އިންޑިއާގެ މަހާރާޝްތުރާ ސަރުކާރުން އިސްނަގައިގެން ބަޑިބޭސް އެރުވުމާ ދެކޮޅަށް ހިންގަން ރާވާފައިވާ ހޭލުންތެރިކަމުގެ ކެމްޕޭނަށް އެއްވެސް ބޮލީވުޑް ތަރިއަކު ކުރިމަތިލާފައި ނުވާތީ، ބޮމްބޭ ހައިކޯޓުން އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.
ކޯޓުން މިދިޔަ ހޯމަ ދުވަހު ފާހަގަކުރި ގޮތުގައި މިއީ މުޖުތަމަޢުގެ ފައިދާއަށްޓަކައި މަޝްހޫރު ފަރާތްތަކުން އަގަކާ ނުލައި އިސްނަގަންވީ ވަގުތެވެ. އަދި މިފަދަ ޤައުމީ މުހިންމު ކަމެއްގައި ސެލެބްރިޓީން ބައިވެރިކުރުވުމަށްޓަކައި ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރު ގޮތުގައި ހޭދަނުކުރުމަށް ވެސް ކޯޓުން ވަނީ ސްޓޭޓް ސަރުކާރަށް ސީދާ އަންގާފައެވެ.
ކޯޓުގެ މި ފާޑުކިޔުންތަކާ ގުޅިގެން ވާހަކަދައްކަމުން މަޝްހޫރު ބޮލީވުޑް ބަތަލާ ދިއާ މިރްޒާ ބުނީ، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ އެއްވެސް އިޖުތިމާޢީ ކެމްޕޭނަކުން އޭނާ ދުވަހަކު ވެސް އެންމެ ފައިސާފޮއްޗެއް ވެސް ނަގާފައި ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ބޮޑެތި ޢަދަދުތަކުން އަގު ނަގަނީ ކޮން ބައެއް ކަމެއް އޭނާއަށް އެނގިފައި ނުވާކަން ފާހަގަކުރަމުން ދިއާ ބުނީ، ފަސޭހައިން ޙައްލުކުރެވެން އޮތް ވައި ތަޣައްޔަރުވުމުގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯދުމަށް ސަރުކާރުން އިސްކަންދޭ ނަމަ، މަދަނީ ޖަމިއްޔާތަކާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަން ސެލެބްރިޓީން އަބަދުވެސް ތިބީ ތައްޔާރަށް ކަމަށެވެ.
އދ.ގެ މަޖިލީހުގައި ބަތަލާ ދިއާ މިރުޒާ ވާހަކަދައްކަނީ--ފޮޓޯ/ބޮލީވުޑްހަންގާމާނަމަވެސް ބަޑިބޭސް އެރުވުމާ ދެކޮޅަށް ވާހަކަދައްކާ ކޮންމެ ފަހަރަކު ވެސް އާންމުންގެ ފަރާތުން ފުރައްސާރަ އާއި ފާޑުކިޔުމުގެ ޙަމަލާތައް އަމާޒުވާކަމުގެ ކަންބޮޑުވުން ދިއާ ހިއްސާކުރިއެވެ. ވައިގެ ސާފުމިނާ މެދު މީހުން ހޭލުންތެރިކުރުވުމަށް އޭނާ މެދުކެނޑުމެއް ނެތި މަސައްކަތްކުރާތާ މިހާރު 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް އަންނަނީ ވައިގެ ސާފުމިން (އޭކިއުއައި) ހާމަކުރަމުންނެވެ.
އދގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމް (ޔޫއެންއީޕީ)އިން ވައި ތަޣައްޔަރުވުމާ ދެކޮޅަށް ކުރިއަށްގެންދާ ޙަރަކާތްތަކުގައި ވެސް އިސްކޮށް ބައިވެރިވާކަން ފާހަގަކުރަމުން ދިއާ ބުނީ، މި މައްސަލަ ޙައްލުނުވެ ދިގުލައިގެންދާ މައިގަނޑު ސަބަބަކީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި އެކަށީގެންވާ ގުޅުމެއް ނެތުމާއި، އެއް އަމާޒަކަށް އެކުގައި މަސައްކަތް ނުކުރެވުން ކަމަށެވެ.