ދައުލަތަށް 14 ބިން ނެގުން ހުއްޓުވަން، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މާލެ ސިޓީ ކައުންސިލުން ކޯޓަށް

މާލެ ސިޓީ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ދައުލަތަށް 14 ބިމެއް ނަގަން ނިންމި ނިންމުން ހުއްޓުވައިދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި، މާލެ ސިޓީ ކައުންސިލުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

މަސް މާރުކޭޓާއި ސަލްޓަން ޕާކާއި ކާނިވާ ސަރަހައްދު ހިމެނޭހެން މާލޭ ސަރަހައްދުގެ 14 ބިމެއް ސިޓީ ކައުންސިލުގެ ދަށުން ނަގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަން ނިންމިކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ މި މަހު 15ގައެވެ.

އެހެންވެ، ކުއްލި ބައްދަލުވުމެއް ބާއްވައި، މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ނިންމީ، މި މަހު 16ގައެވެ. ސަރުކާރުން ބުނާ ގޮތުގައި، އެ ބިންތައް ނަގަން ނިންމީ ސިޓީ ކައުންސިލުގެ އެއްބާރުލުން ނުލިބި، މަޝްރޫއުތައް ކުރިއަށް ނުދާތީއެވެ.

https://www.sun.mv/229264

އެ ކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުގެ މިއަދުގެ ރަސްމީ އާންމު ޖަލްސާގެ ރިޔާސަތުގައި އިންނެވި ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒު ވިދާޅުވީ، ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރަނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކަމަށް ބުނެފައިވާތީ، ތަފުސީލުތައް ހިއްސާކޮށްދިނުމަށް އިދާރާތަކުގައި އެދިފައިވާ ކަމަށެވެ.

ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒު މާލެ ސިޓީ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތުގައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލް

އެކަމަކު، އެ ކަމާ ގުޅޭ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބިންތަކުގެ މިލްކިއްޔާތު ބަދަލުކުރުމުގެ ކުރިން ޝައުވާއެއް ނުވަތަ ޚިޔާލެއް އެންގުމަށް އެދިފައިވީ ނަމަވެސް އެ ފަދަ ޝަކުވާއެއް ނުވަތަ ޚިޔާލެއް ހުށަހެޅޭނީ އެ ބިންތަކުގައި ކުރުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތަފުސީލީ މައުލޫމާތު އެނގިގެންކަން އިދާރާތަކަށް ފޮނުވި ސިޓީތަކުގައި ފާހަގަކުރި ކަމަށް މީކާއިލް ވިދާޅުވިއެވެ.

"ބިމާ ގުޅޭ ގޮތުން ހުރި ގާނޫނުތަކުގައި މި ފަދަ ހާލަތްތަކުގައި ފުރިހަމަ ކުރަން ބުނާ އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ ވަގުތީ އަމުރެއް ނެރެދިނުމަށް އަޅުގަނޑުމެން މިއަދު ވާނީ ކޯޓަށް ވެސް ހުށަހަޅާފައި" މީކާއިލް ވިދާޅުވިއެވެ.

ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިޚްތިޞާޞުން ވަކިކޮށް ސަރުކާރުގެ ދަށަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފެށީ މިދިޔަ ސެޕްޓެންބަރު މަހުން ފެށިގެންނެވެ.

comment ކޮމެންޓް