އެމެޒޯން ކުންފުނިން އެކޯ ސީރީޒްގެ އައު ސްމާޓް ޑިވައިސްތަކެއްގެ އިތުރުން މުޅިން އައު ފީޗާތަކާއެކު އަޕްގްރޭޑްކޮށްފައިވާ އެލެކްސާ ވޮއިސް އެސިސްޓެންޓް ރަސްމީކޮށް ތައާރަފުކޮށްފިއެވެ. މި އައު އުފެއްދުންތަކުގެ ތެރޭގައި ސްމާޓް ސްޕީކަރުތަކާއި، ސްމާޓް ޑިސްޕްލޭ އަދި ގޭތެރޭގެ ބޭނުންތަކަށް ޚާއްސަ ތަފާތު ޑިވައިސްތައް ހިމެނެއެވެ.
އަލަށް ތައާރަފުކުރި ޑިވައިސްތަކުގެ ތެރޭގައި ހިމެނޭ ނެކްސްޓް-ޖެނެރޭޝަން އެކޯ ޑޮޓްގައި ބިލްޓް-އިން ސްމާޓް ހޯމް ހަބެއްގެ އިތުރުން އީރޯ ވައިފައި އެކްސްޓެންޑަރެއް ހިމެނެއެވެ. މީގެ ސަބަބުން ގޭތެރޭގެ ވައިފައި ނެޓްވޯކްގެ ބާރު ބޮޑުވާއިރު، އެމެޒޯންގެ އަމިއްލަ އޭޒެޑް3 ސިލިކަން ޗިޕާއެކު އޭއައި ޕްރޮސެސިން އަވަސްވެ، އަޑުގެ ސާފުކަމާއި ބޭސް 50 އިންސައްތައަށް އިތުރުވެފައިވެއެވެ. މިއީ 99.99 ޑޮލަރަށް ވިއްކާ ޑިވައިސްއެކެވެ.
އޭގެ އިތުރުން، އެމެޒޯނުން ވަނީ ކެމެރާއާއެކު އަންނަ އައު އެކޯ ސްޓޫޑިއޯ ސްޕީކަރެއްވެސް ނެރެފައެވެ. 249.99 ޑޮލަރަށް ވިއްކާ މި ސްޕީކަރުގައިވާ ކެމެރާގެ އެހީގައި ގޭތެރޭގެ މާހައުލު ބަލައިލުމުގެ އިތުރުން، ތަކެތި އެލެކްސާއަށް ދައްކައިގެން މައުލޫމާތު ހޯދުމާއި ތަކެއްޗަށް އޯޑަރު ދިނުން ފަދަ ކަންކަން ކުރެވެއެވެ. އަދި ޑޯލްބީ އެޓްމޯސް އާއި އެޑްވާންސްޑް ރޫމް އެޑެޕްޓޭޝަން ފީޗާއާއެކު މިއީ އަޑުގެ މަތީ ފެންވަރެއް ފޯރުކޮށްދޭ ޑިވައިސްއެކެވެ.
އެނދު ކައިރީގައި ބެހެއްޓުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެކޯ ލައިމް ސްމާޓް ކްލޮކަކީ ކެމެރާއެއް ނެތި، ނިދުމުގެ އާދަތައް ދެނެގަންނަ 'އޮމްނިސެންސް' ޓެކްނޮލޮޖީ އެކުލެވޭ ގަޑިއެކެވެ. މިއީ އިންސާނާ ގަދައަށް ނުނިދާ އޮންނަ ވަގުތު ދެނެގަނެ، އަލާން ޖެހުމުގެ ކުރިން މަޑުމަޑުން އަލިގަދަކޮށް އިރުއަރާ މަންޒަރު ސިފަކޮށްދީގެން ހޭލައްވާލައިދޭ 199.99 ޑޮލަރުގެ ގަޑިއެކެވެ.
އަލަށް ނެރުނު އެލެކްސާ ފޮޓޯ ފްރޭމްގައި 10 އިންޗީގެ އެންޓި-ގްލެއާ ޓަޗްސްކްރީނެއް ހިމެނޭއިރު، އެމެޒޯން ފޮޓޯސް މެދުވެރިކޮށް އަމިއްލައަށް ފޮޓޯތައް ސިންކްވެގެންދެއެވެ. އަދި އެލެކްސާގެ އޭއައި އެހީގައި އެންމެ ރީތި އަދި މޫނުމަތިން ހިނިތުންވުން ފެންނަ ފޮޓޯތައް ވަކިން ފާހަގަކޮށް، ބޭކާރު ސްކްރީންޝޯޓްތައް އަމިއްލައަށް އުނިކޮށްދެއެވެ.
އެމެޒޯނުން ވަނީ 16 އިންޗީގެ ބޮޑު ހައި-ޑެފިނިޝަން ސްކްރީނެއް އެކުލެވޭ އެކޯ ޝޯ 16 ވެސް ތައާރަފުކޮށްފައެވެ. ކުރީގެ މޮޑެލްތަކަށްވުރެ ބާރުގަދަ ޕްރޮސެސަރަކާއި ތުނި ޑިޒައިނެއް އެކުލެވޭ މި ޑިވައިސްގައި ފަޔާ ޓީވީ ބިލްޓް-އިންކޮށްފައިވުމުގެ އިތުރުން، ގޭތެރޭގެ ސްމާޓް ޑިވައިސްތައް ބަލަހައްޓާ މެޕާއި، ނައިޓް ވިޜަން ކެމެރާ ހިމެނެއެވެ. މި ޑިވައިސްގެ އަގު ފެށެނީ 499.99 ޑޮލަރާއެކުގައެވެ.