ތަޣައްޔަރުވެފައިވާ ވައިގެ ނުރައްކާ ފުއްޕާމެއިން ފެށިގެން ގުރުދާއާ ހަމައަށް: ހަށިގަނޑު ސަލާމަތްކުރާނީ ކިހިނެއް؟

ވައި ތަޣައްޔަރުވުމަކީ ހަމައެކަނި ފުއްޕާމެއަށް ދިމާވާ މައްސަލައެއް ނޫންކަމަށް ސިއްޙީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޖައްވު ނުސާފުވެ ދުންފިނީގެ އަސަރު ގަދަވާ ދުވަސްވަރު އާންމުކޮށް ވިސްނެނީ ނޭވާލާ ނިޒާމަށް ލިބިދާނެ ގެއްލުމަކަށެވެ. ކެއްސުމާއި، ނޭވާ ކުރުވުމާއި، ނޭވާ ހިއްލުން ފަދަ އުނދަގޫތަކުން ރައްކާތެރިވުމަށް މާސްކު އަޅައި އެއާ ޕިއުރިފަޔާތައް ބޭނުންކުރަން ފެށި ނަމަވެސް، މި ނުރައްކާ ހަމައެކަނި މޭމައްޗާ ހަމައިން ނިމެނީއެއް ނޫނެވެ.

ޞިއްޙީ މާހިރުންގެ ހޯދުންތަކުން މިހާރު ސާބިތުވާ ގޮތުގައި، ތަޣައްޔަރުވެފައިވާ ވައިގެ ތެރޭގައި ހުންނަ ލޮލަށް ނުފެންނަހާ ކުދި ވިހަ މާއްދާތައް ފުއްޕާމޭ ފޫއަޅުވާލުމަށްފަހު ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް، ޚާއްޞަކޮށް ގުރުދާއަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވައެވެ.

ވައި ތަޣައްޔަރުވުމަކީ ހަމައެކަނި ފުއްޕާމެއަށް ދިމާވާ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި، އިންޑިއާގެ ސީކޭ ބިރްލާ ހޮސްޕިޓަލުގެ ޕަލްމޮނޮލޮޖިސްޓް ޑރ. ވިކާސް މިއްތަލް ވިދާޅުވީ، ނޭވާލާ ވައިގެ ތެރެއިން އެތެރެހަށްޓަށް ވާސިލުވާ ކުދި ޒައްރާތަކުގެ ސަބަބުން ހަށިގަނޑުގައި ދުޅަހެޔޮކަން ގެއްލި ނުރައްކާތެރި އިންފްލެމޭޝަނެއް އުފެދޭ ކަމަށެވެ.

އެ ވާހަކައަށް ބާރުދެއްވަމުން، އާކާޝް ހެލްތުކެއާ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލުގެ ނެފްރޮލޮޖިސްޓް ޑރ. އަނޫޕަމް ރޯއި ހާމަކުރެއްވި ގޮތުގައި، ވައިގެ ނުސާފުކަމާ ގުޅިގެން ފުއްޕާމެއަށް ކުރާ އަސަރުގެ އިތުރުން ގުރުދާ ފަދަ ނާޒުކު ގުނަވަންތަކަށް ކުރާ ނޭދެވޭ އަސަރުތައް މިހާރު ދަނީ ސައިންސްވެރިން ވަރަށް ފުޅާ ދާއިރާއެއްގައި ތަހުލީލުކުރަމުންނެވެ.

މާލޭގެ ވައި ތަޣައްޔަރުވެފައިވާ މިންވަރު ދައްކުވައިދޭ ފޮޓޯއެއް--ފޮޓޯ/އެމްއެމްޓީވީ

މި ނުރައްކާ ގުރުދާއާ ހަމައަށް ފޯރާ ގޮތް ތަފުސީލުކޮށްދެއްވަމުން ޑރ. މިއްތަލް ވިދާޅުވީ، ވައިގެ ތެރޭގައި ހިމެނޭ "ޕީއެމް 2.5"ގެ ނަމުން މަޝްހޫރު ކުދި ޒައްރާތަކަކީ ފުއްޕާމޭގެ އެންމެ ފުނަށް ފޭދިގެންދާ ފަދަ ނުރައްކާތެރި ބާވަތެއް ކަމަށެވެ. އަދި އޭގެ ބައެއް ބައިތައް ސީދާ ލޭގެ ހިނގުމުގެ ތެރެއަށް ވަދެ، ހަށިގަނޑުގެ ސެލްތައް ހަލާކުކޮށްލާ "އޮކްސިޑޭޓިވް ޑެމޭޖް" އުފައްދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ނަތީޖާއެއްގެ ގޮތުން ގުރުދާގެ ލޭހޮޅިތަކަށް ގެއްލުންވެ، ލޭ ފުރާނައިދިނުމުގެ ޤުދުރަތީ ޤާބިލުކަން ދަށްވެގެންދާ ކަމަށް ޑރ. ރޯއި ވިދާޅުވިއެވެ. އެހެންކަމުން ނުސާފު ވައި އެންމެ ފުރަތަމަ ބައްދަލުކުރަނީ ފުއްޕާމެއާ ކަމުގައި ވިޔަސް، އޭގެ ވިހަ އަސަރު މުޅި ހަށިގަނޑުގެ މައި ނިޒާމުތަކަށް ފެތުރިގެންދެއެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި ދިގު މުއްދަތަކަށް ނުސާފު ވައިގެ ތެރޭގައި އުޅެންޖެހުމާއި ގުރުދާގެ ދާއިމީ ބަލިތައް ފެށުމާ ދެމެދު ސީދާ ގުޅުމެއް ވެއެވެ. މީގެ އިތުރުން ވައި ތަޣައްޔަރުވުމަކީ ލޭމައްޗަށް ދިއުމާއި، އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމާއި، ހިތުގެ ބަލިތައް އިތުރުކުރުވާ ކަމަކަށް ވާތީ، މިއީ ނުސީދާ ގޮތެއްގައިވެސް ގުރުދާ ހަލާކުވުމަށް މަގުފަހިކުރާ ކަންކަމެވެ. އެހެންނަމަވެސް ޑރ. ރޯއި ހާމަކުރެއްވި ގޮތުގައި، މިއީ ގިނަ ކަންތައްތަކެއް އެކުލެވޭ މައްސަލައަކަށް ވާތީ، ވައިގެ ތަޣައްޔަރުކަމަކީ ހަމައެކަނި ސަބަބުގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ ގުރުދާގެ ބަލިތައް ފެށުމާއި އެ ބަލިތައް ގޯސްވުމަށް ބާރުއަޅާ ބޮޑު ސަބަބެއްގެ ގޮތުގައި ބަލަންޖެހެއެވެ.

މި ނުރައްކާ އެންމެ ބޮޑަށް އޮތީ ހަކުރުބަލި ހުންނަ މީހުންނާއި، ލޭމައްޗަށްދާ މީހުންނާއި، ކުރިންސުރެ ގުރުދާގެ ބަލިތައް ތަޙައްމަލުކުރާ މީހުންގެ އިތުރުން ދޮށީ ޢުމުރުގެ މީހުންނަށެވެ. އެފަދަ ފަރާތްތަކުގެ ގުރުދާގެ މަސައްކަތްތައް ކުރިންވެސް ބަލިކަށިވެފައި ހުރުމާއެކު، ގުރުދާގެ ބަލިތަކަކީ އެއްވެސް އަލާމާތެއް ނުފެނި ސިއްރިއްޔާތުގައި ފެށޭ ބައްޔަކަށް ވާތީ މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޑރ. ރޯއި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، މިއީ ހަމައެކަނި ނޭވާލާ ނިޒާމުގެ މައްސަލައެއްގެ ގޮތުގައި ނުދެކި، މުޅި ހަށިގަނޑަށް ކުރިމަތިވާ ގޮންޖެހުމެއްގެ ގޮތުގައި ދެކިގެން ހިތާއި ފުއްޕާމޭގެ ބަލި ހުންނަ ފަރާތްތަކުން މިފަދަ ދުވަސްވަރު ޚާއްޞަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ޑރ. މިއްތަލް ވިދާޅުވިއެވެ.

މި ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި އަމިއްލަ ދިރިއުޅުމުގެ އާދަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ. އެގޮތުން ތިމާ ދިރިއުޅޭ ސަރަޙައްދުގެ ވައިގެ ސާފުމިންވަރު ނުވަތަ "އެއާ ކޮލިޓީ އިންޑެކްސް" ޤަވާއިދުން ބެލުމަށާއި، ޖައްވު ގޯސް ދުވަސްވަރު ބޭރުގައި ހޭދަކުރާ ވަގުތު މަދުކޮށް، ބޭރުގައި ބުރަކޮށް ކަސްރަތުކުރުން ހުއްޓާލުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

މީގެ އިތުރުން ގޭތެރޭގެ ވައިގެ ފެންވަރު ރަނގަޅުކުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްކޮށް ދުރުހެލިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ހަކުރުބައްޔާއި ލޭމައްޗަށްދާ ބަލި ހުންނަ ފަރާތްތަކުން ޤަވާއިދުން ޑޮކްޓަރަށް ދައްކައި، ގުރުދާގެ ހާލަތު ބަލައި މޮނިޓާކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.

ބޭރުގެ ޖައްވުގައި އުފެދޭ ބޯ ދުންފިނި ހަމައެކަނި ބޭރުގައި ހުރެގެން ނިމެނީއެއް ނޫނެވެ. އަޅުގަނޑުމެން ނޭވާލާ ކޮންމެ ނޭވާއަކާއެކު ފުއްޕާމެއަށް ވަންނަ ވިހަ މާއްދާތަކަށް މުޅި ހަށިގަނޑު ހަލާކުކޮށްލުމުގެ ޤާބިލުކަން ލިބިގެންވެއެވެ. ޖައްވު ސާފުކުރުމަކީ އެކަނި ކުރެވޭނެ ކަމަކަށް ނުވި ނަމަވެސް، ވައިގެ ހާލަތަށް ބަލައިގެން ދިރިއުޅުމުގެ އާދަތައް ބައްޓަންކުރުމަކީ ތިމާގެ އަމިއްލަ އިޚުތިޔާރުގައިވާ ކަމެކެވެ. އެހެނީ، އެ ނުސާފު ވައިން ނޭވާލަނީ ހަމައެކަނި ތިބާގެ ފުއްޕާމެއެއް ނޫނެވެ. މުޅި ހަށިގަނޑެވެ.

comment ކޮމެންޓް