމިއްލަ އުނިކަންކަމާއި ކުރިމަތިވެދާނެ ހުރަސްތައް ތެދުވެރިކަމާއެކު ބޭނުންކުރާ ފަރާތަށް ހާމަކުރުމުގައިވެސް ކުރީގެ މޮޑެލްއަށް ވުރެ މި މޮޑެލް ކުރިއަރާފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.