ފަހަތުގައި 200 މެގަޕިކްސެލްގެ ތިން ކެމެރާއާއެކު ވިވޯ އެކްސް500 އަލްޓްރާ އަންނަ އަހަރު ނެރޭނެކަން އެކުންފުނިން ހާމަކޮށްފިއެވެ.
ވިވޯއިން އެންމެ ފަހުން ނެރުނު ފްލެގްޝިޕް ފޯނު ސީރީޒް ކަމަށްވާ އެކްސް500 ސީރީޒްގެ އެންމެ މަތީ މޮޑެލް، ވިވޯ އެކްސް500 އަލްޓްރާ އަންނަ އަހަރު ނެރޭނެކަން އެ ކުންފުނިން ކަށަވަރުކޮށްދީފައިވަނިކޮށް، މި ފޯނުގެ މުހިންމު ތަފްސީލުތަކާއި ފޯނު ބާޒާރަށް ނެރޭނެ ދުވަސް މިވަނީ ސޯޝަލް މީޑިއާއަށް އާންމުވެފައެވެ.
ވިވޯގެ ވައިސް ޕްރެޒިޑެންޓް އޮފް ޕްރޮޑަކްޓް ހުއާންގް ތާއޯ ވެސް ވަނީ މި ފޯނު އަންނަ އަހަރު ޗައިނާގައި ނެރޭނެކަން ކަށަވަރުކޮށްދީފައެވެ.
ޗައިނާގެ މަޝްހޫރު ލީކްސް ނެރޭ ފަރާތެއް ކަމަށްވާ ޑިޖިޓަލް ޗެޓް ސްޓޭޝަނުން ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވޭބޯގައި ހާމަކޮށްފައިވާ މައުލޫމާތުތަކާ ހަވާލާދީ ގިޒްމޯޗައިނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވިވޯ އެކްސް500 އަލްޓްރާ ބާޒާރަށް ނެރޭނީ އަންނަ އަހަރުގެ މާޗް އަދި އޭޕްރީލް މަހާ ދެމެދުގައެވެ.
މި ފޯނު ވެގެންދާނީ މިދިޔަ މަހު ޗައިނާގައި ނެރުނު ވިވޯ އެކްސް500، އެކްސް500 ޕްރޯ އަދި އެކްސް500 ޕްރޯ މެކްސްގެ އިތުރުން މި ސީރީޒްގައި ހިމެނޭނެ ހަތަރުވަނަ މޮޑެލް އަށެވެ. އަދި މިއީ އެކްސް500 ޕްރޯ މެކްސްގެ ބަދަލުގައި މި ސީރީޒްގެ އެންމެ ފްލެގްޝިޕް މޮޑެލްގެ ގޮތުގައި ކަނޑައެޅޭނެ ފޯނެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ފޯނުގެ އެންމެ ޚާއްޞަ އެއް ފީޗާއަކީ ފަހަތުގައި ހިމެނޭ ތިން ކެމެރާ ސިސްޓަމެވެ. މި ފޯނުގެ ފަހަތުގައިވާ ތިން ކެމެރާގައިވެސް ބޭނުންކޮށްފައިވަނީ 200 މެގަޕިކްސެލްގެ ސެންސަރުތަކެވެ. މީގެ ތެރޭގައި 1/1.12 އިންޗި، 1/1.3 އިންޗި އަދި 1/1.4 އިންޗީގެ ސެންސަރުތައް ހިމެނޭއިރު، 1/1.12 އިންޗީގެ ސެންސަރަކީ ފޯނުގެ ޓެލެފޮޓޯ ކެމެރާ ކަމަށް ބެލެވެއެވެ.
މީގެއިތުރުން، ވިވޯ އެކްސް500 އަލްޓްރާގައި ބޭނުންކުރާނީ ކުއާލްކޮމްގެ އެންމެ ފަހުގެ ފްލެގްޝިޕް ޕްރޮސެސަރ ކަމަށްވާ ސްނެޕްޑްރެގަން 8 އެލީޓް އެކްސްޓްރީމް ޖެން 6 ޗިޕްސެޓެވެ. 2 ނެނޯމީޓަރުގެ ޕްރޮސެސްގައި ތައްޔާރުކޮށްފައިވާ މި ޗިޕްސެޓުގައި 5 ގިގާހާޓްޒްއާ ހަމައަށް ސްޕީޑް ފޯރުކޮށްދޭ ދެ ޕްރައިމް ކޯ ހިމެނޭނެއެވެ. މިއީ އެކްސް500 ސީރީޒްގައި ސްނެޕްޑްރެގަން ޗިޕްސެޓެއް ބޭނުންކުރާ ފުރަތަމަ ފޯނަށް ވެގެންދާނެއެވެ. ސަބަބަކީ އެކްސް500 ޕްރޯ މެކްސް ފޯނުގައި ބޭނުންކޮށްފައިވަނީ މީޑިއާޓެކް ޑިމެންސިޓީ 9600 ޕްރޯ ޗިޕްސެޓު ކަމަށްވާތީއެވެ.
މި ފޯނުގެ ޑިސްޕްލޭއަށް ބަލާއިރު، ހިމެނޭނީ 6.85 އިންޗީގެ އެލްޓީޕީއޯ ބީއޯއީ ޑިސްޕްލޭއެކެވެ. މި ޑިސްޕްލޭގައި 2ކޭ+ ރިޒޮލިއުޝަން އަދި 144 ހާޓްޒްގެ ރިފްރެޝް ރޭޓް ހިމެނޭނެއެވެ. އަދި ފޯނުގެ ކަންތައްތައް ވަށްކޮށް، ބެޒެލްތައް ތުނިކޮށް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ސެކިއުރިޓީގެ ގޮތުން މި ފޯނުގައި ބޭނުންކޮށްފައިވަނީ 3ޑީ އަލްޓްރާސޮނިކް ފިންގަރޕްރިންޓް ސްކޭނަރެކެވެ. ނަމަވެސް މި މައުލޫމާތުތައް ވިވޯއިން ރަސްމީކޮށް އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.