ބޮލީވުޑްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް އެކްޝަން ތުރިލާ ކަމަށްވާ 'މޮހްރާ' ރިލީޒްކުރިތާ 32 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، '4K' ރީމާސްޓާޑް ކޮލިޓީގައި އަލުން ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރު، ސުނިލް ޝެޓީ އަދި ރަވީނާ ޓަންޑަން މުހިންމު ރޯލުތަކުން ފެނިގެންދިޔަ މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ ކުރިއަށް އޮތް ދިވާލީ ދުވަސްވަރާ ދިމާކޮށް، އަންނަ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. މިއީ ރަންބީރު ކަޕޫރު، ސައި ޕައްލަވީ އަދި ޔަޝް ލީޑް ރޯލު ކުޅޭ ބޮޑު ފިލްމު 'ރާމާޔަނާ' ވެސް ރިލީޒްކުރާ ތާރީޚާ ދިމާވާ ދުވަސްވަރެކެވެ.
މި ފިލްމު ޕްރޮޑިއުސްކުރި ތްރިމުރްތީ ފިލްމްސްއިން މި ޚަބަރު ރަސްމީކޮށް އިއުލާނުކުރީ އެ ކުންފުނީގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ޚާއްސަ ޓީޒާއެއް އާންމުކުރަމުންނެވެ. ބާރާއި ކެހިވެރިކަމުގެ ޝައުޤުވެރި ކުޅިގަނޑެއްގެ ތެރެއިން އެންމެންނަކީ ވެސް ޝިކާރައަކަށް ވެދާނެ ބައެއްކަން ސިފަކޮށްދެމުން، އެ ކުންފުނިން ވަނީ 'މޮހްރާ'ގެ ނުފިލާ ހަނދާންތަކާއި ޖޯޝްގަދަ މިއުޒިކުގެ އިހުސާސް އަލުން ތަޖުރިބާކޮށްލުމަށް ބެލުންތެރިންނަށް ދަޢުވަތު ދީފައެވެ. ޖުލައި 1، 1994ގައި އަލަށް ރިލީޒްކުރި މި ފިލްމަކީ އޭރު ސިނަމާތަކުގައި ބޮޑު ތަރުހީބެއް ހޯދައި، އެ ޒަމާނުގެ ފާހަގަކޮށްލެވޭ އެންމެ ވަރުގަދަ އެކްޝަން ފިލްމުތަކުގެ ތެރޭގައި ހިމެނުނު އުފެއްދުމެކެވެ.
ފިލްމު "މޮހްރާ"ގެ މަންޒަރެއްގައި ސުނިލް ޝެޓީ، އަކްޝޭ ކުމާރު އަދި ރަވީނާ ޓަންޑަން--ފޮޓޯ/އިންސްޓަގްރާމްރަޖީވް ރާއީ ޑައިރެކްޓްކޮށް ގުލްޝަން ރާއީ ޕްރޮޑިއުސްކުރި މި ފިލްމުގެ ވާހަކަ އެނބުރެނީ އަނބިމީހާގެ މަރުގެ ބަދަލުހިފުމުގެ އަލިފާނުގައި އަނދަމުންދާ ގައިދީއެއް ކަމަށްވާ ވިޝާލް އަގްނިހޯތުރީ (ސުނިލް ޝެޓީ)ގެ ވަށައިގެންނެވެ. މި ފިލްމުގައި ޕަރޭޝް ރާވަލް، ގުލްޝަން ގްރޯވާ، ރަޒާ މުރާދް، ސަދާޝިވް އަމްރަޕޫރްކަރް، އަދި ކުލްބޫޝަން ކަރްބަންދާ ފަދަ ހުނަރުވެރި އެތައް ތަރިންނެއްގެ މޮޅު އެކްޓިންގް ފެނިގެންދެއެވެ.
ފިލްމަށް ލިބުނު ބޮޑު ތަރުހީބުގެ އެންމެ ބޮޑު އެއް ސިއްރަކީ ވިޖޫ ޝާހްގެ ޖާދުވީ މިއުޒިކެވެ. އެގޮތުން އުދިތު ނާރާޔަން އަދި ކަވީތާ ކްރިޝްނަމުރްތީގެ އަޑުން މަގުބޫލުކަން ހޯދި 'ތޫ ޗީޒް ބަޅީ ހޭ މަސްތު މަސްތު' އާއި، އަލްކާ ޔާގްނިކް އަދި އުދިތު ނާރާޔަން ކިޔާފައިވާ ވިއްސާރަ ލަވަ 'ޓިޕް ޓިޕް ބަރްސާ ޕާނީ' ފަދަ ލަވަތަކަކީ މިއަދުވެސް ބޮލީވުޑްގެ އެވަގްރީން ކްލެސިކްސްގެ ގޮތުގައި ގުނާލެވޭ ލަވަތަކެވެ.
އާނަންދު ބަކްޝީ، އިންދީވަރު އަދި ސަމީރު ފަދަ ކުޅަދާނަ ޅެންވެރިންގެ ލަފްޒުތަކުން ވިދާލި މި އަލްބަމްގެ 8 މިލިއަނަށްވުރެ ގިނަ ކެސެޓް ވިކި، ބޮޑު ރެކޯޑެއް ހެދިއެވެ. މޮޅު ވާހަކައަކާއި، ފޯރިގަދަ އެކްޝަން އަދި ހިތްގައިމު ލަވަތަކާއެކު 'މޮހްރާ' ވެގެންދިޔައީ 'ހަމް އާޕްކޭ ހޭން ކޯން' އަށްފަހު 1994 ވަނަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ބޮލީވުޑްގެ ދެވަނަ ފިލްމަށެވެ.