އިންޑިއާގެ އެންމެ މަޤުބޫލު ލަވަކިޔުމުގެ މުބާރާތް ކަމަށްވާ "އިންޑިއަން އައިޑޮލް"ގެ ފުރަތަމަ ސީޒަނުގެ ދެވަނަ ހޯދި ހުނަރުވެރި ލަވަކިޔުންތެރިޔާ އަމިތު ސަނާ، ބާވީސް އަހަރަށްވުރެ ދިގު މުއްދަތަކަށް ފަހު އަލުން އެ ޕްލެޓްފޯމަށް އެނބުރި އައިސް، އޭނާ މީޑިއާގެ ސަމާލުކަމާ ދުރުގައި ހުރި ސަބަބުތައް ހާމަކޮށްފިއެވެ.
އަމިތު ބުނި ގޮތުގައި ބޮލީވުޑްގެ މާޙައުލުން ފެނުނު ނަފްސާނީ ބިރުވެރިކަމާއި އަމިއްލަ ނަފްސަށް އިތުބާރު ނެތުމުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަމަކީ، ވިދުންގަދަ މިޔުޒިކީ ދާއިރާއާ ދުރަށް ޖެހިލަން ޖެހުނު މައިގަނޑު ސަބަބެވެ.
ސޮނީ ޓީވީން ދާދި ފަހުން ފެށި "އިންޑިއަން އައިޑޮލް ލެޖެންޑްސް ރިޓާން"އިން ފެނިގެންދާ ކުރީގެ ތަރިންގެ ތެރޭގައި އަމިތު ސަނާ ހިމެނެއެވެ. މި ޝޯއަކީ ފާއިތުވި ސީޒަންތަކުގައި ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދި ފަންނާނުން އަލުން ސްކްރީނަށް ގެނައުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަމިތު ބުނީ، އޭނާ އަލުން ޓީވީ ސްކްރީނުން ދެކެން އޭނާގެ ސަޕޯޓަރުން އެތައް ޒަމާނެއް ވަންދެން އިންތިޒާރުކުރަމުން ދިޔަ ކަމަށާއި، މި ފަހަރުގެ ފުރުސަތަކީ ލަވަކިޔުންތެރިއެއްގެ ގޮތުގަ އާއި އިންސާނެއްގެ ގޮތުގައި އޭނާއަށް އައިސްފައިވާ ހެޔޮ ބަދަލުތައް ހާމަކޮށްދިނުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ.
"އިންޑިއަން އައިޑޮލް"ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި އަބިޖީތު ސާވަންތު އަދި އަމިތު ސަނާ--ފޮޓޯ/ސްކްރީންބޮލީވުޑްގެ އަނދިރި ފަރާތާ ގުޅޭގޮތުން ވާހަކަދައްކަމުން އަމިތު ފާހަގަކުރީ އޭނާއަކީ ކުޑަ އަވަށަކަށް ނިސްބަތްވާ މީހަކަށް ވުމުން، އެ ދާއިރާގެ ބޮޑެތި ޕާޓީތަކުގައި އުޅޭ މީހުން އަމިއްލަ ނަފްސު މޮޅުކޮށް ދެއްކުމަށް ދައްކާ ވާހަކަތަކަށް ހޭނެން އޭނާއަށް ދަތިވި ކަމަށެވެ.
ފުރަތަމަކޮޅު މީހުން ބުނާ އެފަދަ ވާހަކަތައް ޤަބޫލުކުރެވުނު ނަމަވެސް، އެއީ މީހުންގެ ހިތްތަކުގައި އޮންނަ ބޮޑު ނުތަނަވަސްކަމެއްގެ ސަބަބުން ދައްކާ ބޭރުފުށުގެ ވާހަކަތަކެއްކަން ފަހުން އެނގުނު ކަމުގައި އަމިތު ވަނީ ބުނެފައެވެ. އަދި އޭރުގެ މާޙައުލުގައި އެހެން މީހުންގެ ކާމިޔާބީތަކުގެ ނާޖާއިޒު ފައިދާ ނެގުމަށް މަސައްކަތްކުރާ ކަމުގެ އިހުސާސް ކުރެވުމާއި، ކިޔަން ބޭނުންނުވާ އެތައް ލަވައެއް ކިޔުމަށް މަޖުބޫރުވެ ކުރިމަތިވި ފިއްތުންތަކަކީ އެ ދާއިރާއިން އޭނާ ވަކިވާން ޖެހުނު މައިގަނޑު ސަބަބު ކަމަށް ވެސް ބުނެފައިވެއެވެ.
މާޒީގެ އެ ހިތްދަތި ދުވަސްތައް ފަހަނައަޅައި ގޮސްފައިވާކަން ފާހަގަކުރަމުން އަމިތު ވަނީ، އަލުން ޝޯއަށް އެނބުރި އައުމުން ސޮނީ ޓީވީން އޭނާއަށް ދިން އިޙުތިރާމާއި އަޅާލުމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނި ގޮތުގައި މި ފަހަރު އޭނާއަށް އިހުސާސްކުރެވުނީ އަގުވަޒަންކުރެވޭ މުހިންމު ފަންނާނެއްގެ އިހުސާސެވެ.
ދެ މަރުޙަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޚާއްސަ މުބާރާތުގެ ފުރަތަމަ ބުރުގެ ފަނޑިޔާރަކީ މަޝްހޫރު މިޔުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިޔާއެވެ. މި ބުރުގައި ކުރީގެ 24 ބައިވެރިން ޖޯޑު ހަދައިގެން ޑުއެޓް ހުށަހެޅުންތައް ހުށަހަޅާއިރު، އެންމެ މޮޅު ދެ ލަވަކިޔުންތެރިން ހޮވަނީ ވާދަވެރިންގެ މެދުގައި ދެވޭ މާކްސް އާއި ސިއްރު ފަނޑިޔާރުގެ ނަތީޖާއަށް ބަލައިގެންނެވެ. އެއަށްފަހު، މި ބުރުން ކާމިޔާބު ހޯދާ ދެ ފަންނާނުންނަށް މުބާރާތުގެ ދެވަނަ މަރުހަލާގައި ލިބިގެންދާނީ އަލަށް މި ދާއިރާއަށް ނުކުންނަ ޒުވާން ހުނަރުވެރިންނަށް އިރުޝާދުދީ، އެކުދިން ތަމްރީނުކުރާ މެންޓަރުންގެ ދައުރެވެ.