ނެޓްފުލިކްސްއިން ދާދިފަހުން ގެނެސްދިން ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން"ގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޙަފުލާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ، އެ ސީރީޒްގައި ޙަރަކާތްތެރިވި ދެ ތަރިން ކަމަށްވާ ޕަރިނީތީ ޗޯޕްރާ އާއި ޖެނިފާ ވިންގެޓާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ދެ ތަރިން ވެސް އެއްކޮށް ދޮގުކޮށްފިއެވެ.
މި ޙަފުލާގައި ކޭކު ފެޅި ވަގުތު ނަގާފައިވާ ވީޑިއޯއިން ފެންނަނީ ޕަރިނީތީގެ ފަހަތުގައި ޖެނިފާ ހުއްޓިލައިގެން ހުންނަ މަންޒަރެވެ. ނަމަވެސް، ސޯޝަލް މީޑިއާ ބޭނުންކުރާ ބައެއް ފަރާތްތަކުން އެ މަންޒަރު މާނަކުރީ ޕަރިނީތީ ގަސްދުގައި ޖެނިފާ ފަހަތަށް ޖައްސައި، އޭނާއަށް އަޅާނުލާ ދޫކޮށްލީ ކަމަށެވެ. މިއާއެކު، އިންޓަނެޓުގައި ދެ ތަރިންގެ ގުޅުމާ މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، ދެމެދުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް އަޑުފެތުރުނެވެ.
މިކަމާ ގުޅިގެން ދެ ތަރިން ވެސް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އެ ވާހަކަތައް ކަނޑައެޅިގެން ދޮގުކޮށް، ޙަޤީޤަތް ހާމަކޮށްފައެވެ. ޖެނިފާ ބުނި ގޮތުގައި އޭނާ ފަހަތަށް ޖެހުނީ ސްޓޭޖުގައި ޖާގަ ނެތުމުގެ ސަބަބުން ކަމަށާއި، ދެމީހުންގެ ދެމެދުގައި އެއްވެސް ޒާތީ މައްސަލައެއް ނެތް ކަމަށެވެ. އަދި އާދައިގެ ކަމެއް ބޮޑު ކޯޅުމަކަށް ބަދަލުނުކުރުމަށް އެދެމުން ޖެނިފާ ބުނީ، ޕަރިނީތީ އަކީ އަބަދުވެސް އޭނާއަށް އޯގާތެރި އަދި ލޯބިވާ އެކުވެރިއެއް ކަމަށާއި، އެކަކު އަނެކަކުގެ އަގު ވައްޓާނުލައި، އެންމެންނަށް ވެސް ފުރުސަތު ހޯދައިގެން ކުރިއަށް ދެވޭނެ ކަމަށެވެ.
ވެބް ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން"ގެ މަންޒަރެއްގައި ޕަރިނީތީ އަދި ޖެނިފާ--ފޮޓޯ/ބޮލީވުޑްހަންގާމާފާޑުކިޔާ މީހުންނާއި އަމިއްލައަށް ނޫސްވެރިންކަމަށް ދައުވާކުރާ ފަރާތްތަކަށް ހޫނު ރައްދެއް ދެމުން ޕަރިނީތީ ބުނީ، އެފަދަ ހަދަހަދައިގެން ދައްކާ ވާހަކަތަކާއި ވީޑިއޯތައް ފެނިފައި އޭނާ އާއި ޖެނިފާ ދިޔައީ ނިކަން ބާރަށް ހެމުން ކަމަށެވެ. އަދި މަދު ވަގުތުކޮޅެއްގެ މަޤުބޫލުކަން ހޯދަން ދޮގު ވާހަކަ އުފައްދާ މީހުންގެ ސަބަބުން އެމީހުންނަށް އެކަންވީ ހަމައެކަނި މަޖަލަކަށް ކަމަށް ބުނެ، ޖެނިފާ އަކީ އޭނާ އަބަދުވެސް އެންމެ ގަޔާވާ އެއް ބަތަލާކަން ޕަރިނީތީ ފާހަގަކުރިއެވެ.
ނެޓްފުލިކްސްއިން ރިލީޒްކުރި މިސްޓްރީ ކްރައިމް ތްރިލާ ސީރީޒް "ޝައްކު: ޓްރަސްޓް ނޯ ވަން"ގައި ޕަރިނީތީ އާއި ޖެނިފާގެ އިތުރުން ތާހިރު ރާޖް ބަސީން، ސޯނީ ރާޒްދާން އަދި އަނޫޕް ސޯނީ ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދެއެވެ. މި ސީރީޒްގެ ވާހަކަ ބިނާވެފައިވަނީ ހޮސްޕިޓަލެއްގެ ތެރެއިން ވަގަށް ނެގުނު އޭނާގެ ތުއްތު ދަރިފުޅު ހޯދުމަށް މައަކު ކުރާ އަސަރުގަދަ އަދި ބިރުވެރި ދަތުރުގެ މައްޗަށެވެ.