އައިފޯން ޑުއޯގެ ސްކްރީން މައްސަލައާއެކު ގެލެކްސީ ޒެޑް ފޯލްޑް 8އިން ބޮޑު ޑިސްކައުންޓެއް ދޭން ފަށައިފިއެވެ.
އެޕަލް ކުންފުނިން އެންމެ ފަހުން ބާޒާރަށް ނެރުނު ފުރަތަމަ ފޯލްޑަބަލް ފޯނު، "އައިފޯން ޑުއޯ" ބޭނުންކުރަން ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ އެތެރޭ ސްކްރީން ފަޅައިގެން ގޮސް، ފެހި ކުލައިގެ ލައިންތައް އަރާ މައްސަލަތަކެއް ފެންމަތިވާން ވަނީ ފަށައިފައެވެ.
މި މައްސަލަތައް ފެންމަތިވަމުންދާ ދަނޑިވަޅެއްގައި، އެޕަލްގެ މި ފޯނާ ވާދަކުރާ ސެމްސަންގް ކުންފުނީގެ "ގެލެކްސީ ޒެޑް ފޯލްޑް 8" ގެ އަގުން 200 ޑޮލަރުގެ ބޮޑު ޑިސްކައުންޓެއް ދީ، ބާޒާރުގައި ވިއްކަން ވަނީ ފަށައިފައެވެ.
އެޕަލްގެ އައިފޯން ޑުއޯ ބާޒާރަށް ނެރުމާއެކު ގިނަ ބައެއްގެ ސަމާލުކަން ހޯދައި، ފުރަތަމަ ނެރުނު ރިވިއުތަކުގައި އޭގެ ސޮފްޓްވެއާއަށާއި ފޯނުގެ ޑިޒައިނަށް ބޮޑެތި ތައުރީފުތަކެއް ލިބުނެވެ. ނަމަވެސް، ކަސްޓަމަރުންނަށް ފޯނުތައް ލިބެން ފެށުމާއެކު، ފޯނުގެ ހިންޖު (ހުޅު)ގެ ސަރަހައްދުން ސްކްރީން ފަޅައިގެންގޮސް، މެދު ތެރެއިން ފެށިގެން ފެހި ކުލައިގެ ލައިންތައް އަރަމުންދާ ކަމުގެ ޝަކުވާތައް ސޯޝަލް މީޑިއާ އާއި ރެޑިޓް ފަދަ ފޯރަމްތަކުގައި ވަނީ އާންމުވެފައެވެ.
އައިފޯން ޑުއޯ ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަސްޓަމަރުންވަނީ ޝަކުވާކުރަން ފަށާފައި ---މި މައްސަލައާ ގުޅޭގޮތުން ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުންނާއި އައިފިކްސްއިޓް ފަދަ ތަންތަނުން ކުރި ދިރާސާތަކުން އެނގޭ ގޮތުގައި، ސްކްރީން ފަޅައިގެން ދިއުމަށް މެދުވެރިވަނީ ފޯނުގެ ހިންޖުގެ އެތެރޭގެ ބަޔަކުން ސްކްރީނަށް ދެވޭ އިތުރު ޕްރެޝަރެއްގެ ސަބަބުންނާއި، ހިންޖުގެ ތެރެއަށް ހިރަފުހާއި ކުނިވަނުމުގެ ސަބަބުންނެވެ. މި މައްސަލައާ ގުޅިގެން އެޕަލްއިން ވަނީ ރަސްމީކޮށް ދިރާސާކުރަން ފަށާފައި ކަމަށާއި، މައްސަލަޖެހޭ ފޯނުތައް އެޕަލްކެއާ މެދުވެރިކޮށް ބަދަލުކޮށްދެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އައިފޯން ޑުއޯއަށް މިފަދަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، ސެމްސަންގްގެ ގެލެކްސީ ޒެޑް ފޯލްޑް 8 އަކީ އައިފޯން ޑުއޯއާ އެއްގޮތް ފޯމް ފެކްޓަރެއް އެކުލެވޭ، ނަމަވެސް އައިފޯނަށްވުރެ ލުއި އަދި ތުނި ފޯނެކެވެ. މިއަދާ ހަމައަށް ވެސް ގެލެކްސީ ޒެޑް ފޯލްޑް 8 ގެ ސްކްރީން ފަޅައިގެން ދިއުމުގެ ނުވަތަ އެފަދަ އެއްވެސް މައްސަލައެއް ރިޕޯޓްކުރެވިފައެއް ނުވެއެވެ. އަދި މި ފޯނަކީ ބާޒާރުގައި ފަސޭހައިން ލިބެން ހުރި، އިތުބާރު ހިފޭ ސޮފްޓްވެއާއެއް އެކުލެވޭ ފޯނެކެވެ.
އަގަށް ބަލާއިރު، އެޕަލްގެ އައިފޯން ޑުއޯ ބާޒާރުގައި ވިއްކަން ފަށާފައިވަނީ 2,000 އެމެރިކާ ޑޮލަރަށެވެ. ނަމަވެސް ސެމްސަންގުން ވަނީ ގެލެކްސީ ޒެޑް ފޯލްޑް 8ގެ އަގުން 200 ޑޮލަރު އުނިކޮށް، އެމަޒޯން އަދި ސެމްސަންގްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް 1,699 ޑޮލަރަށް ވިއްކަން ފަށައިފައެވެ. އެހެންކަމުން ފުރަތަމަ ފަހަރަށް ފޯލްޑަބަލް ފޯނެއް ގަންނަން ބޭނުންވާ ފަރާތްތަކަށް ސެމްސަންގްގެ މި އޮފާއަކީ ވަރަށް ރަނގަޅު ފުރުސަތެކެވެ.