ރަންބީރު، ދަރިފުޅު ރަހާއަށް ދޭ ލޯބި ފެނުމުން އަމިއްލަ ނަފުސު ދެކެ ލަދުގަންނަ ކަމަށް ވަރުން ބުނެފި

ވަރުން ދަވަން އަދި ރަންބީރު ކަޕޫރު އަންހެނުން އާލިއާ އަދި ދަރިފުޅު ރަހާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރަކީ ދަރިފުޅަށް ވަރަށް ފުރިހަމަ އަދި ނަމޫނާ ބައްޕައެއް ކަމަށާއި، އޭނާ ދަރިފުޅު ރަހާ ގެންގުޅޭ މަންޒަރު ފެނުމުން އަމިއްލަ ނަފުސު ދެކެ ލަދުގަންނަ ކަމަށް ކާމިޔާބު އެކްޓަރު ވަރުން ދަވަން ބުނެފިއެވެ.

މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ ސީޒަނުގައި ބަތަލާ ޖާންވީ ކަޕޫރާއެކު ބައިވެރިވެ ވާހަކަދައްކަމުން ވަރުން ވަނީ އޭނާގެ ފިލްމީ ޙަޔާތާއި ޒާތީ ދިރިއުޅުމުގެ އެކި ކަންކަމުގެ އިތުރުން، އަނބިމީހާ ނަތާޝާ ދަލާލް އާއި ދެމަފިރިންގެ ދެ އަހަރުގެ އަންހެން ދަރިފުޅު ލާރާއާ އެކު ވޭތުކުރަމުންދާ މަޖާ ދިރިއުޅުމުގެ ތަޖުރިބާތައް ހިއްސާކޮށްފައެވެ.

ޝޯގެ ތެރެއިން ވާހަކަ ދައްކަމުން ކަރަން ޖޯހަރު ވަނީ އޭނާގެ ފިލްމު "ސްޓޫޑެންޓް އޮފު ދަ އިޔާ"އިން ބޮލީވުޑަށް ތަޢާރަފުވި އާލިއާ ބަޓް، ސިދާތު މަލްހޯތުރާ އަދި ވަރުން ދަވަން ވެސް ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި މައިންބަފައިންގެ ދައުރަށް ބަދަލުވެފައިވާކަން ފާހަގަކޮށްފައެވެ. އެ ވާހަކައާ ގުޅުވައިގެން ވަރުން ބުނީ، 2012 ވަނަ އަހަރު އެ ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު ވެސް އާލިއާއަކީ އަބަދުވެސް މަންމައަކަށް ވާން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކުއްޖެއް ކަމަށާއި، މިއަދުވެސް އެ ތިން ތަރިންގެ މެދުގައި އޮންނަނީ ވަރަށް ގާތް އަދި ބަދަހި އެކުވެރި ގުޅުމެއް ކަމަށެވެ.

ވަރުން ބަތަލާ އާލިއާ ބަޓްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ރަންބީރު ކަޕޫރު އޭނާގެ ދަރިފުޅު ރާހާއަށް އަދާކުރާ ބައްޕަގެ ދައުރަށް ތައުރީފު ކުރަމުން ވަރުން ބުނީ، ރަންބީރަކީ ބައްޕައެއްގެ ރޯލް އެންމެ މޮޅަށް އަދި ފުރިހަމައަށް އަދާކުރަމުން އަންނަ ޝަހުސިއްޔަތެއް ކަމަށެވެ. އެހެންކަމުން، އެ މަންޒަރު ފެނި ބައެއްފަހަރު އަމިއްލަ ނަފުސު ދެކެ ލަދުވެސް ގަންނަ ކަމަށާއި، ސަބަބަކީ އޭނާ އާއި ދަރިފުޅު ލާރާއާ ދެމެދު ގިނަގިނައިން ޒުވާބު ހިނގާތީ ކަމަށް ސަމާސާ ރާގަކަށް ވަރުން ފާހަގަކުރިއެވެ.

ދެ އަހަރުގެ ކުޑަކުއްޖަކާ ކުރަނީ ކޮން ކަހަލަ ޒުވާބެއްތޯ ކަރަން ސުވާލުކުރުމުން ވަރުން ކިޔައިދިނީ، އެއީ މިއުޒިކާ ހެދި ދިމާވާ ކަމެއް ކަމަށެވެ. އެގޮތުން ދަރިފުޅު އަބަދުވެސް އަޑުއަހަން ބޭނުންވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަންގެ ވަކި އެންމެ ލަވައެއް ކަމަށާއި، ނަމަވެސް އެ ލަވައިގެ އިތުރުން އެހެން ލަވަތައް ވެސް އަޑުއެހުމަށް އޭނާ ބާރުއަޅާތީ ދެމީހުންގެ ދެ މެދުގައި މަޖާ އަރާރުންތައް އުފެދެނީ ކަމަށް ވަރުން ބުންޏެވެ.

އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކައިވެނިކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ. އޭގެ ހަތް މަސް ފަހުން، އެ އަހަރުގެ ނޮވެމްބަރު މަހު އެ ދެމަފިރިންނަށް އަންހެން ދަރިފުޅު ރާހާ ލިބުނުއިރު، ދަރިފުޅު އާންމުންނަށް ނުދައްކައި ސިއްރުކޮށްގެން ގެންގުޅުމަށްފަހު ފުރަތަމަ ފަހަރަށް އާންމުކޮށް މީޑިއާތަކަށް ދެއްކީ 2023 ވަނަ އަހަރުއެވެ.

އެކްޓިން ދާއިރާއަށް ބަލާއިރު ރަންބީރު ދެން އެންމެ އަވަހަށް ފެންނާނީ ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ ބޮޑު ޕްރޮޖެކްޓް "ރާމާޔަނާ" އިންނެވެ. ނަމިތު މަލްހޯތުރާ އާއި ޔަޝް ޕްރޮޑިއުސްކޮށް، ގާތްގަނޑަކަށް ހަތަރު ހާސް ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓަކުން ތައްޔާރުކުރާ މި ފިލްމުގެ މިއުޒިކް ހަދަނީ އޭއާރް ރަހުމާންވއާއި ހޭންސް ޒިމާއެވެ. މި ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ. އަދި ދެވަނަ ބައި ގެނައުމަށް ރާވާފައިވަނީ 2027 ވަނަ އަހަރުއެވެ.

comment ކޮމެންޓް